އިންޑިޔާގެ ޖަންމޫ ރީޖަންގައި ބަހެއް ފުރޮޅާލައި އަޑި ހިސާބަކަށް ވެއްޓުމުގެ ސަބަބުން 21 މީހުން މަރުވެ 60 މީހުންނަށް އަނިޔާތައް ލިބިއްޖެ އެވެ. އިދާރާ ތަކުން ހާމަ ކުރި ގޮތުގައި ބަހުން ދަތުރު ކޮށްފައިވަނީ ދީނީ އަޅުކަމެއްގައި ބައިވެރި ވުމަށް އުއްތަރަ ޕްރަދޭޝުން ޝިވް ޚޯރީ އަށް ދަތުރު ކުރި ބަޔެކެވެ. މިހަދިސާގައި ބަސް ވެއްޓިފައިވަނީ 150 ފޫޓު ފުން ވަޅުގަނޑަކަށް ކަމަށް ޚަބަރު ލިބެއެވެ.
މިހިތާމަވެރި ހާދިސާއާއި ގުޅިގެން އިންޑިޔާގެ ރައީސް ޑްރުޕަޑީ މޫމޫ ވަނީ ހިތާމަ ފާޅު ކުރައްވާފައެވެ. އަދި އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާ ލިބުމަށް އެދި ވަޑައިގެންފައި ވެއެވެ.
ރައީސްގެ އިތުރުން ޖަންމޫ އެންޑް ކަޝްމީރުގެ ގަވަނަރު ވެސް ވަނީ ހިތާމަ ފާޅު ކުރައްވާ މެސެޖް ފޮނުއްވާފައެވެ. އަދި އަނިޔާ ލިބުނު މީހުންގެ އާއިލާތަކަށް ވެދެވުނު ހުރިހާ އެހީއެއް ސްޓޭޓް ސަރުކާރުން ވެދޭނެ ކަމަށާ ބޭސް ފަރުވާގެ ކަންތައްވެސް ހަމަޖައްސާދެވޭނެ ކަމަށް ގަވަނަރު ވިދާޅުވެފައި ވެއެވެ.
ހާދިސާއަށް ފަހު ވަޅުގަނޑުން މީހުން ސަލާމަތްކޮށް ހޮސްޕިޓަލް ތަކަށް ގެންދިއުމުގެ މަސައްކަތް ވަރަށް އަވަހަށް ކޮށްފައި ވާކަމަށް ޚަބަރުތައް ބުނެއެވެ. އަދި ސީރިއަސް އަނިޔާތައް ލިބިފައިވާ މީހުން ސަރުކާރުން ހިންގާ ޖަންމޫ މެޑިކަލް ކޮލެޖަށް ގެންގޮސްފައިވާ ކަމަށް ވެސް ޚަބަރު ލިބެއެވެ.
މިހާދިސާގައި ލިބުނު އަނިޔާތަކުން އަދި އިތުރު ބަޔަކު މަރުވެދާނެ ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.