ކަރަންޓުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު އެއްބަސްވުމަކަށް އައުމަށް ފެނަކައިން އިންކާރުކޮށްފައިވާތީ، އެ މައްސަލަ ކޯޓަށް ހުށަހަޅަން ކުޅުދުއްފުށީ ކައުންސިލުން ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ވާގޮތުން، އެ ސިޓީއެއްގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ކައުންސިލުން ފޯރުކޮށްްދޭންވާނެ ކަމަށާއި، ޚިދުމަތް ފޯރުކޮށްދެނީ ތިންވަނަ ފަރާތަކުން ކަމުގައިވާނަމަ އެ ފަރާތާ ކައުންސިލާ ދެމެދު އެއްބަސްވުމެއް އޮންނަން ޖެހޭކަމަށް ބަޔާންކުރެއެވެ.
ކުޅުދުއްފުށީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުޅުދުއްފުށީގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކައާއެކު އެއްބަސްވުމަކަށް އައުމަށް އެކި ފަހަރު މަތިން ލިޔުމުން އެދުމުންވެސް އެ ކުންފުނިން އެކަމަށް އެއްބާރުލުން ލިބިފައި ނުވާކަމަށާއި، އެއްބަސްވުމެއް ހެދުމަށް ފެނަކައިން ލިޔުމުން އިންކާރުކޮށްފައި ވާކަމަށެވެ.
ނަމަވެސް ކައުންސިލަކީ ވަކި ގާނޫނީ ޝަޚްޞެއްކަމަށާއި، ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ކައުންސިލްގެ ޒިންމާއެއްކަމަށާއި، ލާމަރުކަޒީ ގާނޫނުން ލާޒިމުކުރާ އެއްބަސްވުން އެކުލަވާލުމަށް ކައުންސިލުން ބޭނުންވާ ކަމުގައި ބުނެ ކައުންސިލުން ފެނަކައަށް ފާއިތުވި އަހަރުގެ ޖޫން 3ގައި ސިޓީއެއް ފޮނުވި ކަމަށެވެ.
ނަމަވެސް އެގޮތަށް ގާނޫނުގައި ބަޔާންކޮށްފައި ވީނަމަވެސް، ފެނަކައަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކުންފުންޏަކަށް ވާތީ، ތިންވަނަ ފަރާތެއްގެ ގޮތުގައި ފެނަކަ ނުބެލެވޭނެ ކަމަށް ބުނެ ފެނަކައިން ލިޔުމުން ޖަވާބުދީފައި ވާކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ.
ނަމަވެސް ގާނޫނުގައިވާ ތިންވަނަ ފަރާތެއްގެ ގޮތުގައި ފެނަކަވެސް ހިމެނޭނެ ކަމަށާއި، އެހެން ރަށެއްގެ ކައުންސިލަކާއެކު އެއްބަސްވުން ހެދިފައި ނެތުމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު އެއްބަސްވުން ނުހެދޭނެ ސަބަބެއް ނޫންކަމުގައި ބުނެ ކައުންސިލުން ފެނަކައަށް އިތުރު ސިޓީއެއް ފޮނުވި ކަމަށްވެސް ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވެއެވެ.
އެ ސިޓީގެ ޖަވާބު މިހާތަނަށް ދީފައިނުވާތީއާއި، ގާނޫނީ ވާޖިބު އަދާކުރުމަށް އިންކާރުކޮށްފައިވާތީ، ފެނަކައާ ދެކޮޅަށް ޝަރީޢަތަށް މި މައްސަލަ ހުށަހެޅުމަށް ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ޖަލްސާގައި ފާސްކޮށްފައި ވާކަމަށްވެސް ބަޔާނުގައި ވެއެވެ.
One Response
ހީވަނީ ދެ ސަރުކާރެއް އޮވޭހެނެވެ. އެހެންތާއޭ ވާނީ، ސަރުކާރެއް ހިންގައިދޭވަރުގެ އުރަތްޕެއް ހުރި ގިނަ ބަޔަރކު ރައިސް މުޢިއްޒުގެ ކައިރިއަކު ނެތެވެ. ބާރުގަދަޔޭ މިކިޔާ މިނިސްޓަރުންނަކީވެސް މިލިޔަނުން ދެތިން މިލިޔަން ޑޮލަރު އަދުރޭއަށް ނުވަތަ މުޢިއްޒުއަށް ދީގެން ވަޒީފާ ގަނެފާތިބި މީހުނޭވެސް ހަވަރު އެބަގޮވާ ވިއްޔާއެވެ. ހުރިހާ ދިމާލަކުން ރައްޔަތުންނަށް މިވެރިންގެ ކޯލުންގަނޑު ދެރަކަން ލިބެމުން ދެއެވެ. ދެން 2028 އަންނަންދެން ތިބޭނީދޯއެވެ.؟