އުތުރު ކޮރެޔާއިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް ޓެސްޓް ކޮށްފިއެވެ.މިކަން ވަނީ ޖަޕާން އަދި ދެކުނު ކޮރެޔާއިންވެސް ކަށަވަރު ކޮށްދީފައެވެ. ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އާދީއްތަ ދުވަހު ކުރިޔަށް ގެންދިޔަ ޓެސްޓްގައި މިސައިލް ޖައްވަށް ފޮނުވާލިތާ މާގިނަ އިރެއްނުވެ ވަނީ ކަނޑަށް ވެއްޓިފައެވެ. ދެކުނު ކޮރެޔާއިން ބުނީ މިސައިލް ފޮނުވާލާފައިވަނީ އުތުރު ކޮރެޔާގެ އިރުމަތީ އައްސޭރި ފަށުން ކަމުގައެވެ.
މީގެ 8ދުވަސް ކުރިންވެސް އުތުރު ކޮރެޔާއިން ވަނީ ސީއޮފް ޖެޕޭން އާއި ދިމާލަށް އެތައް ޝޯޓް ރޭންޖް ބެލިސްޓިކް މިސައިލެއް ފޮނުވާލާފައެވެ. އަދި އެކަމަކީ އަމިއްލަ ގައުމުގައި ”ފަޔަރ ޕަވަރ“ ނުވަތަ އަލިފާނުގެ ބާރު ހުރިވަރު ބެލުމަށް ހިންގި ޑްރިލް އެއްކަމަށް ބުނެފައިވެއެވެ.
މިޓެސްޓް ތަކަށްފަހު އދގެ ނިއުކްލިއަރ ވޮޗް ޑޯގުން ވަނީ އުތުރު ކޮރެޔާގެ ހުރިހާ ނިއުކްލިއަރ ހަރަކާތްތަކެއް ހުއްޓާލުމަށް ގޮވާލާ ރިޒޮލިއުޝަނެއް ހުށަހަޅާފައެވެ.ނަމަވެސް ޕިޔޮންގ ޔޭންގުންވަނީ އެ ރިޒޮލިއުޝަން ބަލައިގަތުމަށް ދެކޮޅުހަދާފައެވެ.
އާދީއްތަ ދުވަހު އުތުރު ކޮރެޔާއިން ޓެސްޓް ކުރީ ކޮންކަހަލަ މިސައިލެއް ކަމެއް އެގައުމުން އަދި ކަށަވަރު ކޮށްދީފައި ނުވާކަމަށްވެއެވެ.
ނިމުނު ހަފަތާގައި ދެކުނު ކޮރެޔާއިންވެސް ވަނީ އެމެރިކާ އަދި ޖަޕާނާއި ގުޅިގެން ފަސް ދުވަހުގެ ކަނޑުމަތީގެ ތަމްރީނު ތަކެއް ކުރިޔަށް ގެންގޮސްފައެވެ. ”ފްރީޑަމް-އެޖް“ ގެ ނަމުގައި ދެކުނު ކޮރެޔާ އާއި ކައިރިން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ކުރިޔަށް ގެންދިޔަ ތަމްރީން ތަކަކީ އުތުރު ކޮރެޔާ ގެ އިތުރުން ކައިރީގައިހުރި އެހެން ގައުމުތަކަށްވެސް ހުރި ”ތުރެޓެއް“ ކަމުގައި އުތުރު ކޮރެޔާއިން ވަނީ ބުނެފައެވެ.އަދި މިތަމްރީނު ތަކާދެކޮޅަށް ފިޔަވަޅުއެޅުމުގެ ގާބިލުކަން އުތުރު ކޮރެޔާއަށް ލިބިފައިވާ ކަމަށް އިތުރު ކޮރެޔާގެ ޑިފެންސް މިނިސްޓަރ ކިމް ސޮންގ ގީ ވިދާޅުވެފައި ވެއެވެ.
![]()
