ބޭރު ގަނޑު ބަލާފަ ފޮތުގެ ގޮތް ކަނޑަ ނާޅާށެވެ.

Loading

Facebook
Twitter
WhatsApp

އާދައިގެ މަތިން އަހަރެންގެ މަސައްކަތުގައި އެއްތަނުން އަނެއް ތަނަށް ދަތުރު ކޮށް އުޅުމުގެ ތެރޭ އެއްދުވަހަކު ސްކޫލް ދުވަސްވަރުގެ އެކުވެރިއަކާ ބައްދަލްވިއެވެ. ދެމީހުން ވަރަށް އުފަލުން ސަލާން ކޮށް ހެދުމަށް ފަހު ހާލުގެ ވާހަކައިން އަހާ އޮޅުން ފިލުވާލުމަށް ވަގުތު ކޮޅެއް ހޭދަ ކުރީމެވެ. އޭނައަށް ބަލާ  ފެންވަރު ”ޖަޖް“ ކޮށްލީމެވެ. ލައިގެން ހުރީ އާދައިގެ ގަމީހަކާ ފަޓުލޫނެކެވެ. ބޫޓުވެސް މާ ”ފެންސީ“ ބޫޓެއް ނޫނެވެ. ފެންނަ ފެނުމަށް އަތުގަ އަޅާފަ އޮތް ގަޑިއަކީވެސް މާ އަގުބޮޑު ގަޑިއެއް ނޫނެވެ. އެހެން ކަމުން ދިރިއުޅުމުގައި އޭނާއަށް މާބޮޑު ކާމިޔާބީ އެއްހޯދިފައި ނުވާކަމަށް އަހަރެން ނިންމީމެވެ.  

އަހަރެން ލައިގެން ހުރީ އަގުބޮޑު އެންމެ ޒަމާނީ ގަމީހަކާ ފަޓުލޫނެކެވެ. ގަޑި އަދި ބޫޓުވެސް އެންމެ މަތީ ކްލާހުގެ ތަކެއްޗެވެ.

ދެމީހުން ވާހަކަ ދައްކާލަން މަޑުކޮށްލައިގެން ތިއްބާ އަހަރެންގެ އަގުބޮޑު މަރސިޑީޒް ކާރުގަ ޑްރައިވަރު އަހަރެން ބަލާ އަތުވެއްޖެއެވެ. އަހަރެން އޭނާ ދާން ބޭނުން ތަނަކަށް ގެންގޮސްދޭނެ ކަމަށް ބުނީމެވެ. ނަމަވެސް އޭނަގެ ކާރުވެސް އެބައަންނަ ކަމަށް ބުނެ މަޑު ކޮށްލިތަނާ އޭނަގެ ކާރުވެސް އަތުވެއްޖެއެވެ. އާދައިގެ ޓޮޔޯޓާ ކާރެކެވެ. ނަމަވެސް މާބަލެއް ނޫނެވެ.

ދެމީހުން އަނެއްކާވެސް ސަލާމް ކޮށްލުމަށް ފަހު ގެއަށް ކެއުމަކަށް ދައުވަތު ބަދަލު ކުރުމަށް ފަހު ވަކިވީމެވެ.

ވައުދުވީ ފަދައިން ޖެހިގެން އައި ހަފްތާ ބަންދުގައި އަހަރެންގެ ރަހުމަތްތެރިޔާއާއި އޭނާގެ އަންހެނުން އަހަރެންގެ ގެއަށް ރޭގަނޑުގެ ކެއުމަކަށް އައުމަށް ދައުވަތު ދިނީމެވެ. އަހަރެންގެ ބޮޑު، ރީތި، ޒަމާނީ ގެއަށެވެ.

އަހަރެންގެ އަންހެނުންވެސް ހުރީ އެހާ ހިތްހަމަ ޖެހިފައެއް ނޫނެވެ. ރަހުމަތްތެރިޔާގެ ފެންވަރުގެ ވާހަކަ ކިޔާދެމުން އަހަރެން ދެއްކި ވާހަކައިންނެވެ. އޭނަހުރީ އަހަރުންނަށް ވުރެ ފަގީރު އާދައިގެ ދެރަ ފްރެންޑަކަށް ވަގުތު ހޭދަ ކުރަން ބޭނުން ނުވެފައެވެ. ނަމަވެސް އަހަރެން ބުނީތީ ކެއުމެއް ތައްޔާރު ކުރީއެވެ.

އަހަރެންގެ އަގުބޮޑު ގެ އާއި ކާރުތައް ގަތުމަށް ޓަކާ އަހަރެން ވަނީ އަގުބޮޑު މޯގޭޖްތަކާ ލޯންތައް ނަގާފައެވެ. އެހެން ގޮތަކަށް ބުނާނަމަ އަހަރެން ވަނީ ދަރާ ބޯހިއްލާ ނުލެވޭ ވަރުވެފައެވެ.  

ގަޑިޖެހެން ވާއިރަށް ރަހުމަތްތެރިޔާ އާއި އޭނާގެ އަންހެނުން އެމީހުންގެ އާދައިގެ ޓޮޔޯޓާ ކާރުގައި އަތުވެއްޖެ އެވެ. އަހަރެންގެ ބޮޑު ގެ އޭނާއަށް ދައްކާލުމަށް އަހަރެން ހުރީ ކެތް މަދުވެފައެވެ. ސްވިމިންގ ޕޫލްއާއި ބޮޑެތި އަގުބޮޑު ކާރު ތަކެވެ. ދިއްލާއަޅާފައިވާ ބޮޑު ގަނޑުވަރެވެ.

ރަހުމަތްތެރިޔާ ވަރަށް ހިތްތިރި ކަމާއެކު އައިސް އަހަރުންނާ ސަލާމް ކޮށްލިއެވެ. އަދި މާލަސް ނުކޮށް އެމީހުން ކެއުމަށް އިންސާފު ކުރުމަށް ގެންދިޔައީމެވެ.

ކައި ނިމިގެން އިރުކޮޅަކު ވާހަކަ ދައްކާލަން މަޑު ކޮށްލުމަށް ފަހު ގެއަށް ދިއުމަށް އެމީހުން ތެދުވެއްޖެއެވެ. އަދި އެމީހުންގެ ގެއަށްވެސް ދިއުމަށް ގަޑިއަކާ ތާރީޚެއް ދިނެވެ. ބުނި ދުވަހު އަހަރެންނާއި އަންހެނުން އެގެއަށް ދިއުމަށް ނިކުމެއްޖައީމެވެ. އެހާ ދާހިތުންނެއް ނޫނެވެ.

މީހުން އުޅޭ ހިސާބާ ތަންކޮޅެއް ދުރުގައިވާ ގެޔެކެވެ. ފަގީރު ވުމުން ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް އެކި މީހުން ކައިރީ އަހަމުން ކާރުގަ ކުރިޔަށް ގޮސް އެބުނި ގެޔަށް އާދެވިއްޖެ އެވެ. އާދައިގެ ސިމްޕަލް ދެބުރި ގެއެކެވެ. އެކަމަކު މާހުތުރެއް ނޫނެވެ. ކުރިމަތީގައި ހަތަރު ކާރު އޮތެވެ. އެހެން ބަޔަކުވެސް އައީ ކަންނޭނގެއެވެ.

ދޮރުމަތިން ރަހުމަތްތެރިޔާ އަހަރުންނާ ބައްދަލް ކޮށް ވަރަށް ހޫނު މަރުހަބާއެއް ކިއެވެ. މުޅި އެގޭގެ މާހައުލުވެސް ތަފާތެވެ. އުފާވެރިކަމާ ހަލަބޮލިކަމުން ވަނީ މުޅި ތަން ފުރިފައެވެ. އެއާއިލާގެ ކޮންމެ މެމްބަރަކީވެސް އަހަރުންގެ އެއްބަޑު މީހެއްފަދައެވެ. ވާހަކަދެއްކީ އެހާވެސް އިޚުލާސްތެރިކަމާ ލޯތްބާ އެކުއެވެ.

އެގެޔަށް ވަދެގެން ދިޔައިރު، އަހަރެން މަސައްކަތްކުރާ ކުންފުނިން މުހިންމު ކްލަޔަންޓުންނަށް ދޭ ހަނދާނީ އެއްޗެއް(ސުވެނިއަރއެއް) އެގޭ މޭޒެއްގެ މަތިން އަހަރެންނަށް ފެނުނެވެ. އަހަރެން ސުވާލު ކުރުމުން ބުނީ އެއީ އޭނަގެ އަމިއްލަ ހަތަރު ކުންފުނީގެ ތެރެއިން އެއް ކުންފުނި ކަމުގައެވެ. އަދިވެސް އިތުރު އެތައް ވިޔަފާރިތަކާ ހޮޓާތައް އޭނާގެ ހުންނަކަމަށް ބުންޏެވެ. އަހަރެން މަސައްކަތްކުރާ އޮފީހުން ހިއްސާކުރާ ކަމަށް މިވަނީ އޭނާގެ އެންމެ ކުންފުންޏެއްގެ އެންމެ ތިރީސް އިންސައްތައެވެ. އެކަމަކު އަހަރެންގެ ބޯ ”ދުޅަވެގެން ގޮސް“ ފަޅައިގެން ދަނީއެވެ. ކިބުރުވެރި ކަމުގެ ހައްދު ފަހަނަ އަޅާފައެވެ.

އަހަރެން އޭނާ އަށް ސަރ ކިޔަން ފެށުނީ ކޮން ވަގުތަކު ކަމެއް އަހަރެން ހަނދާނެއް ނެތެވެ. އޭނާ އަށްވެސް އަހަރެން ގަނެފައިވާ ލަދު އިހުސާސްވި ކަން އެނގުނެވެ. ނަމަވެސް ހަމަ އެއްވެސް އެއްޗެއް ނުބުނެއެވެ. ހިނިތުންވުމާއިއެކު އަހަރެންނާ އަހަރެންގެ އަންހެނުންނަށް މެހްމާން ދާރީ އަދާކުރީ އޭނާއަށް ވުރެ ވަކި ދަށް ފެންވަރެއްގެ މީހަކަށް ހިތާ ގޮތަކަށް ނޫނެވެ.

މިހާދިސާއިން އަހަރެންނަށް ވަރަށް ބޮޑު ފިލާވަޅެއް ދަސްވިއެވެ. ދިރިއުޅުމުގެ ކަންކަން ކޮންމެހެން ތިމާޔަށް އަތް ނުފޯ ފެންވަރެއްގައި ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމެވެ.  ތިމާމީ މާ ބޮޑު މީހަކަށް ހެދިގެން އުޅުނަސް އަބަދުވެސް ތިމާޔަށް ވުރެ ބޮޑު މީހުން ތިބޭނެ ކަމެވެ. ހަގީގީ ބޮޑުކަމަކީ ތިމާއަށް ލިބޭ މިންވަރުން ދިރިއުޅުން ކަމެވެ.  

(ތަރުޖަމާ އެއް)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް