މިފްކޯއިން ކަންނެލި ގަތުމަށް ޑިމާންޑުކޮށް، ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަނުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ކަންނެލި އޮޑިތަކުގައި މާލޭގެ ފަޅަށް ވަދެ އިހުތިޖާޖު ކުރަމުން އަންނަ މަސްވެރިން އަންނަނީ ކަންނެލި މަސްވެރިކަން ކުރުމަށް ލޭނު އަޅަން ހުއްދަ ދޫ ނުކުރުމަށް ގޮވާލަމުންނެވެ.
އެގޮތުން ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަކީ ދިވެހި މަސްވެރިން ނިކަމެތިވާނެ ކަމެއްކަމަށް އިހުތިޖާޖުގެ ބައިވެރިން އަންނަނީ ބުނަމުންނެވެ.
އަދި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދާ އެއްގޮތަށް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމަށާއި މަސްވެރިންނަށް ނުދީ ހުރި ފައިސާ ދިނުމަށް ގޮވާލާ މަސްވެރިން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.
މި މުޒާހަރާގައި ބައިވެރިވެވަޑައިގެން ބައިވެރިންނާއި ވާހަކަ ދައްކަވަމުން ފީޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ މިފްކޯއިން ކަންނެލި ގަތުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި ނަމަވެސް މިފްކޯގެ މާލީ ހާލަތު ހުރި ގޮތުން މި އަހަރު އެ ކަން ކުރެވެން ނެތް ކަމަށެވެ. މީގެ އިތުރުން ޝިޔާމް ވިދާޅުވީ ކަންނެލި މަސްވެރިންނަށް ދެރަވާނެފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށެވެ.