ނޫސްވެރިކަމުގެ މިނިވަން ކަމަށް "ސަންދާނު'' ކުރި ބިރުވެރި ދަތުރު

Loading

Facebook
Twitter
WhatsApp

ދުވަސްވަރަކީ ދެހާސް އެއްވަނަ އަހަރެވެ.

 ދުލުގެ މިނިވަންކަމާއި ގަލަމުގެ މިނިވަންކަމަކީ އެއިރު ދިވެހިން ދަންނަ އެއްޗެއް ނޫނެވެ.

މިނިވަން ކަމާއެކު ޚިޔާލު ފާޅުކުރުމާއި މަޝްވަރާކުރުން އޭރު ވަނީ ވަރަށްވެސް ބޮޑަށް ހިފަހަށްޓާފައެވެ.

ވެރިކަމުގެ ފަރާތުން އެކަމަށް ބިރުވެރިކަން އުފަށްދާފައިވާ ހިނދުމެ ހިތުގެ ޝުޢޫރު ފާޅުކޮށްލުމަށް ”ސަންދާނު“ގެ ނަމުގައި ޤައުމީ ލޯބި ހިތުގައި އިންތިހާއަށް އުފެދިފައިވާ ތިން ދިވެހި ދަރިޔަކު ސިއްރުން ލިޔުމެއް ލިޔެ ސަންދާނު ނިވެސް ބުލެޓިންގެ ގޮތުގައި ޚިޔާލުތައް އިންޓެނެޓްގެ ޒަރީޢާއިން ފާޅު ކުރަން ފަށިއެވެ.

ސަންދާނުގެ މޮޓޯއަކީ އޭރުވެސް މިހާރުވެސް ”ޢަދުލު އިންސާފު މުޖުތަމައުގެ ހަމަޖެހުން“ މިއެވެ.

ސަންދާނު ނޫހުގެ ތިން މަސްއޫލުވެރިންނަކީ ސަންދާނު ނޫހުގެ ފައުންޑަރުން ކަމަށްވާ މުޙައްމަދު ޒަކީ (ނަޒަކީ ޒަކީ) އާއި އަލް މަޙްރޫމް އަޙްމަދު އިބްރާހިމް ދީދީ (އަހަންމައިދީ) އާއި، އިބްރާހިމް މޫސާ ލުތުފީއެވެ .

ސަންދާނުގެ ނަމުގައި އޭރު ތައްޔާރުކުރި އިންޓަނެޓު ބުލެޓިންގައި ހިމެނޭ ވާހަކަތަކަކީ ދިވެހިން ގޯޅިގޯޅި ކަންމަތީގައާއި، މަސް މާރުކޭޓުގައާއި، ހޮޓާ ތަކުގައި އާންމުކޮށް އެދުވަސްވަރުވެސް ދައްކާ ވާހަކަތަކާއި ޤައުމުގެ ސިޔާސީ މަސްރަޙު ހަލަބޮލިވެފައިވާ މިންވަރާ ފަސާދަތަކާއި ބެހޭގޮތުން ދައްކަމުން ދިޔަ ވާހަކަތަކެވެ.

އެގޮތުން އޭގައި ލިޔެފައިވަނީ ސިޔާސީ ޕާޓީ ރެޖިސްޓްރީ ކުރަން އުޅުނު ދެފަހަރުވެސް ކަންތައް ހިނގި ގޮތާއި ވެރިކަމުގެ ދާއިރާގެ ނަން ނުކިއްސަރު ގޮތަކުންވެސް ދެއްކިއެޖެ މީހަކަށް ނުވަތަ ޢާއިލާއަކަށް ސަރުކާރުން ޖައްސާ ނިކަމެތި ޙާލާއި އަދުލު އިންސާފުގެ ކަންފުޅެއްވެސް ނެތްކަމާއި ޕޮލޮސްކޯޓެއް ހަދައިގެން ވެރިކަމުގެ ފަރާތުން ނުޙައްގުން މީހުނަށް ކުރާ ޙުކުމްތަކާއި ދެމުން ގެންދިޔަ އަނިޔާގެ ވާހަކަތަކެވެ.

ހަމަ އެހެންމެ ސަރުކާރަށް ކުޑަވެސް ފާޑެއް ކިޔައިފި މީހަކަށް ދައްކާ އަހުވަޔާއި އެކަމުގައި އުޅުނު މީހުން ބަންދުކޮށް ދޫނިދޫ ކުޑަގޮޅިޔަށް އެއްލާލެވޭ ވާހަކަތަކާއި ސަރުކާރުގެ ސިޔާސަތާއި ދެކޮޅަށް ނޫހުގައި ލިޔާ މީހާއަށް ދިމާވާ އުދާސްތަކުގެ ވާހަކައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ސަރުކާރުގެ ސިޔާސަތާއި ޚިލާފަށް އަނގަ ގަދަ ކުރަނީ ވިއްޔާ ބެލުމެއްނެތި ބަންދު ކުރާނެ ކަމަށާއި ބައެއް ވަޒީރުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ކަންތައްތައް ނިހާޔަތަށް ހިންގާފައިވާ ވާހަކަތަކެވެ.

 މީގެ އިތުރުން މި ބާވަތުގެ ކަންތައްތަކާއި ގުޅިގެން ރައްޔިތުން މަޖިލިސްގޭގައި ބައެއް ވަޒީރުންނާއި ކުރެވުނު ސުވާލު ތަކާއި މިގޮތަށް ކުރެވުނު ބައެއް ތަޙްޤީގު ތަކުގެ ވާހަކަތަކެވެ.

ނަމަވެސް އޭރު އޮތް ސަރުކާރުގެ އަނިޔާވެރިކަމާއި ދެކޮޅަށް ޝާއިއުކުރި މި ލިޔުންތަކުގެ ސަބަބުން ޚިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހޯދުމަށް ސަންދާނުގެ ޓީމުން ކުރަމުން އައި މަސައްކަތް ހުއްޓި އަނިޔާގެ ޝިކާރައަކަށް ވުމަށް ލަސްތަކެއް ނުވިއެވެ.

 ސަންދާނުގެ ލިޔުންތެރިން ހޯދަން 2001 ވަނަ އަހަރު ސިފައިން ހިންގި ވަރުގަދަ އޮޕަރޭޝަނާއެކު ސްރީލަންކާގައި ހުންނަވަނިކޮށް ސަންދާނު އަޙައްމައިދީ ވަގު ޕާސްޕޯޓެއްގައި އުޅޭކަމަށް ސްރީލަންކާގެ އިމިގްރޭޝަން އަށް ދޮގުމަޢުލޫމާތު ދީގެން ލަންކާގައި ހައްޔަރުކޮށް ރާއްޖެ ގެނުވިއެވެ.  

އަދި ޒަކީ އެދުވަސްވަރު އުޅުއްވަމުން ގެންދެވީ މެލޭޝިޔާގައި ކަމުގައިވީނަމަވެސް ދަތުރެއްގައި މާލެ އައުމުން ބަންދަކުރެވުނެވެ. މެލޭޝިޔާގައި ޒަކީ ހައްޔަރުކުރުމަށް ސަރުކާރުން މެލޭޝިޔާގައި ހިންގި އޮޕަރޭޝަން ކާމިޔާބުނުވީއެވެ. ހަމަ އެހެންމެ ސަންދާނުގެ އަނެއް ބައިވެރިޔާ އިބްރާހިމް ލުތުފީ ވެސް ރާއްޖެއިން ހައްޔަރުކޮށްފިއެވެ.

ސަންދާނުގެ ބައިވެރީންނަށް ދިން އަނިޔާގެ ބޮޑުން

އަލް މަރްޙޫމް ސަންދާނު އަޙައްމައިދީ  ހިމެނޭހެން ތިން ބޭފުޅުންގެ މައްޗަށް ދައުލަތާއި އިދިކޮޅު ޢަމަލެއް ހިންގަން އުޅުނުކަމުގެ ތުޙުމަތުގައޭ ބުނެ އިންސާނަކަށް ވާތީ ލިބެންޖެހޭ ގިނަ ޙައްގުތަކުން މަހުރޫމުކޮށް ދޫނިދޫ ކުޑަގޮޅީގައި އެކަހެރިކޮށް 7 މަސްދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ޝަރީޢަތެއް ކޮށްފިކަމުގައި ބުނެ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. 

އަދި އިބްރާހިމް ލުތުފީގެ އޮފީހުގައި މަސައްކަތްކުރި މުވައްޒަފެއް ކަމަށްވާ ފާތިމަތު ނިސްރީނު ވެސް މިކަމުގައި ބައިވެރިވީ ކަމުގެ ތުޙުމަތުގައި 10 އަހަރު ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. މި ޙުކުމް ކޮށްފައި ވަނީ 7 ޖުލައި 2002 ގައެވެ.

ނަމަވެސް ޒަމާން ބަދަލުވެ ދިވެހީންގެ ވިސްނުން ބަދަލުވެގެން ދިޔަ އަވަސް ސްޕީޑްގައި ރާއްޖެއަށްވެސް ޑިމޮކްރެސީގެ ހަމަތަކަށް ސަރުކާރު ބޯލެނބުމަށް ގޮވަމުން ދިޔަ އަޑުތައް އެތެރެއިންނާއި ބޭރުން ޕްރެޝަރ ބޮޑުގެން ދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މައުމޫނު ސަރުކާރުން ޒުވާން ޖީލަކަށް ކެބިނެޓުން ޖާގަދެއްވައި އެމީހުންގެ ވިސްނުމާއި ފިކުރު ސަރުކާރު ހިންގުމަށް ބޭނުން ކުރަން ފެށިއެވެ. 

ނަތީޖާއަކަށްވީ އެބޭފުޅުންގެ ބައިނަލް އަގުވާމީ ގުޅުންތަކުގައި ސަންދާނު ނިވްސް ގައި  ބައިވެރިވެގެން އެ ޖާނަލިސްޓުންނަށް ޢުމުރުދުވަހުގެ ޖަލުޙުކުމެއްގެ ޝަކުވާތަށް އުނދަގު މައްސަލައެއްގެ ގޮތުގައި ހުށެހެޅެމުން ދިޔަދިއުމެވެ.

އެގޮތުން އަމްނަސްޓީ އިންޓެނޭޝަނަލް، ފްރެންޑް އޮފް ޕެން، ޔޫ.އެން ރިޕޯޓްސް ފަދަ ޖަމާޢަތްތަކުން ސަންދާނުގެ ބައިވެރިން ދޫކޮށްލުމަށް ޕްރެޝަރ ބިލްޑްވާން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ހަތަރު އަހަރާއި 6 މަސްދުވަހު ނުޙައްގު ޖަލުބަންދެއްގައި ތިބުމަށްފަހު  2005 ގައި ސަންދާނުގެ ބައިވެރީނަށް މަޢާފުލިބި ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނަށް އެބައިމީހުން ނޭވާލުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. 

މިދެންނެވި ބަދަލުގެ ކްރެޑިޓް ޙައްގުވަނީ އެދުވަސްވަރުގެ އުފެދިފައިވާ ނިއުމޯލްޑިވްސް އަށެވެ. ކުރީގެ އެޓޯނީ ޖެނެރަލް ޑރ. ޙަސަން ސަޢީދު އަދި ޑރ. ޝަހީދު ވަރަށް މުހިންމު ރޯލެއް ކުޅުއްވާފައިވެއެވެ. 

މިއަދު ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ދިވެހި ރާއްޖޭގެ ފެހި ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްޤެކެވެ.

ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުން މިނިވަންކަމާއި އެކު ފިކުރުކުރުމާއި، އިސްލާމް ދީނުގެ އަސްލަކާ ޚިލާފްނުވާ ގޮތުގެމަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ. 

ހަމަ އެހެންމެ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުން، ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުން ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ.

މިގޮތުން ޚަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅު ކުރުމާއި، ޝާޢިއު ކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. އަދި ޝާޢިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށްވެސް ބަޔާންވެގެން ވެއެވެ.

ޚިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ކޮންމެހެން ވެސް އޮންނަން ޖެހޭ، ގައުމަށް ވަރަށް މުހިންމު އަސާސަކަށް ވާއިރު ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަން ޖެހޭނީ ހުދޫދެއްގެ ތެރޭގައެވެ. އެއްވެސް މިނިވަންކަމަކީ ވެރިކަމުގެ ބާރުގައި ތިބޭބަޔަކު ހިތުން ރުހުމުން ދީފާނެ މިނިވަން ކަމަކަށް ދެކިގެން ނުވާނެއެވެ. ސަންދާނުގެ އެކްސްޕީރިއަންސް އަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ. 

އުފާވެރި ޚަބަރަކީ ނިމިދިޔަ އިންތިގާލީ އިންސާފުގެ އޮފީއަށް ސަންދާނުގެ ބައިވެރީނަށް ދެވިފައިވާ އަނިޔާގެ މައްސަލަ ހުށަހެޅި އިންތިގާލީ އިންސާފުގެ އޮފީހުން ވަނީ އެ ބަންދުތަކާއި ކުރެވިގެން ދިޔަ ޝަރުޢީ ޙުކުމަކީ ނުޙައްގު އަނިޔާއެއްކަމުގައި ނިންމަވާ ދައުލަތުން ބަދަލު ދިނުމަށް އަންގާފައެވެ. ނަމަވެސް ހިތާމަޔަކީ މީޑިޔާގެ މިނިވަންކަމުގައި ޖިހާދު ކުރައްވާ އިންސާފު ނުލިބި ސަންދާނު އަހަންމައިދީ ދުނިޔެދޫކުރަން ޖެހިފާވުމެވެ.

މިވެސް ކިޔާލާ:

                                                           http://sandhaanu.today/1075/

                                                           http://sandhaanu.today/1102/

                                                           http://sandhaanu.today/1237/

Loading

5 Responses

  1. ސަރުކާރުން ވަރެއް ހަމަ ނެތް. ނުވިކި ހަމައެކަނި މަސައްކަތްކުރީ ސަންދާނު ޓީމުން.
    މަރުހަބާ!

  2. ރާއްޖޭގެ ގިނަ ނޫސްތަކަކީ އެ އިރެއްގެ އޮންނަ ސަރުކާރަކަށް ވައިޖަހައިގެން ބަޖެޓް ހޯދައިގެން އެބައެއްގެ ދިރިއުޅުމަށް ބޭނުންވާ ޚަރަދުން ބައެއް ހޯދުމަށް ހިންގާ ނޫސްވެރިކަމެކެވެ. އެހެން އެކަން ހިނގަނިކޮށް ސަންދާނުން ރެވޮލޫޝަން މުޅި މީޑިއާގެ މިންގަނޑު ބަދަލު ކޮށްލީއެވެ. އެ ބައެއްގެ ކެރުމާއި އެކުގައެވެ. މީޑިއާގެ މިނިވަންކަން ހޯދައިދިނީއެވެ. މިހާރުވެސް މިފެންނަނީ އެމަންޒަރެވެ. މަދު މީޑިއާ އަކުން ނޫނީ ހެޔޮބަދަލަށް ފާޑު ނުކިޔައެވެ. ދެން އަނެއް ބަޔަކީ ސީދާ ޒާތީ މީޑިއާ ތަކެވެ. އިޝޫ ބޭސް ލިޔުމުގެ ބަދަލުގައި އަބުރު ކަތިލުމާއި ދޮގު ބްރޭކިންގް ނިއުސް އެވެ.

  3. މީޑިއާ ފްރީޑަމް ނުދޭން އަދި ޑިމޮކްރެސީގެ މިނިވަން ޖައްވެއްވެސް ލިބުނަ ނުދޭން ރައްޔިތުންނަށް މިފަދަ ބޮޑެތި އަނިޔާދީފައިވާ ޖައްލާދުން ދިވެހީންގެ ވެރިކަމުގެ ތަޚުތުގައި ވަކިހިއްޕައިގެން ކޮންމެވެރިކަމެއްގާ މިގެންގުޅެނީ ކީއްވެބާވައެވެ. ޑްރަގް ވިއްކައިގެން ހޯދާ ފައިސާ ބޮނޑިންވެސް ފައިސާކޮޅެއް ދީފިނަމަ ހަމަ ރައީސް މީހާއަށް އޯކޭ ދޯއެވެ. ކިހާ ބޮޑު ބަލާވެރިކަމެއް؟

  4. މިނިވަން ކަމަކީ ހޯދަން ޖެހޭއެއްޗެކެވެ. ސިލްވަރ ސްޕޫންގައި ވެރިމީހާ ބޯންދޭނެ އެއްޗެއް ނޫނެވެ. އެކަން ތިވަނީ ސަންދާނުގެ ބައިވެރީން ދައްކުވައިދީފައެވެ. ކޮބާތަ އެ އަބުލޯ ރިޔާޒް މިހާރު. ހާދަ ފުއްޕާފަ އުޅުނު ލެފްޓިނެންޓެކޭ އެއީ. ވަރަށް ބޮޑެތި އަނިޔާވެރީން . ޖަވާބުދާރީވާންނުޖެހި ހަމަ ހެވިފާ އެ އުޅެނީ ދިވެހި މުޖުތަމައުތެރޭގައި.

    1. ސަންދާނުގެބައިވެރިންނައްކުރި ނުހައްޤު އަނިޔާ އާއި އެބައިމީހުންގެ ވިޔަފާރިތައް ބަނގުރޫޓް ކޮށްލައި އެބައިމީހުންގެ އަނބިދަރިންނަށާއި ބެލެނެރިވެރިންނައް ނަފުސާނީ ގޮތުން ކުރިއަނީޔާތަކަށް އިންސާފުލިބިއްޖެތަ! ހެޔޮވެރިކަން އަތުވެއްޖެތަ! 1975_2024ށް ވެސް ދައުލަތުގެ ތިޖޫރި ފެޅުމުގައި ބުރުކޮއް އުޅުއްވި ތަޖުރިބާކާރު ގިނަ ބޭފުޅުންނޫންތަ ކުލަ ބަަދަލު ކޮށްގެން ބަދަކުވަމުންދާ ވެރިކަމުގައި ކޮއިލްތެރޭގައި ވަކިހިއްޕައިގެން ތިބެނީ! ކިހިނެތް އިންސާފް ލިބޭނީ! އިންސާފުގެ ނަމުގައި އުފައްދާ ކޮމިޝަނުގައި ގިނައިން ތިބެނީ މުޖުރިމުން! ޓެކްސްފައިސާ ބޮޑުުމުސާރަނެ ގުމާއި އަދި އިތުރު ކަޓްނެގުންނޫންކަމެއް ކުރޭތަ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް