އަވަހާރަވެފައިވާ އިނގިރޭސިވިލާތުގެ ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އަދި ނުވަވަނަ އާލް ސުޕެންސާ، ޗާލްސް ސުޕެންސާ ނެރުއްވާ އަމިއްލަ ހަޔާތުގެ މައްޗަށް އެކުލެވޭ އާ ފޮތް ”ސްވާން ސޮންގް: ޑަޔާނާ، މައި ސިސްޓާ“ އާއެކު އިނގިރޭސި ޝާހީ އާއިލާއަށް ނިސްބަތްކޮށް ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.
މި ފޮތުގައި ޗާލްސް ސުޕެންސާ ލިޔުއްވާފައިވާ ގޮތުގައި، 1997 ވަނަ އަހަރު ޕެރިސްގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ޑަޔާނާ އަވަހާރަވި ރޭ، އޭރުގެ ޕްރިންސް ޗާލްސް (މިހާރުގެ ރަސްގެފާނު ޗާލްސް) އާ ފޯނުން ދެކެވުނު ވާހަކަފުޅުގައި، ޗާލްސް ހުންނެވީ ވަރަށް އުފާވެފައެވެ. ސުޕެންސާ ސިފަކުރެއްވި ގޮތުގައި އޭރު ޗާލްސްގެ އަޑުފުޅު ހުރީ ”ލޮޓަރީއެއް ކާމިޔާބުވުމުން އުފަލުން އުޅޭ މީހެއްގެ“ އަޑުފުޅާ އެއްގޮތަށެވެ.
މީގެ އިތުރުން، ޑަޔާނާގެ ޖަނާޒާގައި ޕްރިންސް ވިލިއަމް އަދި ޕްރިންސް ހެރީ، މަންމާފުޅުގެ ސަންދޯއްޕުޅުގެ ފަހަތްޕުޅުން ހިނގާފައިވަޑައިގަތުމާ ދެކޮޅަށް ސުޕެންސާ ވާހަކަފުޅު ދެއްކެވުމުން، ޗާލްސް ކޯފާވެވަޑައިގެން ”އަހަރެމެން މާގިނަ ދުވަސްތަކެއްނުވެ އޭނާ މަތިން ހަނދާންނައްތާލާނަން“ ކަމަށް ވިދާޅުވި ކަމަށްވެސް ފޮތުގައި ތުހުމަތުކޮށްފައިވެއެވެ.
މި ތުހުމަތުތަކާ ގުޅިގެން ބަކިންގްހަމް ޕެލެސްއިން ވަނީ ހާއްސަ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، އާންމުގޮތެއްގައި މިފަދަ ފޮތްތަކަށް ރައްދުނުދިންކަމުގައި ވިޔަސް، އާއިލީ މެންބަރަކު ވަކިވެދިއުމުގެ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށާއި ނިންމާ ނިންމުންތަކަށް ބަދަލުއަތުވެދާނެކަން ރަސްގެފާނު ގަބޫލުކުރައްވާ ކަމަށެވެ.
![]()
