ތަފާތު ގިނަ ހަރަކާތްތަކާ އެކު ”މައި ހުޅުމާލެ ޢީދު އުފާ“ގެ ނަމުގައި ހުޅުމާލޭގައި ކުލަގަދަކޮށް މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމުގެ ތައްޔާރީތައް އެޗްޑީސީން ފަށައިފިއެވެ.
އެގޮތުން ”މައި ހުޅުމާލެ ޢީދު އުފާ ޕަވަރޑް ބައި ދިރާގު“ ނަމުގައި ފާހަގަކުރާ މި ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ތިން ދުވަހަށް ބަހާލައިގެންނެވެ.
މި އަހަރުގެ އަޟްހާ އީދުގެ ފޯރިގަދަ ހަރަކާތްތައް ހުޅުމާލޭގައި ފެށުމަށް ހަމަޖެހިފައިވަނީ 15 ޖޫން ވާ ދުވަހުގެ ރޭގަނޑު، އީދު ވެދުމާދިއުމުގެ ފޯރިގަދަ ހަރަކާތުންނެވެ.
ހުޅުމާލޭގައި މިއަހަރު އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަށް ހަމަޖެހިފައިވަނީ ފޭސް 1ގެ ސިންތެޓިކް ޓްރެކް އަދި ފޭސް 2ގެ ކްރިކެޓްސްޓޭޑިއަމްގައެވެ.
އަދި ޢީދު ނަމާދަށްފަހު ސިންތެޓިކް ޓްރެކުގައި ދިރާގު އީދު ބޮނޑިބަތް އޮންނާނެއެވެ.
މީގެ އިތުރުން، 16 އަދި 17 ޖޫން ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޢީދުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި، ދިވެހިންގެ ދުވަސްވީ ސަގާފަތް ދައްކުވައިދޭ ބޮޑު މަސް ދުއްވުން، މާލި ޕެރޭޑު އަދި ކޯޑިކެޑުން ފަދަ ތަފާތު ހަރަކާތްތައް ހިމެނެއެވެ.
ހަމަ އެހެންމެ މި ޢީދު އުފާ ކުޅިވަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި ހަވާއެރުވުމުގެ ހަރަކާތްތައްވެސް ކުރިޔަށްދާނެއެވެ.
ހަމަ މިއާއެކު، ދިވެހި ފަންނާނުންގެ ލައިވް މިއުޒިކް ހުށަހަޅައިދޭ ދިރާގު އީދު ޝޯ އަކީ މި އީދުގެ ފޯރި އިތުރަށް ގަދަވާނެ އެއް ހަރަކާތެވެ.
މީގެ އިތުރުން މި އީދު ހަރަކާތްތަކުގައި ބައިވެރިވެލައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިފަރާތަކަށް އީދު ހަދިޔާގެ ގޮތުގައި ޝީޝާ މޯލްޑިވްސްގެ ފަރާތުން 160 ސީސީ އެއަރ ބްލޭޑް ސައިކަލެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި އިވެންޓުގެ ޓައިޓަލް ސްޕޮންސަރ އަކީ ދިރާގެވެ. އަދި ގޯލްޑް ސްޕޮންސަރ އަކީ ޝީޝާ މޯލްޑިވްސްއެވެ.