ތޭރަ ފުލުހަކު ތަމްރީނު ޕްރޮގްރާމް ތަކެއްގައި ބައިވެރިވާން ތުރުކީ، ސިންގަޕޫރު އަދި ޔޫއޭއީ އަށް ފުރައިފި

Loading

Facebook
Twitter
WhatsApp

ދިވެހި ފުލުހުންގެ ޚިދުމަތުގެ 13 ފުލުހަކު ބައިނަލްއަގުވާމީ ތަމްރީނު ޕްރޮގްރާމްތަކެއްގައި ބައިވެރިވުމަށް ތުރުކީ،ސިންގަޕޫރު އަދި ޔޫއޭއީއަށް ފުރައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މި 13 ފުލުހުން ސިންގަޕޫރު އަދި އެމިރޭޓްސްގައި އެ ޕްރޮގްރާމަކަށް ހޮވުނު ފުލުހުން ހާއްސަ ތަމްރީނުތަކެއް ފުރިހަމަ ކުރާނެ ކަމަށެވެ.

އެގޮތުން ތުރުކީގެ ނޭޝަނަލް ޕޮލިސް އެކަޑަމީން އިންތިޒާމުކޮށްގެން ހިންގާ ދެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް 10 ފުލުހަކު ތުރުކީއަށް ވަނީ ފުރާފައެވެ. މި ފުލުހުން ބައިވެރިވާނީ އަންޑަރގްރެޖުއޭޓް އަދި މާސްޓާސް ލެވެލްގެ ތަމްރީނު ޕްރޮގްރާމްތަކެއްގައެވެ.

2024 އޭގެ ތެރެއިން އޮކްޓޯބަރު 7 އިން 2026 ސެޕްޓެންބަރު 30 އަށް ހިންގޭ ފަސްޓް ސްޓޭޖް ސުޕަވައިޒަރ ތަމްރީނު އަދި ނޮން-ތީސިސް މާސްޓަރސް ޕްރޮގްރާމްގައި ފަސް ފުލުހަކު ވަނީ ފުރާފައެވެ. ދެ އަހަރުގެ މި ޕްރޮގްރާމްގައި ހިމެނެނީ އެއް އަހަރުގެ ތުރުކީ ބަހުގެ ތައްޔާރީ ކޯހަކާއި، އިންސާނީ ހައްގުތަކާއި ފުލުހުންގެ މަސައްކަތް، ޓެރަރިޒަމް، ފުލުހުންގެ ލީޑަރޝިޕް އަދި ސެކިއުރިޓީ މެނޭޖްމަންޓް ފަދަ މޮޑިއުލްތައް ހިމެނޭ މާސްޓަރސް ލެވެލްގެ މުގައްރަރެކެވެ. މީގެ އިތުރުން، ބައިވެރިން ފިޒިކަލް ޓްރޭނިންގ އާއި، ހަތިޔާރު ބޭނުންކުރުމުގެ ތަމްރީނު އަދި ޓެކްޓިކަލް ތަމްރީނުތައް ވެސް ފުރިހަމަކުރާނެއެވެ.

މީގެ އިތުރުން، 2024 އޮކްޓޯބަރު 7 އިން 2029 ސެޕްޓެންބަރު 30 އަށް ހިންގޭ އަންޑަރގްރެޖުއޭޓް ތަމްރީނު ޕްރޮގްރާމް (ބެޗްލަރސް) ގައި ބައިވެރިވުމަށް 5 ފުލުހަކު ވަނީ ފުރާފައެވެ. މި ތަމްރީނު ފަށާނީ އެއް އަހަރުގެ ތުރުކީ ބަހުގެ ތައްޔާރީ ކޯހަކުންނެވެ. އޭގެ ފަހުން ގާނޫނު، ސިޔާސަތު، މެނޭޖްމަންޓް އަދި ކްރިމިނޮލޮޖީ ފަދަ މާއްދާތައް ހިމެނޭ ބެޗްލަރސް ޑިގްރީ ޕްރޮގްރާމެއް ފުރިހަމަކުރާނެއެވެ. މާސްޓަރސް ޕްރޮގްރާމްގެ ބައިވެރިންނެކޭ އެއްފަދައިން، މި ފުލުހުން ވެސް ފިޒިކަލް ޓްރޭނިންގ އާއި، ހަތިޔާރު އަދި ޓެކްޓިކަލް ތަމްރީނުތައް ފުރިހަމަކުރާނެއެވެ.

ސިންގަޕޫރު ޕޮލިސް ފޯސްއިން ހިންގާ ސީނިއަރ އޮފިސަރުންގެ އަސާސީ ކޯހުގައި 2 ފުލުހަކު ފުރާފައިވާއިރު 2024 ސެޕްޓެންބަރު 30 އިން 2024 ޖޫން 30 އަށް ހިންގޭ 10 މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ބައިވެރިންގެ ލީޑަރޝިޕާއި ޓެކްޓިކަލް ހުނަރުތައް އިތުރުކުރުމަށެވެ. މި ރެސިޑެންޝަލް ކޯހުގައި ހިމެނެނީ ފުލުހުންގެ ޑިފެންސް ޓެކްޓިކްސް، ފިޒިކަލް ޓްރޭނިންގ، ގާނޫނު އަދި ލީޑަރޝިޕް މާއްދާ ތަކެވެ. މީގެ އިތުރުން ބޭރު އެހެން ގައުމެއްގައި ކުރިއަށްދާ ބައެއް ވެސް މި ޕްރޮގްރާމްގައި ހިމެނެއެވެ.

އަބޫދާބީ، ޔޫއޭއީގައި ހިންގޭ ޕޮލިސް އެކަޑަމީ އެކްސްޗޭންޖް ޕްރޮގްރާމް އެއް ފުުލުހަކު ފުރާފައި ވާއިރު ޔޫއޭއީގެ އިންޓީރިއަރ މިނިސްޓްރީއާ ގުޅިގެން އަބޫދާބީ ޕޮލިސް ކޮލެޖުން އިންތިޒާމުކުރާ މި ޕްރޮގްރާމް ކުރިއަށްދާނީ 2024 އޮކްޓޯބަރު 01 އިން 2025 ޖަނަވަރީ 31 އަށެވެ.

މި ހަތަރު މަސްދުވަހުގެ ރެސިޑެންޝަލް އެކްސްޗޭންޖް ޕްރޮގްރާމްގައި ހިމެނެނީ ފިޒިކަލް ޓްރޭނިންގ އާއި، މަރޗިންގ ޑްރިލްސް، ފުލުހުންގެ މަސައްކަތުގެ އަމަލީ ތަމްރީނުތައް އަދި އިލްމީ ދިރާސާތަކެވެ. 

މި ތަމްރީންތަކަކީ ގާނޫނު ތަންފީޒުކުރުމާއި، ލީޑަރޝިޕް އަދި ފުލުހުންގެ މަސައްކަތުގެ އެކި ދާއިރާތަކުން މީހުން ބިނާކޮށް ހުނަރު އިތުރު ކުރުމަށް ކުރިއަށްގެންދާ ތަމްރީންތަކެއް ކަމަށް ފުލުހުން ހާމަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް