ދެތިން އަހަރުތެރޭ އިރާނުން ނިއުކްލިއަރ ބޮން އުފައްދާނެކަމަށް ނަތަންޔާހޫ ކިޔާތާ މިއީ 33 ވަނަ އަހަރު!

Loading

Facebook
Twitter
WhatsApp

ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިޒްރޭލުން އިރާނަށް ހަމަލާދިނީ އިރާނުން ނިއުކްލިއަރ ބޮމެއް އުފައްދަން ވަރަށް ކައިރިވެފައިވާތީ އެކަން ހުއްޓުވުމަށް ކަމަށް ބުނެއެވެ. ނަމަވެސް އދ ގެ ނިއުކްލިއަރ ވޮޗް ޑޯގް ވެސް އިރާނުގައި އެފަދަ މަސައްކަތެއް ކުރިޔަށް ދާކަން ޔަގީން ކޮށްދީފައެއް ނުވެއެވެ.


އިރާނުން ނިއުކްލިއަރ ބޮމެއް އުފެއްދުމާ ވަރަށް ކައިރިވެފައިވާ ކަމަށް ނަތަންޔާހޫ ކިޔަމުންދާތާ މިއީ 33 ވަނަ އަހަރެވެ.
އެންމެ ފުރަތަމަ 1992 ވަނަ އަހަރު އިޒްރޭލުގެ މަޖިލީސް ”ކްނެސެޓް“ އާ މުހާތަބު ކުރަމުން ނަތަންޔާހޫ ބުނީ ނިއުކްލިއަރ ބޮމެއް އުފެއްދުމަށް އިރާނުން ކުރާ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދާކަމަށާ،ކުރިޔަށް އޮތް ތިން އަހަރާ ފަސްއަހަރާ ދެމެދުގެ މުއްދަތެއްގައި ކާމިޔާބު ކުރާނެ ކަމުގައެވެ.
އޭގެ ތިން އަހަރު ފަހުން ”ފައިޓިންގ ޓެރަރިޒަމް“ގެ ނަމުގައި ނަތަންޔާހޫ ލިޔުނު ފޮތުގައިވެސް ދީފައިވަނީ ހަމަ އެ މުއްދަތެވެ. ކުރިޔަށް އޮތް ތިން އަހަރާ ފަސްއަހަރާ ދެމެދުގެ މުއްދަތެއްގައި އިރާނުން އެކަން ކުރާނެ ކަމަށް ފޮތުގައިވެސް ބުނެފައި ވެއެވެ.
2002 ވަނަ އަހަރަށް ކުރިޔަށް ޖެހިލާއިރު، ނިއުކްލިއަރ ހަތިޔާރު ހުރިކަމަށް ބުނެ އެމެރިކާއިން އަވަށްޓެރި އިރާޤް ހިޞޯރު ކުރަންޖެހޭ ކަމަށް ގަދައަޅާ ގޮވާލި އެކަކަށް ނަތަންޔާހޫ ވެއެވެ. އެމެރިކާ އަށްގޮސް އެތަނުގެ ކޮންގްރެޝަނަލް ކޮމިޓީގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނެފައި ވަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް އިރާނާ އިރާޤް ވާދަކުރަމުންދާ ކަމަށާއި އެހެން ކަމުން އެ ގައުމުތަކަށް އަރާ ހިޞޯރު ކޮށްގެން ނަމަވެސް އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ.
އެމެރިކާއިން އިރާގަށް އަރާފައި ވަނީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ. ނަމަވެސް އިރާގުން އެއްވެސް ނުރައްކާތެރި ހަތިޔާރެއް ފެނިފައެއް ނުވެއެވެ.
އަނެއްކާވެސް ކުރިޔަށް ޖެހިލާއިރު 2009 ވަނަ އަހަރު ވިކިލީކްސް އިން ހާމަކުރި، ސްޓޭޓް ޑިޕާޓްމަންޓްގެ ކޭބަލް އެއްގައިވާ ގޮތުން އެކެއް ނުވަތަ ދެއަހަރުގެ ތެރޭގައި އިރާނުން ނިއުކްލިއަރ ބޮން އުފައްދާނެ ކަމަށް ނަތަންޔާހޫ ކޮންގްރެސް އާ މުޚާތަބް ކޮށް އަނެއްކާވެސް ބުނެފައި ވެއެވެ.
އޭގެ ތިން އަހަރު ފަހުން 2012 ވަނަ އަހަރު ކާޓޫނު ބޮމެއްގެ ކުރެހުމެއް ދައްކަމުން އދ. ގެ ގެނެރަލް އެސެމްބްލީ އާ މުޚާތަބް ކޮށް ނަތަންޔާހޫ ކުރެހުމުގެ އެންމެ މަތީ ބައިތަކުގައި އިގިލި ޖައްސަމުން ބުނީ ނިއުކްލިއަރ ބޮން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތުގެ 90 އިންސައްތަ މިހާރު އިރާނުން ފުރިހަމަ ކޮށްފި ކަމަށާ ދެން އޮތީ ވަރަށް ކުޑަތަން ކޮޅެއް ކަމުގައެވެ. މިހެން ބުނެ ކުރެހުމުގެ އެންމެ މަތީގައިވާ ކުޑަ ގޮޅިއަށް އިޝާރާތް ކޮށްފައި ވެއެވެ. އޭރު އޭނާ ބުނި ގޮތުގައި ޔުރޭނިއަމް ފައްކާކުރުމުގެ މައްސައްކަތް އީރާނުން މިހާރު ކުރަމުން ދާގޮތަށް ކުރިޔަށް ގެންގޮއްސިނަމަ ކުރިޔަށް އޮތް ބަހާރު މޫސުމުގައި،ނުވަތަ އެންމެ ލަސްވެގެން ވެސް ހޫނު މޫސުމުގައި އިރާނުން މަސައްކަތް ފުރިހަމަ ކުރާނެއެވެ. އަދި އެހާތަނަށް ފުރަތަމަ ބޮމަށް ބޭނުންވާވަރަށް ފައްކާކުރި ޔުރޭނިއަމް ހަމަ ކުރާނެ ކަމަށާ އެއީ މަދު ހަފްތާކޮޅެއް ކަންވެސް ނަތަންޔާހޫ ފާހަގަ ކޮށްފައި ވެއެވެ.
ނަމަވެސް 2012 ވަނަ އަހަރުން ފެށިގެން 2025 އަށް އައި އިރުވެސް އިރާނުން އިސްވެ އިޒްރޭލަށް ހަމަލާއެއް ދީފައެއްނުވެއެވެ.އަދި ދޭން އުޅެފައެއްވެސް ނުވެއެވެ.
އިސްވެ ހަމަލާދިނީ އިޒްރޭލުންނެވެ. މިދިޔަ ހުކުރު ދުވަހުއެވެ. އަމިއްލަ ދެމިއޮތުމަށް ހުރި ނުރައްކާ ފިލުވާލުމަށް ކަމަށް ބުނެއެވެ.
މިހަމަލާތައް އިޒްރޭލުން ދީފައިވަނީ އިރާނުގައި ނިއުކްލިއަރ ބޮމެއް ނެތްކަމަށް އެމެރިކާގެ އެމެރިކާގެ ޑިކެކްޓަރ އޮފް ނެޝަނަލް އިންޓެލިޖަންސުންވެސް ބުނެފައި ވަނި ކޮށެވެ.ނަމަވެސް ނަތަންޔާހޫ ބުނީ އިރާނުން ދޮގު ހަދަނީ ކަމުގައެވެ.
ހަމަލާތައް ދިނުމުގައި އެމެރިކާއިން ބައިވެރިވާކަން އެއީ އެންމެން ދަންނަ ސިއްރެކެވެ.
ފަހުގެ އަޕްޑޭޓް ތަކަށް ބަލާއިރު، އެއްވެސް ޝަރުތަކާނުލާ އިރާނުން އަމާން ދިނުމަށް ރައީސް ޓްރަމްޕް ބުދަދުވަހު ވަނީ ގޮވާލައްވާފައެވެ. އަދި ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހުންނެވިތަން ”އަހަރުމެން“ ނަށް އިނގޭ ކަމަށާ ނަމަވެސް މިވަގުތު އަދި ޚާމަނާއީ އަށް ހަމަލާއެއް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
އަނެއްކޮޅުން އެމެރިކާއިން ގެންދަނީ މެދުއިރުމައްޗަށް އިތުރު ބޮން އަޅާ ބޯޓް ތައް ފޮނުވަމުން ކަމަށް ޚަބަރު ލިބެއެވެ. އަދި މިހާރުވެސް އެސަހައްދަށް ފޮނުވާފައިވާ މަނަވަރުތައް އެތާ ތިބުމުގެ މުއްދަތުވެސް އިތުރު ކޮށްފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް