ސައޫދީއަރަބިއްޔާ ގައި ހެދިފައިވާ ގަވާއިދުތަކާ ޚިލާފަށް އުޅެމުންދާ މީހުން ހޯދުމަށް އެންމެ ފަހުން ހިންގުނު އޮޕަރޭޝަންގެ ދަށުން 23،167 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ. މި މީހުންނަކީ އެތަނުގެ ރެސިޑެންސީ ގަވާއިދު،ލޭބަރ ގަވާއިދު، އަދި ބޯޑަރ ސެކިއުރިޓީ ގަވާއިދާއި ޚިލާފަށް އުޅެމުން އައިސްފައިވާ މީހުންނެވެ.
ޖުލައިމަހުގެ 10ން 16 އަށް ހިންގުނު އޮޕަރޭޝަންގައި ރެސިޑެންސީ ގަވާއިދާއި ޚިލާފަށް އުޅެމުން އައި 14،525 މީހުން، ބޯޑަރ ސެކިއުރިޓީ ގާނޫނާ ޚިލާފަށް އުޅެމުން އައި 5،511 މީހުން އަދި ލޭބަރ ގާނޫނާ ޚިލާފަށް އުޅެމުން އައި 3،131 މީހުން ހިމެނެއެވެ.
ހަމަ މި މުއްދަތުގައި ސައޫދީ އަރަބިއްޔާއަށް ގަވާއިދާއި ޚިލާފަށް އެތެރެވާން އުޅުނު 1،593މީހުން ވެސް ވަނީ ހުއްޓުވާފައެވެ. މިމީހުންގެ 69 އިންސައްތައަކީ އިތިއޯޕިއާ މީހުން، އަދި 30 އިންސައްތައަކީ ޔަމަން މީހުން ކަމަށް ޚަބަރު ލިބެއެވެ.
މި އޮޕަރޭޝަންގެ ތެރޭން، ގަވާއިދާޚިލާފަށް އުޅެމުން އައި މީހުންނަށް ހިޔާވަހިކަންދީ، ދަތުރު ކޮށްދީ އަދި ވަޒީފާ ދިން 22 މީހުންވެސް ހައްޔަރު ކޮށްފައިވާކަމަށް ވެއެވެ.
މިހާރުވެސް މިފަދަ ކުށްތަކުގައި ހައްޔަރު ކުރެވުނު 16،441 މީހުންނާމެދު ގާނޫނީ ފިޔަވަޅު އެޅެމުންދާކަމަށް ޚަބަރު ލިބެއެވެ. މިހާތަނަށް 10،587 މީހުން ޑިޕޯޓް ކުރެވިފައިވާއިރު،8،622 މީހުންގެ ޓްރެވެލް ޑޮކިއުމެންޓް ހެދުމަށް އެމީހުންގެ ޑިޕްލޮމެޓިކް މިޝަން ތަކާ ހަވާލު ކުރެވިފައިވާ ކަމަށް ވެއެވެ.
ސައޫދީ އިންޓީރިއާ މިނިސްޓްރީން ވަނީ ގަވާއިދާ ޚިލާފަށް އެގައުމަށް އެތެރެވާން އެހީތެރިވެދީ އަދި އެފަދަ މީހުން ބައިތިއްބާ ދަތުރު ކޮށްދީ ހަދާ ފަރާތްތަކަށް ހަރުކަށި އަދަބު ދެވޭކަން އިއުލާން ކޮށްފައެވެ. މިގޮތުން އެފަދަ ފަރާތްތައް 15 އަހަރަށް ޖަލަށް ލުމުގެ އިތުރުން އެއްމިލިއަން ރިޔާލަ އިން ޖޫރިމަނާ ކުރެވޭނެއެވެ.އަދި ދަތުރު ކުރާ ވެހިކަލް އަދި ހިޔާވަހިކަންދޭ ގެދޮރުވެސް ސަރުކާރަށް ނެގޭނެއެވެ. އަދި އެފަދަ މީހުންގެ ނަންތައްވެސް އާންމު ކުރެވޭނެއެވެ.