ރައިވަރާއި ޅެން ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް މަޝްވަރާކޮށްފި

Loading

Facebook
Twitter
WhatsApp

ދިވެހި ރައިވަރާއި ޅެން ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް، ޔުނެސްކޯގެ ފަރާތުން ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ ޓިމް ކަރޓިސްއާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ މައުނަވީ ތަރިކައިގެ ތެރޭގައި ހިމެނޭ ރައިވަރާއި ޅެން ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އަދި ދާރުލްއާސާރުގައި ހުރި އާސާރީ ތަކެތި ރައްކާތެރި ކުރުމާއި ދާރުލްއާސާރުގެ މަސައްކަތްތަކުގެ ފަންނުގައި މީހުން ތަމްރީން ކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޓިމް ކަރޓިސް ވަނީ މައުނަވީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ ގޮތުން ޔުނެސްކޯއިން 2003 ވަނަ އަހަރު އެކުލަވައިލި މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން ވަޒީރު އާދަމް ނަސީރު ވަނީ ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން އެންމެ ފަހުގެ އަދާހަމަ ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަގާފަތާއި ތަރިކައިގެ ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް ދިވެހީން ރާއްޖެއިން ބޭރަށް ފޮނުވުމުގެ ބަދަލުގައި ތަޖުރިބާކާރުން ރާއްޖެ ގެނެސްގެން ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތުތައް ރާއްޖެއަށް ބޭނުންވާ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

 އަދި އެކަމަށް ތަރުހީބުދެއްވާ ކަމުގައި ވިދާޅުވެ، އެފަދަ ފެސިލިޓޭޓަރުން ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ޓިމް ކަރޓިސްވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމަށް ފަހު ޓިމް ކަރޓިސް ވަނީ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތް ކުރައްވާ ދާރުލްއާސާރު ބައްލަވާލައްވާފައެވެ.

ޓިމް ކަރޓިސްއަކީ ދިވެހިރާއްޖެ ހިމެނޭހެން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ޔުނެސްކޯގެ އިސް މަންދޫބެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް