އިންޑިޔާގެ ކެރަލާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގިނަ ހިސާބު ތަކެއްގައި ކިސަޑު ހެދި ބިންގަނޑު ކަނޑައިގެން ދިއުންފަދަ ހާދިސާތައް ކުރިމަތިވަމުން ދާކަމަށް ޚަބަރު ލިބެއެވެ. މިފަދަ ހާދިސާތަކުގައި މިހާތަނަށް ފަސްމީހުން މަރުވެ އަދި ދެމީހުންގެއްލިފައިވާ ކަމަށް ޚަބަރު ތައް ބުނެއެވެ.
ބޯވާރޭ ވެހެންމުންދާ ސަރަހައްދު ތަކުގެ ތެރޭގައި ކޮއްޓަކަމްބޫރު އަދި އިޑުއްކި ހިމެނޭ ކަމަށް ޚަބަރުތައް ބުނެއެވެ. މިސަރަހައްދު ތަކުގައި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމާއި ކިސަޑު ބޯވުމުގެ ސަބަބުން ދަތިތަކާ ދަނީ ކުރިމަތިވަމުންނެވެ.
ދެކުނު އިންޑިޔާގެ ބައެއް ހިސާބުތަކަށް ހޯމަ ދުވަހުގެ ކުރިޔަށް އޮތް ވަގުތު ތަކުގައިވެސް ގަދަޔަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް އިންޑިޔާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފައި ވެއެވެ.
މޫސުން ގޯސްވުމާއި ގުޅިގެން ކެރަލާގެ އާންމު ހާލަތު ގޯސްވަމުން ދިއުމާއި އެކު ގާތުން ހާލަތު މޮނިޓަރ ކުރަމުން ގެންދިއުމަށް ޗީފް މިނިސްޓަރ ސަތީސަން ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.މީގެ އިތުރުން ހާލަތު ގޯސް ބައެއް ދިމާތަކަށް ޑިޒާސްޓަރ މެނޭޖްމަންޓް ފޯސްގެ ޓީމްތައް ފޮނުވުމަށްވެސް ވަނީ ޗީފް މިނިސްޓަރު އަންގަވާފައެވެ.
މަލައްޕޫރަމް ޑިސްޓްރިކްޓްގައި ކޯރެއްގެ ފެންގަނޑު ކުއްލިއަކަށް ބޮޑުވެ ހިނގި ނުރައްކާތެރި ހާދިސާއެއްގައި ފަސް މީހުން އޮޔާދައިގަތްކަމަށް ޚަބަރުތައް ބުނެއެވެ.މީގެ ތެރެއިން ދެމީހުން މަރުވެފައިވާއިރު އެކަކު ސަލާމަތް ކުރެވި ދެމީހުން ވަނީ ގެއްލިފައެވެ.ފުލުހުން މައުލޫމާތު ދިންގޮތުގައި މިފަސްމީހުންނަކީ އެވަގުތު ކޯރަށް އެރިލަން ގޮސްތިބި ފަސްމީހުންނެވެ.
ކައިރި އެހެން ހިސާބެއް ކަމަށްވާ ކޮއްޓަޕޫޒާ ޑިސްޓްރިކްޓްގައިވެސް ކުރިމަތިވި ފްލޭޝް ފްލަޑް ނުވަތަ ކުއްލިއަކަށް ފެންބޮޑުވުމުގެ ހާދިސާތަކެއްގައި ޓުއަރިސްޓުން ހިމެނޭ ގޮތުން 7 މީހުން އޮޔާ ދަމައިގެންފައިވާއިރު، 35 އަހަރުގެ އަންހެނަކު މަރުވެފައިވެއެވެ. މީގެ އިތުރުން ޓެމިލްނާޑޫގެ ކޮއްޓަޔަމް ޑިސްޓްރިކްޓްގެ ހާލަތުވެސް ވަރަށް ގޯސްކަމަށް ޚަބަރުތައް ބުނެއެވެ.
ކުރިޔަށް އޮޔް ހަތަރު ދުވަހުވެސް ކެރަލާޔަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އިންޑިޔާގެ މޫސުމާގެހޭ އިދާރާއިން ފޯކާސްޓް ކޮށްފައި ވެއެވެ.
ކޮންމެ އަހަރަކުވެސް މިދުވަސްވަރާދިމާކޮށް ދެކުނު އިންޑިޔާއަށް ކުރިމަތިވާ ސައުތު ވެސްޓް މޮންސޫން އަކީ ވަރަށް މޫސުން ގޯސްވާ ދުވަސްތަކެއް ނަމަވެސް މިއަހަރު ސައުތު ވެސްޓް މޮންސޫންގައި ވާރޭ ވެހޭނެ ކަމަށް އަންދާޒާ ކުރެވޭ މިންވަރު ވަރަށް ދަށް ކަމަށް ޚަބަރުތައް ބުނެއެވެ.
![]()
