އަހަރެންނާ އަލީ އުޅެމުން އައީ އެއްމަގެއްގަ ހުންނަ ދެގޭގައެވެ. އެގޮތުން ދެމީހުން ވަރަށް ގިނައިން ފެނިދެނިވެއެވެ. އޭނަގެ ބައްޕަ އަކީ ސްކޫލްގެ ޓީޗަރެކެވެ.އަހަރެންގެ ބައްޕަ އިންނަނީ މާރުކޭޓުގައި ކާށި ވިއްކާށެވެ. ދެމީހުންގެ ފެންވަރު ކިތަންމެ ތަފާތު ނަމަވެސް އަހަރެންނަށް އޭނަދެކެ ވަރަށް ބޮޑަށް ލޯބި ވެވުނެވެ.
އޭނައަކީ ހަޔާތުގައި ކުރިޔަށް ދާންވީ މަގު ރަގަޅަށް ކަނޑައަޅައިގެން ހުރި ޒުވާނެކެވެ.އަޒުމެއް އޮވެއެވެ. އަބަދުވެސް ދައްކާނީ ބޮޑުވެގެން ބޭރު ގައުމަކަށް ގޮސް ވަޒީފާ ހޯދާވާހަކައެވެ.
ކޮންމެސް ބަހަނާއެއް ދައްކައިގެން އަހަރެން އޭނާގެ ގެޔަށް ދާންފެށީމެވެ. އަދި އޭނާޔަށް ކައްކާދީ ވެސް ހަދަމެވެ. އަހަރެން ކައްކާ އެއްޗެތި އޭނާޔަށް ވަރަށް މީރުވާނެއެވެ. އަހަރެން ކައްކާ އެއްޗެތި ކެއުމަށްފަހު އެތައް ފަހަރަކު ބުނެއެވެ. ސާރާ އަހަރެންނަށް ހާދަހެވެ.ސާރާ ހާދަ ރަގަޅެވެ. އަހަރެން އިންނާނީ ސާރާ އާއެވެ.އެހެން އަންހެނަކާދިމާލަށް ބަލާވެސް ނުލާނަމެވެ. އަހަރެން އޭނަގެ އެވާހަކަތައް ގަބޫލު ކުރީމެވެ. އަދި ހުރީ ވަރަށް އުފަލުންނެވެ.
އޭނާޔަށް ގޮތެއް ފެންނަން ދެނެވެ.
އޭނާއަށް ކެނެޑާއިން ޓެކްނީޝިއަން އެއްގެ ވަޒީފާ އެއް ލިބުނެވެ. އެހާހަމައިން އޭނަ މުޅިން ތަފާތު މީހަކަށް ވިއެވެ. ހެދުން އަޅާގޮތްވެސް ބަދަލު ވެއްޖެއެވެ. އަގުބޮޑު ރީތި ހެދުންލާ ސްޓައިލިޝް މީހެއް ހެން ހެދުން އަޅަން ފެށިއެވެ. އަދި ކުއްލިއަކަށް އަހަރެން މީ ”ނުފުދޭ“ މީހަކަށް ވެއްޖެއެވެ.
އެއްދުވަހަކު ވަޓްސްއަޕް ކޯލެއްކޮށްފަ އޭނަ އަހަރެން ގާތުގައި ބުންޏެވެ. ”ސާރާ އަކީ ވަރަށް ރަގަޅު ކުއްޖެކެވެ.އެކަމަކު އަހަރެން ބޭނުންވަނީ ތަންކޮޅެއް ޒަމާނީ، މީހުންގެ ތެރެޔަށް ނިކުމެ އުޅެން ކެރޭކަހަލަ މޮޑަރން އަންހެނެކެވެ. ސާރާއަކީ މާ އާދައިގެ ކުއްޖެކެވެ.“ މާނައަކީ އޭނާ އަހަރެން ދޫކޮށްލީއެވެ.
އަހަރެން އާދޭހެއް ނުކުރަމެވެ. އެކަމަކު ވަރަށް ރުއިމެވެ. މީހާ މުޅިން ހަލާކުވާވަރު ވިއެވެ.
އެއަށްފަހު އަހަރެންވެސް ހިތުގައި އަޒުމެއް ކަނޑައެޅީމެވެ. މީހަކު ދެކެ ކިތަންމެ ލޯބިވިޔަސް މީހެއްގެ މަދަދާ ނުލާއުޅެވޭ ވަރުގެ މީހަކަށް ވުމަށެވެ.
އަހަރެން ހެދުން ވިއްކާ އޮންލައިން ފިހާރައެއް ހުޅުވީމެވެ. ރަށުތެރޭން ރީތި ހެދުންތައް ވިއްކާތަންތަނުން ހެދުން ގަނެގެން ގެނެސް އެއްޗެއްލާފަ އޮންލައިންކޮށް ވިއްކަނީ އެވެ. ދާދި އަވަހަށް އަހަރެންގެ ވިޔަފާރި ފުޅާވެގެން ގޮސް އެހެން ދެތިން ގައުމުގައިވެސް ފިހާރަ ހުޅުވޭ ވަރު ވެއްޖެ އެވެ.
ފަސް އަހަރު ފަހެވެ.
އެއްދުވަހަކު އަހަރެންގެ މެނޭޖަރު އައިސް ބުންނެވެ. ކެނެޑާގައި އަހަރުން ހިންގާ ފިހާރައިގެ ޓެކް ބައިން ވަޒީފާއެއް ހޯދަން ވަރަށް ސްމާޓް މީހަކު އެދިފައި ވެއެވެ. އަހަރެން އޭނަގެ ނަން އަހާލީމެވެ. ޝައްކެއް ވެގެންނެވެ. ހަމަ ވީ އަހަރެން ހީކުރި ގޮތަށެވެ. އެއީ އަހަރެންގެ ހިތުގެ ރަސްގެފާނު އަލީ އަށެވެ.
އަހަރެން އަލީގެ ވަޒީފާއަށް ވަގުތުން ހުއްދަ ދިނީމެވެ. އެހާހަމައިން އޭނާއަކީ އަހަރެންގެ ކުންފުނީގެ މުވައްޒަފެކެވެ.
އޭގެ ދެ ހަފްތާ ފަހުން އަހަރެންގެ ކެނެޑާ އޮފީހަށް އޭނަ ވަދެގެން އައިތަން ފެނުނެވެ. ވެރިޔާގެ ގޮޑީގައި އަހަރެން އިންދާ ފެނިގެން އޭނާ އަށް ޝޮކެއް ލިބުނެވެ. އަދި ބުންޏެވެ. ”ސާރާ މިތަނުގައި ކީއްކުރަނީ ހެއްޔެވެ.؟“
އަހަރެން މަޑުމަޑުން ހިލާފައި ބުނީމެވެ.“އަހަރެންމީ އެއްކަލަ ތަހުޒީބުކަމެއްނެތް ރަށްފުށު މީހާއެވެ. އެކަމު މިއަދު ކަންތައް މިވީގޮތް ނިކަން ބަލާށެވެ. މިއަދު އަލީގެ ވަޒީފާގެ ސިޓީގަ ސޮއި ކުރަން މިޖެހުނީ އަހަރެންނަށެވެ.“ އެވަގުތު އޭނަ ކޮންމެވެސް ވާހަކަތަކެއް ދައްކަން މަސައްކަތް ކުރިއެވެ. މައާފަށް އެދެން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އަހަރެން އަތް ހިއްލާލާ އޭނަ ހުއްޓުވާލީމެވެ. އަދި ބުނީމެވެ. ”ކެނެޑާ އޮފީހަށް މަރުހަބާއެވެ.ވެވުނު އެންމެ ރަގަޅަކަށް ވަޒީފާ އަދާކުރަމުން ގެންދާށެވެ. މިކުންފުނިން ބަލާނީ ނެރެވޭ ނަތީޖާއަށެވެ. ކޮންމެހެން ވާހަކަ ދައްކާ ޒަމާނީ ރާގުގަނޑަކަށް ނޫނީ ލާހެދުމަކަށް ނޫނެވެ.“