މޮސްކޯއަށް ދިން ޑްރޯން ހަމަލާތަކެއްގައި ދެ މީހުން މަރުވެއްޖެ ކަމަށް ރަޝިއާއިން ބުނެފި

Loading

Facebook
Twitter
WhatsApp

ޔޫކްރެއިނުން މޮސްކޯ އަދި އެ ސަރަހައްދުގެ ވަށައިގެންވާ ހިސާބުތަކަށް ދިން ވަރުގަދަ ޑްރޯން ހަމަލާތަކެއްގައި މަދުވެގެން ދެ މީހުން މަރުވެ، ތެޔޮ ސާފުކުރާ ބޮޑު ކާރުޚާނާއަކަށް ގެއްލުން ލިބިފައިވާ ކަމަށް ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

މޮސްކޯގެ މޭޔަރު ސަރްގެއި ސޮބްޔާނިން ވިދާޅުވީ، ހޮނިހިރު ދުވަހުން ފެށިގެން ރަޝިއާގެ ވައިގެ ދިފާއީ ނިޒާމުން 1،600 އަށް ވުރެ ގިނަ ޑްރޯން ހުއްޓުވައި ނައްތާލާފައިވާ ކަމަށެވެ. މީގެ ތެރޭގައި ވެރިރަށާ ދިމާއަށް މިސްރާބު ޖަހާފައިވާ ގާތްގަނޑަކަށް 450 ޑްރޯން ހިމެނެއެވެ.

މޮސްކޯ ސަރަހައްދުގެ ގަވަރުނަރު އަންދްރޭ ވޮރޮބްޔޯވް ވިދާޅުވީ، ވަކިވަކިން ދިން ހަމަލާތަކުގައި 44 އަހަރުގެ އަންހެނަކާއި އުމުރުން ދުވަސްވީ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އަދި ޑްރޯނެއް ވެއްޓުމުގެ ސަބަބުން 21 ބުރީގެ އިމާރާތެއްގައި އަލިފާން ރޯވެ، ގާތްގަނޑަކަށް 400 އެއްހާ މީހުން އެ ސަރަހައްދުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނެވެ.

މީގެ އިތުރުން މޮސްކޯގެ ތެޔޮ ސާފުކުރާ ކާރުޚާނާއަށް ވެސް ގެއްލުން ލިބިފައިވާއިރު، އެ ތަނުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޚިދުމަތްތަކުން ވަނީ މަސައްކަތް ކޮށްފައެވެ. ރަޝިއާގެ އޮފިޝަލުން ވިދާޅުވީ، އެ ކާރުޚާނާއަކީ މީގެ ކުރިންވެސް ޔޫކްރެއިންގެ ހަމަލާތައް އަމާޒުވެފައިވާ ތަނެއް ކަމަށެވެ.

މި ހަމަލާތައް ދީފައިވަނީ ރަޝިއާގެ ތިން ދުވަހުގެ ޕާލަމެންޓްރީ އިންތިޚާބުގެ ފަހު ދުވަހުއެވެ. ސޮބްޔާނިން ވަނީ ވޯޓުލުމަށް ހުރަސްއަޅަން ޔޫކްރެއިނުން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، މި ހަމަލާތަކުގެ ސަބަބުން ރަޝިއާގެ ތެލުގެ ސިނާއަތާއި ލޮޖިސްޓިކްސްއާ ގުޅުންހުރި ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

މިއާއެކު، ރަޝިއާއިން ރޭގަނޑުގެ ވަގުތުގައި ކިއެވް ސަރަހައްދަށް ދިން ހަމަލާތަކެއްގައި މަޔަކާއި އޭނާގެ ތުއްތު ދެ ކުދިން ހިމެނޭހެން މަދުވެގެން ހަތަރު މީހުން މަރުވެފައިވާ ކަމަށް ޔޫކްރެއިންގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވެއެވެ. އަދި އެކި ޑިސްޓްރިކްޓްތަކުގައިވާ ގިނަ އަދަދެއްގެ ތަންތަނަށް ގެއްލުން ލިބިފައިވާ ކަމަށްވެސް ޔޫކްރެއިންގެ އޮފިޝަލުން ވިދާޅުވިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް