ކުއްޖަކު، އޭނާގެ ބައްޕަ ކުރެން އެއްސެވެ. ”ބައްޕާއެވެ! ސިޔާސީ ފަސާދައިގެ ވާހަކަ މިހާރު ވަރަށް ގިނައިން އިވެއެވެ. ނަމަވެސް އޭގެ މާނަ އަޅުގަނޑަކަށް ނުވިސްނެއެވެ. ސިޔާސީ ފަސާދައަކީ ކޮބައިކަން އަޅުގަނޑަށް ބުނެދެއްވަފާނަންތޯއެވެ؟“
ދެން ބައްޕަ ބުންޏެވެ. ”އެ މައްސަލަ ވިސްނޭ ވަރަށް ވުރެ ދަރިފުޅު އަދި ތަންކޮޅެއް ކުޑައެވެ. އެކަން ވިސްނައިގަތުމަށްޓަކައި އެންމެ ފުރަތަމަ ސިޔާސީ ނިޒާމު އޮންނަ ގޮތް ދެނެގަންނަން ޖެހެއެވެ. އެެހެންވެ، ދަރިފުޅަށް ވިސްނޭ ގޮތަކަށް ސިޔާސީ ނިޒާމު އޮންނަ ގޮތް ބައްޕަ ކިޔައިދޭނަމެވެ.“
ދެން ބައްޕަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ”ގެއަށް ބޭނުންވާ ފައިސާ ބައްޕަ ހޯދަމު ނޫން ހެއްޔެވެ؟ އެހެންވީމާ ބައްޕައަކީ ދައުލަތުގެ ރައުސްމާލެވެ. ނުވަތަ ދައުލަތުގެ ފައިސާއާއި ހަރުމުދަލެވެ. ކުރުގޮތަކަށް ބުނާ ނަމަ ބައްޕައަކީ ދައުލަތުގެ ޚަޒާނާ ކަމުގައި ދެކޭށެވެ.
ދެން މަންމައަށް ބަލާލަބަލާށެވެ! ގޭގެ ޚަރަދުތައް ބަލަހައްޓައި ގޭގެ ކަންތައްތައް ހިންގަނީ މަންމަ ނޫން ހެއްޔެވެ؟ އެހެންވިމާ މަންމައަކީ ސަރުކާރު ކަމުގައި ދެކޭށެވެ.
ދެން، ދަރިފުޅުގެ ހުރިހާ ކަމެއް މަންމަ ހަމަޖައްސައި ބަލަހައްޓާ ހަދާ ނޫން ހެއްޔެވެ؟ ދަރިފުޅުގެ ކެއުން ބުއިމާ، ދަރިފުޅަށް އަންނައުނު ހޯދުމާއި، އިސްކޫލަށް ގެންދިޔުމާއި ބަލިވީމާ ޑަކުޓަރު ކައިރިއަށް ވެސް ދަރިފުޅު ގެންދޭ ނޫން ހެއްޔެވެ؟ އެހެންވީމާ ދަރިފުޅު ރަމްޒުކޮށްދެނީ ރައްޔިތުންނެވެ.
މީގެ އިތުރުން، ދަރިފުޅުގެ ތުއްތު ކޮއްކައަކީ މުސްތަގުބަލުކަމުގައި ދެކޭށެވެ.
ދެން ގޭގައި ހުރީ ޚާދިމާ ނޫން ހެއްޔެވެ؟ މަންމަގެ ލަފާގެ މަތިން، ގޭގެ މަސައްކަތްތައް ކުރަނީ އެ ދައްތަ ނޫން ހެއްޔެވެ؟ އެހެންވީމާ އެ ޚާދިމާއަކީ ގައުމުގެ މަސައްކަތް ކުރާ މީހުންކަމުގައި ދެކޭށެވެ. ޚާދިމާ ދައްތަ ރަމްޒުކުރަނީ އޮފީސްތަކާއި ފެކްޓަރީތަކާއި ވިޔަފާރިތަކުގެ ވެސް މަސައްކަތްކުރާ މީހުންނެވެ.
ސިޔާސީ ނިޒާމުގައި އެކުލެވޭ ބައިތަައް މިހާރު ދަރިފުޅަށް އެނގިއްޖެ ނޫން ހެއްޔެވެ؟ ޚަޒާނާއާއި، ސަރުކާރާއި ރައްޔިތުންނާއި މަސައްކަތްކުރާ މީހުންނާއި ގައުމުގެ މުސްތަގުބަލެވެ. ދެން ފަހުން، އެހެން ދުވަހަކުން، ސިޔާސީ ފަސާދައިގެ ވާހަކަ ކިޔައިދޭނަމެވެ.“
މާ ރަނގަޅަށް ހުރިހާ ކަމެއް ހިތަށް ނަގައި ނުގަނެވުނަސް، ކޮންމެވެސް މިންވަރަކަށް އެއްޗެއް ސާފުވެއްޖެ ކަމުގައި ހީކޮށްލައިގެން، ދަރިފުޅު ނިދަން ދިޔައެވެ. ނަމަވެސް، ބައްޕަ ކިޔައިދިން ވާހަކަތަކުގެ މައްޗަށް ވިސްނަން އޮތުމުގެ ސަބަބުން، އޭނައަށް ނިދޭ ގޮތެއް ނުވިއެވެ. ދެން، އެހެން އޮއްވައި އިވުނީ ކުޑަ ކޮއްކޮ ރޯއަޑެވެ. ދުވެފައި ގޮސް ބަލާލިއިރު ކޮއްކޮ އޮތީ ދެކަމު ހާޖަތަށް ދެވި، ހަޑިވެ، ނެޕީ ބަދަލުކުރަން ޖެހިފަައެވެ. ދެން މަންމަ ކޮބައިތޯ ބަލާލި އިރު މަންމައަށް އޮތީ ނިދިފައެވެ. ދެން ދުއްވައިގަތީ ބައްޕަ ހޯދާށެވެ! ބައްޕަ ނުފެނިގެން ހޯދަމުން ދިޔައިރު ބައްޕަ ފެނުނީ ޚާދިމާ ދައްތައާ އެކުގައި ޚާދިމާގެ ކޮޓަރީގައި މުނިފޫހި ފިލުވުމުގައި އުޅެނިކޮށެވެ. ދެން، ދަރިފުޅު ހަދާނެ ގޮތެއް ނޭނގިގެން އެނބުރި އޭނާގެ ކޮޓަރިއަށް އައިސް އެނދަށް އަރައި އޮށޯވެ، ނިދީއެވެ.
އަނެއް ދުވަހު ހެދުން ތެދުވެ، ސައިބޯން އިނދެ ބައްޕާ ގާތު ދަރިފުޅު ބުންޏެވެ. ބައްޕާއެވެ. މިހާރު ސިޔާސީ ފަސާދައަކީ ކޮބައިކަން އަޅުަގަނޑަށް އެނގިއްޖެއެވެ.
ސަމާސާ ރާގެއްގައި އެއީ ކޮބައިތޯ ބައްޕަ އެހުމުން، ދަރިފުޅު ބުންޏެވެ. ”ސިޔާސީ ފަސާދައަކީ ދައުލަތުގެ ޚަޒާނާ ބޭނުންކޮށްގެން މަސައްކަތު މީހުންގެ ނާޖާއިޒު ފައިދާ ނަގައި އެމީހުންނާ އެއްކޮށް ކުޅި މަޖާކޮށް މުނިފޫހި ފިލުވުމެވެ. ދެން، މިކަން ހިނގަމުން ދާއިރު، ފުން ނިންޖެއްގައި، ސަރުކާރު ނިދާފާ އޮވެއެވެ. އަދި ވާނުވާ ނޭނގި މަގުއޮޅިގެން ދެކޮޅަށް ދުވެ ދުވެ ރައްޔިތުން ތިބެއެވެ. މި ގޮތަށް ކަންކަން ވަމުންދާއިރު، ގައުމުގެ މުސްތަގުބަލާ މެދު ފަރުވާ ކުޑަކޮށްލެވި، ކުޑަކޮށް ވެސް، އަޅާ ނުލެވުމުން، ގައުމުގެ މުސްތަގުބަލު އޮންނަނީ ނުތާހިރާ، ހަޑި މުޑުދާރުކޮށް، އޭގެ އަމިއްލަ ނަޖިހުގެ ތެރޭގައި ބަކަތަޅާލަ ތަލާލައެވެ!“
(ޑޮކްޓަރ ޢަބްދުލްގަފޫރު ޢަބްދުލް ރަހީމް) ގަބޯ ފޭސްބުކް ޕޭޖްއިން
![]()
