ޕާކިސްތާންގެ ފައިސަލްއާބާދުގައި ހިންގަމުންގެންދިޔަ ސްކޭމް ކޯލް ސެންޓަރެއް އެގައުމުގެ ފުލުހުން ރެއިޑްކޮށް 149 މީހުން ހައްޔަރު ކޮށްފިއެވެ.
ޕާކިސްތާންގެ ނެޝަނަލް ސައިބާކްރައިމް އިންވެސްޓިގޭޝަން އޭޖެންސީ އިން ބުނި ގޮތުގައި ފުލުހުން ހަރަކާތްތެރިވެފައިވަނީ އެސެންޓަރާބެހޭގޮތުން ލިބުނު އިންޓެލިޖަންސް މައުލޫމާތަކާ ގުޅިގެން ކަމުގައެވެ.
ފައިސަލްއާބާދުގައި ހިންގަމުންގެންދިޔަ ސްކޭމް ކޯލް ސެންޓަރުން ކުރަމުން ގެންދިޔައީ ޕޮންޒީ ސްކީމް ތަކުގައި މީހުން ޖައްސާ ހީލަތްތެރިކަމާއެކު ބޮޑެތި އަދަދު ތަކުން ފައިސާ އަތުލުމުގެ މަސައްކަތް ކަމަށް ޚަބަރުތައް ބުނެއެވެ.
ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ޕާކިސްތާންގެ 78 މީހުންނާއި ޗައިނާގެ 48 މީހުންގެ އިތުރުން ނައިޖީރިޔާގެ 8 މީހުން،ފިލިޕީންސްގެ 4މީހުން،ސްރީލަންކާގެ 2މީހުން ،ބަންގްލާދޭޝްގެ 6މީހުން،މިޔަންމާގެ 2މީހުން އަދި ޒިމްބާބްވޭއަށް ނިސްބަތްވާ އެކަކު ހިމެނެއެވެ.
ހައްޔަރު ކުރެވުނު 149 މީހުންގެތެރޭގައި 18 އަންހެނުން ހިމެނެއެވެ.
ފުލުހުން މައުލޫމާތުދީފައިވާ ގޮތުގައި މިމީހުންގެ މަޅީގައި ޖެހޭ މީހުން ފުރަތަމަ ކުރާ އިންވެސްޓްމަންޓަށް ފައިދާއާއެކު އެފައިސާ އަނބުރާ ދެއެވެ.އެއަށްފަހު ބޮޑެތި އަދަދު ތަކުން ފައިސާ ދިނުމަށް އެދެއެވެ.ފުރަތަމަ ވަޓްސްއެޕް ގްރޫޕްތަކުން މުއާމަލާތު ކުރިނަމަވެސް ފަހުން ޓެލެގްރާމް ލިންކްތައް ފޮނުވާ ޓެލެގްރާމުން މުއާމަލާތައްކުރިޔަށް ގެންދެއެވެ. ފުރަތަމަ އެދެނީ ޓިކްޓޮކް އަދި ޔޫޓިއުބް ޗެނެލް ތަކަށް ސަބްސްކްރައިބް ކުރުންފަދަ އާދައިގެ ބައެއް ކަންތައް ކުރުމަށެވެ. އެއަށްފަހު ފައިސާ ފޮނުވަން އެދޭ ހަމައިން ޓެލެގްރާމް އަށް ބަދަލު ކުރާކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
ޕާކިސްތާންގެ ރައްޔިތެއްކަމަށްވާ މުހައްމަދު ސާޖިދު މައުލޫމާތު ދިން ގޮތުގައި އޭނާގެ ފޯނު ނަމްބަރު ފުރަތަމަ އެތައްހާސް މެމްބަރުން ތިބި ޓެލެގްރާމް ޗެނެލް އަކަށް ”އެޑް“ ވީއެވެ. އެގްރޫޕްގައި މީހުން ދެއްކިވާހަކަތަކުން ކޮންމެ މީހަކަށްވެސް ގިނަ އަދަދު ތަކުން ފައިދާގެ ފައިސާ ލިބެމުންދާ ކަމަށް ބުނަމުން ދެއެވެ.އެހެން ކަމުން އޭނާވެސް އެކި ފަހަރުމަތިން ތިން މިލިއަނެއްހާ ރުޕީސް(11ހާސް ޑޮލަރު) ޚަރަދު ކޮށްފައި ވެއެވެ.
ސްޕޭމްކޯލް ސެންޓަރު ރެއިޑް ކުރުމަށްފަހު ފުލުހުންވަނީ އެތައްސަތޭކަ ކޮމްޕިއުޓަރާ ސާވާ،ކްރިޕްޓޯ ކަރަންސީ ،އަދި ބޭރު ގައުމުތަކުގެ ގިނައަދަދެއްގެ ސިމްކާޑު އަތުލާފައެވެ.
ރާއްޖޭގެ ބައެއް ފޯނުތައްވެސް ”ކޮމްޕްރޮމައިޒް“ ވެ ޓެލެގްރާމް ޗެނެލްތަކަށް އެޑްވެ، ފައިސާ ވަގަށް ނަގަމުން ދާކަމަށް ޚަބަރުލިބެއެވެ.