ގާ ހުދުވާތީ ބިން ހިއްކުމާއި ފަޅުކޮނުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފި

Loading

Facebook
Twitter
WhatsApp

ގާ ހުދުވާތީ ވަގުތީ ގޮތުން ބިން ހިއްކުމާއި ފަޅުކޮނުން މަނާކޮށްފައި އޮތް އޮތުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިމުމަކަށް ގެނެސްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިދިޔަ މަހު ކޮރަލް ރީފް ވޮޗްއިން އިއުލާންކުރި އެލަރޓްގައި ވަނީ ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނު މިނަށް ބަލާފައި، ގައު ހުދުވުން އެކަށީގެންވާ ކަމަށް ލަފާކޮށް، އެލަރޓް ލެވެލް 2 އިން 1 އަށް މަތިކޮށްފައި ކަމަށެވެ.

 އެހެންކަމުން މި މައްސަލަ ފާހަގަވުމާއެކު އީޕީއޭއިން ޤަރާރެއް ނެރެ، ބިން ހިއްކުމާއި ފަޅުފުންކުރުން ވަގުތީ ގޮތުން ހުއްޓުވާފައިވާ ކަމަށެވެ.

މީގެ ތެރޭގައި ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތްތަކާއި ފަޅު ފުން ކުރުމުގެ މަސައްކަތްތަކާއި ފަޅުކޮނުމާއި ގޮނޑުދޮށުން ވެލިއެޅުމާއި ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުމާއި ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުންފަދަ މަސައްކަތްތައް ހިމެނޭ ކަމަށާއި އެއް މަސްދުވަހަށް މިފަދަ މަސައްކަތްތައް މަޑު ޖައްސާލަފައިވަނީ ލިބޭ ގެއްލުންތައް ކުޑަކުރުމަށް، މިޓިގޭޝަން ފިޔަވަޅެއްގެ ގޮތުން ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ނަމަވެސް މިހާރު ކަނޑުގެ ލޮނުގަނޑުގައި ހުރި ހޫނު މިން ދަށްވަމުންދާ ކަމަށާއި ގާތަށް ހުދުވުންވެސް މަޑުޖެހެމުން އަންނަ ކަމަށް އީޕީއޭއިން ބުނެފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ހަމަ އެހެންމެ ގައު ހުދުވުމުގެ މިހާރުގެ ހާލަތަށް ބަލައި އެލަރޓް 1 އަދި 2 ން، ވޮޗް ސްޓޭޖަށް މިހާރުވަނީ ޓްރާންސިޝަންވެފައި ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް މީގެ ކުރިން ޕީއެސްއެމް އަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވީ ”ގައު ހުދުވުމުގެ މައްސަލައަކީ ރާއްޖެއަށް އެކަނި ކުރިމަތިވެފައިވާ މައްސަލައެއް ނޫން. އަދި ރާއްޖެއަށް އެކަނި ހައްލުކުރެވޭނެ މައްސަލައެއް ނޫން. .މިފަހަރުގެ ގައު ހުދުވުމުގެ މައްސަލަ ޕެސިފިކް، އެޓްލާންޓިކް، އަދި އިންޑިއަން އޯޝަން ސަރަހައްދުގެ ގިނަ ޤައުމުތަކަށް ކުރިމަތިވެފަ. އަދި، މިއީ ހަތަރުވަނަ އަށް އެންމެ ބޮޑަށް ގައު ހުދުވުމުގެ މައްސަލަ ފާހަގަކުރެވިފައިވާ ފަހަރު“ އެވެ.

ގައު ހުދުވުމުގެ މިހާރުގެ ހާލަތަށް ބަލައި އެލަރޓް 1 އަދި 2 ން، ވޮޗް ސްޓޭޖަށް މިހާރުވަނީ ބަދަލުވެފައެވެ.  ވޮޗް އަދި މޮނިޓަރިންގ ހާލަތަށް ބަދަލުވެފައިވީ ނަމަވެސް، މުރަކަތަކުގެ ހާލަތު އަދިވެސް ވަރަށް ނާޒުކު ކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

 އެހެންކަމުން، މަޝްރޫޢުތައް ކުރިއަށް ގެންދާއިރު، އެންވާރަމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓްތަކުގައި ހުރި ކަންކަމަށް ރިޢާޔަތްކޮށްގެން މަސައްކަތް ކުރިއަށް ގެންދަންޖެހޭ ކަމަށާއި، ލިބިފައިވާ ގެއްލުމުގެ ދިރާސާއެއް ހަދަން ޖެހޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކަން ކުރެވިގެންދާނެ ކަމަށާއި ލިބިފައިވާ ގެއްލުމުގެ ފުރިހަމަ ތަސްވީރެއް އެނގެން ދުވަސްކޮޅެއް ނެގުން އެކަށީގެން ވާކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

ގައު ހުދުވުމުގެ ސަބަބުން ޖޫން 10 އާއި ހަމައަށް ގާތްގަނޑަކަށް 200 މަޝްރޫޢެއްގެ ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ ކޮމްޕޯނެންޓްތައް އޮތީ ހުއްޓުވާފައެވެ. އަދި އެއާއެކު މި މުއްދަތު ހަމަވެފައިވީ ނަމަވެސް، އީޕީއޭ އަދި މިނިސްޓްރީ އިން ދަނީ މޮނިޓަރިންގ މަސައްކަތް ކުރަމުނެވެ. .

މިހާތަނަށް ލިބިފައިވާ ފޮޓޯ އަދި ފީލްޑް އޮބްޒަވޭޝަންތަކުން، ރާއްޖޭގެ ފަރުތަކުގެ ބޮޑު ބަޔަކަށް ގައު ހުދުވުމުގެ އަސަރުކޮށްފައިވާކަން ފާހަގަވެއެވެ. އަދި ބައެއް މުރަކައިގެ ވައްތަރުތަކަށް ލިބިފައިވާ ގެއްލުންތައް ކުޑައެވެ. މިކަން ފާހަގަވެފައިވަނީ އެކްރޮޕޯރާ އަދި ޕޮކިލޮޕްރާ ވައްތަރުގެ މުރަކައިގައެވެ.  އޭގެ ސަބަބެއްކަމުގައި ބެލެވިފައިވަނީ މޫސުމީ ބަދަލަށް ހޭނުމާއި މުރަކަ ހެދޭ ރޭޓަށް ބަދަލުއައުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް