އިޒްރޭލު ސިފައިންގެ ރަހުމެއްނެތް ހަމަލާ ތަކުގައި ކޮންމެ ދުވަހަކުވެސް ފަލަސްތީނުގެ ފަންސާހަކަށް ފަސްދޮޅަހަކަށް މީހުން ޝަހީދު ވަމުންދާކަމަށް ހަބަރުތަކުގެ ފަލަސުރުހީގައި ވެއެވެ.މިގޮތުން އާދީއްތަ ދުވަހުވެސް ވަނީ އުތުރު ޢައްޒާއިން އެކަނި 67 މީހުން ޝަހީދު ކޮށްލާފައެވެ.
އިޒްރޭލް ސިފައިންގެ ހަމަލާތަކުން އާދީއްތަ ދުވަހު އެކަނި ޢައްޒާގެ އެކި ހިސާބުން 93 މީހުން މަރާލާފައި ވެއެވެ.
މިހާރަކަށް އައިސް އިޒްރޭލުން ހަމަލާދެނީ އިންތިހާ ދަރަޖައިގެ ބަނޑުހައިހާލުގައިތިބޭ ރައްޔިތުން ކާއެތިކޮޅެއް ހޯދުމަށް އެއްވާ ތަންތަނަށެވެ. ހަމާސް ޖަމާއަތުން ހިންގާ ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި އާދީއްތަ ދުވަހު ހަމަލާދީފައިވަނީ އދން އިންތިޒާމް ކޮށްގެން ފޮނުވި ފުށް ހޯދުމަށް އެއްވި މީހުންނަށް އަމާޒު ކޮށްފައެވެ.ވަރލްޑް ފުޑް ޕްރޮގްރާމުން ބުނެފައިވާ ގޮތުނުގައި ފުށް ބަސްތާތައް ހިފައިގެން އުތުރު ޣައްޒާ ގައި ކާބޯތަކެތި ބެހުމަށް ހަމަޖެހިފައިވާ ތަނަށް އެމީހުންގެ 25 ޓްރަކް ދިއުމާއި އެކު ފަލަސްތީނުގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ފުށް ހޯދުމަށްޓަކާ އެތަނަށް ބޮނޑިވިއެވެ. އެވަގުތު އެއްވި މީހުންނަށް އަމާޒުކޮށް އިޒްރޭލު ސިފައިން ހަމަލާ ތައްދީފައިވެއެވެ.
އިޒްރޭލު ސިފައިން ބުނެފައިވަނީ އެމީހުން ބަޑިޖެހީ ނުރައްކާ ކުރިމަތިވާ ކަމަށްބަލާފަ ”ވޯނިންގ ޝޮޓްސް“ ނުވަތަ އިންޒާރު ދިނުމުގެ ގޮތުން ކަމުގައެވެ. އަދި މަރުވި މީހުންގެ އަދަދާމެދުވެސް އެއްބަސް ވެފައެއް ނުވެއެވެ.
ހޮނިހިރު ދުވަހުވެސް އިޒްރޭލު ސިފައިން ހަމަ މިގޮތަށް ކާއެއްޗެއް ހޯދަން އެއްވި މީހުންނަށް ހަމަލާދިނުމުގެ ސަބަބުން ފަންސާހަކަށް މީހުން ޝަހީދު ވެފައި ވެއެވެ.
ހޮނިހިރު ދުވަހު ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ފަލަސްތީން ސަރަހައްދު ތަކުގައި ބަނޑުހައިކަމާ ވަރުބަލިކަން ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށާ، އެފަދަ ހާލަތުގައި އެހީތެރިކަމަށް އެދޭމީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށް ބުނެފައެވެ.އަދި ހަމަލާއަކުން ނޫނަސް ބަނޑުހައިހޫނު ކަމުގައިވެސް ފަލަސްތީނުގެ އާންމު ރައްޔިތުން މަރުވަމުން ދާކަން ހާމަ ކޮށްފައިވެއެވެ. މިގޮތުން އާދީއްތަ ދުވަހު އެކަނިވެސް ބަނޑަށް މަރުވެފައިވާ 18 މީހުން ފެނިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ބަނޑުހައި ހޫނު ކަމުގެ ހާލަތު އާންމުވެފައިވާ ވަރުން ގިނަ އަދަދަކަށް ކުޑަކުދިން މަރުވަމުން ދާއިރު، މުޅި އާބާދީވެސް މަރާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެސަރަހައްދުން ލިބޭ ޚަބަރުތައް ބުނެއެވެ. ކާނެ އެއްވެސް އެއްޗެއް ނެތި ބައެއްމީހުން ހުސްފަތް ކާކަމަށާ އެވަރުވެސް ނުހޯދިގެން ފެނަށް ލޮނު ކޮޅެއް އަޅައިގެން ހުސް އެބޯލައިގެންވެސް އެއްބަޔަކު ތިބެން ޖެހިފައިވާ ކަމަށް ވެއެވެ.
ވަރލްދް ފުޑް ޕްރޮގްރާމުން ބުނެފައިވަނީ އަވަސް ފަރުވާއަށް ބޭނުންވެފައިވާ 90 ހާހެއްހާ އަންހެނުންނާއި ކުޑަކުދިން ޢައްޒާގައި އެބަތިބި ކަމަށާ ކޮންމެ ތިން މީހަކުން އެކަކު އެތައް ދުވަހެއް ވަންދެން ނުކައި ހުންނަން ޖެހިފައިވާކަމަށެވެ.އަދި ކާއެތިކޮޅެއް ހޯދަން އެއްވާ މީހުންނަށް އަމާޒުކޮށްދޭ ހަމަލާތައް ވަރލްދް ފުޑް ޕްރޮގްރާމުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައިވެއެވެ.
އަނެއްކޮޅުން ޚަބަރުލިބޭ ގޮތުގައި 21 ދުވަހުގެ ހަނގުރާމައިގައި ހަމަލާ ނުދީއޮތް ސެންޓްރަލް ޢައްޒާ ސަރަހައްދުގައި ގިނަ އަދަދެއްގެ ފަލަސްތީން ރައްޔިތުން އަލުން އާބާދުވެގެން އުޅޭއިރު، އެސަރަހައްދު ހުސްކުރުމަށް އިޒްރޭލުގެ އަސްކަރިއްޔާއިން އަންގައިފިއެވެ.
އާނމު ގޮތެއްގައި މިގޮތަށް ވަކި ސަރަހައްދެއް ހުސްކުރަން އެންގުމަށްފަހު އެތަނަކަށް ހަމަލާދީ އެތަނެއް ސުންނާފަތި ކޮށްލައެވެ.