އިޒްރޭލަށް ކުރެއްވި ތާއީދާއި އެކު ”ކްރައުން ޕްރިންސް“ ރިޒާ ޕެހްލަވީ އަށް އަމިއްލަ ގައުމުގައި އޮތް ތާއީދު ގެއްލުނީތަ؟

Loading

Facebook
Twitter
WhatsApp

އިޒްރޭލުން އިސްވެ އިރާނަށް އުދުވާނީ ހަމަލާތަކެއް ދިނުމާއި ގުޅިގެން ފެށިގެންދިޔަ 12 ދުވަހުގެ ހަނގުރާމަ ހުއްޓާލި ދުވަސް ކަމަށްވާ ޖޫން މަހުގެ 24 ވަނަ ދުވަހު، އިރާންގައި އެންމެ ފަހުން ހުންނެވި ޝާހްގެ ދަރިކަލުން ރިޒާ ޕެހްލަވީ ވަނީ ޕެރިހުގައި ވަގުތުން ދުރަށް ދެއްކި ނޫސް ކޮންފަރެންސެއް ބާއްވަވާފައެވެ.


މި ޕްރެސް ކޮންފަރެންސްގައި ،އުމުރުފުޅުން މިހާރު 64 އަހަރުގެ ރިޒާ ޕެހްލަވީ ވަނީ އެމެރިކާއިން އިރާން ސަރުކާރާއެކު އަލުން ޑިޕްލޮމެޓިކް ވާހަކަ ތަކަށް ދިއުމަކީ އިރާން ސަރުކާރަށް ދެވޭ ”ލައިފް ލައިން“ އަކަށް ވާނެކަމަށް ވިދާޅުވެ އެކަން ނުކުރުމަށް ހުޅަގަށް ގޮވާލައްވާފައެވެ.
1979 ވަނަ އަހަރު އިރާނުގައި ހިންގުނު އިސްލާމިކް ރިވޮލިއުޝަންގައި ވަނީ ރިޒާ ޕެހްލަވީގެ ބައްޕަ،ޝާހްގެ ރަސްކަން ނިމުމަކަށް ގެނެސްފައެވެ.އެހެން ކަމުން އާއިލާގެ މެމްބަރުން އުޅުއްވަމުން ގެންދަވަނީ ގައުމުން ބޭރުގައެވެ.
އިރާނުގެ ”ކްރައުން ޕްރިންސް“ގެ ގޮތުގައި އަމިއްލަ ފުޅަށް ލަގަބް ދެއްވައިގެން އުޅުއްވާ ރިޒާ ޕެހްލަވީ ވެސް ބޭނުން ފުޅުވަނީ އެމެރިކާ އަދި އިޒްރޭލުން ބޭނުންވާ ގޮތަށް އިރާން ގެ ”ރެޖީމް“ ނުވަތަ ވެރިކަމުގެ އިސްމެމްބަރުން ބަދަލުކުރާށެވެ.
ޖޫން 24 ވަނަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލް ވުމުގައި ރިޒާޕެހްލަވީ ވަނީ އިރާންގެ އިސްލާމިކް ރިޕަބްލިކް ސަރުކާރު މިހާރު ވަނީ ވެއްޓެން ވަރަށް ކައިރިވެފަ ކަމަށް ވިދާޅުވެފައެވެ. އަދި ދެޖަރުމަނު އެއްކޮށްލެވުނު އިރު އެދެގައުމު ދެމެދުހުރި ފާރު ކަމަށްވާ ”ބާލިންވޯލް“ ވެއްޓުމަށްވެސް މާގިނަ ވަގުތު ނުނެގިކަން ހަނދާން ކޮށްދެއްވަމުން ރެޒާ ޕެހްލަވީ ވިދާޅުވީ މިވަގުތަކީ އިރާނަށް ”ބާލިންވޯލް ހިންދުކޮޅު“ ކަމުގައެވެ.އެހާވެސް އަވަހަށް އިރާންގެ ރެޖީމް ވެއްޓޭނެކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އަދި ހަނގުރާމައިގެ ބޭނުން ހިފައި މަގުތަކަށް ނިކުމެ ސަރުކާރު ވައްޓާލުމަށް އާންމު ރައްޔިތުންނަށް ގޮވާލައްވާފައި ވެއެވެ.
ނަމަވެސް ޕެހްލަވީ އެދިލެއްވި ގޮތަށް އާނމުން މަގުތަކަށް ނުނިކުތެވެ. އޭގެ ބަދަލުގައި ބޭރުގެ އުދުވާނީ ބާރަކުން އިރާނަށް ހަމަލާދިނީތީ އާންމު ރައްޔިތުން،ސަރުކާރާ ދެކޮޅު ފަރާތްތައްވެސް ހިމެނޭގޮތަށް، އިހްތިޔާރުކުރީ ގައުމީ ދިދަޔަށް އިހްތިރާމް އަދާކޮށް ދިދައިގެ ވަށައިގެން ތިބުމަށެވެ. އިރާންގެ ސުޕްރީމް ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީ ވެރިކަމުން ދުރުކޮށް އެމަގާމަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ރިޒާ ޕެހްލަވީ ޕްރެސްކޮންފަރެންސްގައި ސާފުބަހުން ވިދާޅުވި ނަމަވެސް އިރާންގެ އާންމުން މިހާރު އެގޮތް ބޭނުން ނޫންކަން ސާފުކޮށް އޭނާއަށް އެނގިވަޑައިގެންނެވިއެވެ.
އިޒްރޭލުންވެސް ބޭނުންވާގޮތަށް އިރާންގެ ވެރިކަމުގެ ރެޖީމް ބަދަލުކުރަން ޕެހްލަވީ އެދިވަޑައިގެންނެވިނަމަވެސް އޭނާ އަށް ނުވަތަ ޝާހް އާއިލާއަށް ކުރިން ތާއީދުކުރި ގިނަ ބަޔަކު މިހާރު އެގޮތް ބޭނުމެއް ނޫނެވެ.
އިޒްރޭލުގެ ހަމަލާތަކުން އިރާނުގެ 935 މީހުން ޝަހީދުވެފައިވާއިރު، ކުޑަމިނުން އިޒްރޭލުގެ އަމަލުތައް ކުށްވެރި ނުކުރެއްވުމުގެ ސަބަބުން ރިޒާ ޕެހްލަވީ ނުވަތަ އެއާއިލާ އަށް ކުރިން ލިބެމުން އައި ތާއީދު ގެއްލިގެން ދިޔައީ ކަމަށް ބެލެވެއެވެ. އިޒްރޭލުން އިރާންގެ އެޕާޓްމަންޓް ބިލްޑިންގ ތަކަށް ހަމަލާދީ އާންމު ރައްޔިތުން މަރަމުން ދިޔައިރު އިޒްރޭލްގެ ހިމާޔަތުގައި ވާހަކަ ދެއްކެވުމުގެ ސަބަބުން ކުރިން ”ޝާހް“ މިނަމަށް ލިބެމުން އައި ގަދަރާ އިއްޒަތްވެސް ނެތި ގޮސްފައިވާކަމަށް އިރާންގެ ކަންކަމާބެހޭ އެކްސްޕަރޓް ޓްރީޓާ ޕާސީ ބުނެފައި ވެއެވެ.
ގިނަ ފަރާތްތަކުން ގަބޫލް ކުރާ ގޮތުގައި ރިޒާ ޕެހްލަވީ އަށް މިއަދު އިރާންގައި އެއްވެސް ތާއީދެއް ނެތެވެ. އިހުގެ މީހުންވެސް އަދި މިހާރުގެ ޒުވާނުންވެސް ގަބޫލު ކުރާ ގޮތުގައި ރިޒާ ޕެހްލަވީ ގެ މިއަދު ސާފު ޕޮލިޓިކަލް ވިޝަން އެއްނެތެވެ.
އިސްލާމިކް ރިވޮލިއުޝަންގެ ކުރިން އިރާން އަކީ ސެކިއުލަރ އަދި ހުޅަގަށް ވަރަށް ބޮޑަށް ލެނބިފައިވާ ގައުމެކެވެ.އެހެން ކަމުން މިއަދުވެސް ރިޒާ ޕެހްލަވީ އެގޮވާލައްވަނީ އިރާން، އެފަދަ އިރާނަކަށް ހެދުމަށް ކަމަށް ވުމާއިއެކު އެއީ މިއަދު އެއްބަޔަކުވެސް ބޭނުން ގޮތެއް ނޫންކަމަށް ގިނަ މީހުން ބުނެފައި ވެއެވެ.އަދި ރިޒާ ޕެހްލަވީ އަށް އޮތްނަމަ އޮތް ތާއީދެއް އޮތީވެސް އޭނާގެ ކާފަ ރިޒާ ޚާން އަދި ބައްޕަ މުޙައްމަދު ރިޒާ ޕެހްލަވީގެ ވެރިކަމުގެ ފަނޑުވަމުންދާ ހަނދާންތަކުގެ ސަބަބުންކަންވެސް ގިނަ މީހުން ފާހަގަ ކުރެއެވެ.
އިސްލާމިކް ރިވޮލިއުޝަން ގެނައިއިރު އުމުރުން 17 އަހަރުގެ ރިޒާ ޕެހްލަވީ ހުންނެވީ ފައިޓަރ ޕައިލެޓަކަށް ވުމަށް އެމެރިކާގައެވެ. އޭގެ ފަހުން އޭނާ އިރާނަށް ވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް ފުރިހަމަ ބާރާއެކު އެނބުރި ގައުމަށް ވަޑައިގެންނެވުމަކީ އެދުވަހުން ފެށިގެންވެސް އޭނާގެ އަޒުމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް