”ހެންލީ އެންޑް ޕާރޓްނަރސް“ އަކީ ދިވެހި ސަރުކާރުގެ އިކޮނޮމިކް އެޑްވައިޒަރ އެކެވެ. އެމީހުންގެ މައިގަނޑު ވިޔަފާރިއަކީ ދުނިޔޭގެ އެކި ޤައުމުތަކުން ގެދޮރުގަނެގެން ވަޒަންވެރިކަން ހޯދުމުގެ ފުރުސަތު އެކަމަށް ބޭނުންވާ މީހުނަށް ހޯދައިދިނުމެވެ.
މިހެން މިކަން އޮތްއިރު، ހެންލީ އެންޑް ޕާރޓްނަޒްގެ ދެ އޮފީހެއް އިޒްރޭލްގައި ޤާއިމް ކޮށްފައި ހުރެއެވެ. އެއް އޮފީސް ހުންނަނީ ޓެލްއަވީވްގެ ރޮތްޗައިލްޑް ބޮލިވާރޑްގައެވެ. ވަރަށްރީތި ބޮޑު ބަގީޗާއެކެވެ. އަނެއް އޮފީސް ހުންނަނީ ޖެރޫސަލަމްގެ ގާޓީ ޓަވަރގައެވެ. މިހާވަރުގަދަ އޮފީސްތަކެއް އެ ކުންފުނިން އިޒްރޭލްގައި ޤާއިމް ކޮށްފައި އެވަނީ އެމީހުންގެ ވިޔަފާރި އެ ޤައުމުގައި ފުޅާވެފައިވާ މިންވަރުންނެވެ. އިޒްރޭލަކީ ހެންލީގެ ވިޔަފާރީގެ ގަދަ 10 ގަ ހިމެނޭ އެންމެ ބާރަށް ވިޔަފާރި ކުރިއަރަމުންދާ ޤައުމަށް ވާތީއެވެ. އެހެން ޤައުމުތަކުގެ ރައްޔިތުކަން ބޭނުންވާ އިޒްރޭލު މީހުންގެ ނިސްބަތް 230 އިންސައްތަ ވޭތުވެދިޔަ ދެތިން އަހަރުތެރޭގައި އިތުރުވެފައިވާތީއެވެ.
ހެންލީ އިން ދިވެހި ސަރުކާރާއި އެކު ކުރިޔަށްގެންދާ އެއް މަޝްރޫޢަކީ ނޫނުއަތޮޅުގެ އައިލާ މަޝްރޫޢެވެ. އެތަނުން އިޒްރޭލުގެ ގިނަބަޔަކު ގެދޮރުގަންނާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ހެންލީގެ ޗެއަރމަން އިޒްރޭލަށް 2025 ވަނައަހަރު ކުރެއްވި ދަތުރެއްގައި ހާމަކޮށްފައި އެބަވެއެވެ. އޭނާ އެވާހަކަ ދެއްކި އިރުވެސް އަދި މިހާރުވެސް އެއީ ދިވެހި ސަރުކާރުގެ އިޤްތިސާދީ މުޝްތަޝާރެކެވެ. ބައިވެރިއެކެވެ. އެއްބަސްވުމެއްގެ ދަށުންނެވެ.
ހެންލީއަކީ އިޒްރޭލްއާއި އެހެން ޤައުމުތަކުގެ ފަރުދުންނަށް ރައްޔިތުކަން ހޯދައިދިނުމަށް ކުރާ ވިޔަފާރީގެ ދެފަޅިވެސް ކޮޏްޓްރޯލްކުރާ ކުންފުންޏެކެވެ. އެޕްކޭޖްތައް ގަންނަ ޢާންމުންގެ ފަޅީގައި ހެންލީން މަސައްކަތް ކުރާއިރު އެކި ޤައުމު ތަކުގެ ސަރުކާރުތަކަށް އެކަމާބެހޭ ނިޒާމު ހަދައިދީ ތަންފީޒުކޮށްދެނީވެސް ހަމަ މި މީހުންނެވެ.
ދިވެހިން ހަދައިގެން އުޅޭ ޕާރލް ރެސިޑެންސް ޕްރޮގްރާމްގެ ސިޔާސަތާއި ޤަވާޢިދުތަކާއި އުސޫލުތައް ފަރުމާކޮށް ދުނިޔެތެރޭގާއި މި ޕްރޮގްރާމް ވިއްކުމުގެ މަސައްކަތްކުރަނީވެސް ހަމަ މި ކުންފުނިންނެވެ. މި ހިގަނީ ކޮންކަހަލަ ކަމެއްކަން ރޭކާލަނީ ދިވެހިންގެ ތެރެއިން ކިތަށް މީހުނަށް ހެއްޔެވެ؟
އާއެކެވެ. ތިޔަ ވިސްނުނީ ރަގަޅަށެވެ. ދިވެހިރާއްޖެއިން ”ބިދޭސީންނަށް ގެދޮރު ވިއްކައިގެން ރާއްޖޭގައި ބިދޭސީން ވަޒަންވެރި ކުރުވުމުގެ ވިޔަފާރި“ ކުރިއެރުވުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ އިޤްތިސާދީ މުޝްތަޝާރާއި، އިޒްރޭލުގެ ރައްޔިތުންނަށް އެހެން ޤައުމު ތަކުގެ ރައްޔިތުކަން ހޯދައިދިނުމުގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ހިންގާ ފަރާތާއި، ދިވެހިރާއްޖެއިން ގެދޮރުގަނެގެން މިތަނުގައި އިޒްރޭލުގެ ގިނަބަޔަކު ދިރިއުޅެން އަންނާނެކަމަށް އުންމީދުކޮށް ނޫނުއަތޮޅު އައިލާ މަޝްރޫޢު އިން ގޮދޮރު ވިއްކަން އިޒްރޭލުގައި އެ މަސައްކަތްކުރަނީ ހަމަ އެއްބައެކެވެ.
މަތީން –
![]()
