ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު މަރްހޫމް ޞަލާޙުއްދީންގެ ހަނދާނަށް އަރުވަނީ

Loading

Facebook
Twitter
WhatsApp

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

މި ޝަރަފު އެރުއްވުމަށް ނިންމެވީ، ދިވެހީންގެ ދީނާއި، ދިވެހީންގެ ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި، މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްޤީއަށް މަގުފަހިކޮށްދެއްވައި، ޢިލްމުގެ ނޫރު ފެތުރުއްވުމަށް ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ކުރައްވާފައިވާ ޤައުމީ ޚިދުމަތަށްޓަކައެވެ.

މި ޝަރަފު، އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުން އޮންނާނީ، މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ އޮންނާނީ، މާދަމާ ހެނދުނު 9 ޖަހާއިރު ދަރުބާރުގޭގައެވެ.

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ އައްޑަނައެވެ.



‎ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ، ދިވެހި ޤައުމިއްޔަތަށް ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ މަތިވެރި ޝަރަފެވެ. މި ޚާއްޞަ ޝަރަފު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ޤާނޫނު ނަންބަރު 97/1 (ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނު)ގެ 6 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް