ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް މިހާރަކަށް އައިސް އެކި މީހުން ބޭނުން ކުރަމުން އަންނަ އޮޒެމްޕިކް އަދި މައުންޖޭރޯ ފަދަ ބޭސްތައް،ދާއިރާއިން މައުލޫމާތުލިބި ހުރި ފަރާތެއްގެ ސުޕަވައިޒް ކުރުމެއްނެތި އަމިއްލަޔަށް ބޭސް ހޯދައިގެން ބޭނުން ނުކުރުމަށް އަންގާ ސައޫދީއަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބުﷲ އަސީރީ އާންމު އިންޒާރެއް ނެރުއްވައިފިއެވެ.
އަދި އެފަދަ ބޭސްތައް އަމިއްލަޔަށް ބޭނުން ކުރަމުން ދިއުމަކީ ސީރިއަސް ހެލްތު ”ރިސްކު“ ކުރިމަތިވެދާނެ ކަމެއްކަމަށް ޑޮކްޓަރ އަސީރީ ވިދާޅުވެފައި ވެއެވެ.
އެކްސް ގައި ލިއުއްވަމުން ޑޮކްޓަރ އަސީރީ ވިދާޅުވެފައިވަނީ ހަށިގަނޑު ލުއި ކުރުމަށް މިފަދަ ބޭސްތަކަށް ބަރޯސާ ވުމާއި އެކު ކުއްލިއަކަށް ކެލޮރީ މަދުކޮށްލުން ނުވަތަ ކުއްލިއަކަށް ވީގަން ޑައެޓަކަށް ބަދަލު ކޮށްލުން ފަދަ ކެއުމުގެ އާދައަށް ގެންނަ ކުއްލި ބަދަލު ތަކުގެ ސަބަބުން ހަށިގަނޑުގެ ނިއުޓްރިޝަން ބެލެންސް ގެއްލި ސީރިއަސް ސިއްހީ މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ. އަދި ރަނގަޅަށް ބެލެންސްކޮށް ކެއުމުގައި މުހިންމު ބައިތައް ހިމަނާނަމަ ކޮންމެހެން އިތުރު ސަޕްލިމެންޓެއް ބޭނުން ނުވާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ޑޮކްޓަރ އަސީރީ ވަނީ ތެޔޮ ނުވަތަ ފެޓް އެކުލެވޭ ކެއުންތަކާ އަދި ހަށިގަނޑަށް ހަމަނުޖެހުން ގެނުވާ މިރުހާ ހަވާދުގެ ބައިތައް ނުކެއުމަށާ އަދި ގަވާއިދުން ހިނގުން ފަދަ ކަސްރަތެއް ކޮންމެ ދުވަހަކުވެސް ކުރުމަށް ގޮވާލައްވާފައެވެ.
ސައޫދީ ޑެޕިއުޓީ ހެލްތު މިނިސްޓަރ މިމޭރުމުން އާންމުންނަށް ނަސޭހަތް ދެއްވާފައިވަނީ ބޭސް ސިޓީ އެއްނެތި އެފަދަ ބޭސްތައް ބޭނުން ކުރަމުންދާ މީހުންގެ އަދަދު ސައޫދީއަރަބިއްޔާގައިވެސް އިތުރު ވަމުން ދާތީ މެޑިކަލް ދާއިރާގެ އިސްފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.