އެކަށީގެންވާ މިންވަރަށް ސަރުކާރުގެ ޔުނިވަރު ސިޓީތަކަށް ކިޔަވާ ކުދީން ނުލިބުމުގެ މައްސަލަ ޙައްލުކުރުމަށް ޓަކައި ޔުނިވަރު ސިޓީތަކުން ކެންޕޭންކުރެއެވެ. އަދި ކޮންމެ ޔުނިވަރުސިޓީއެއް ވެސް އެ ތަނެއްގައި ހުރި ރަނގަޅުކަންތައް ހުށަހަޅައެވެ. ނަމަވެސް މިއަދާ ހަމަޔަށް ވެސް އެކަށީގެންވާ އަދަދަކަށް ދަރިވަރުން ލިބުމުގެ މައްސަލައަކަށް ޙައްލެއް ނުލިބެއެވެ. ސަބަބަކީ ފަހެ ކޮބައިތޯއެވެ؟ ސަބަބު ވަރަށް ސާފެވެ.
ގަސްތުގައި ކުރީގެ ބައެއް ސަރުކާރުތަކުން އެއޮތީ ގައުމުގެ ރަސްމީ ޔުނިވަރުސިޓީތައް ބަލިކަށިކޮށްފައެވެ. ކުދީން ސަރުކާރުގެ ޔުނިވަރުސިޓީތަކަށް ނުލިބޭގޮތަށް ރާނާ ސިމިންތިޖަހާ އޮމާންކޮށް ނިންމާފައެވެ. އާދެ! ގައުމެއްގެ ސަރުކާރުގެ ޔުނިވަރު ސިޓީތައް ބަލިކަށި ވެއްޖެ ނަމަ ދެން އުފެދިގަންނާނީ ޢިލްމުގެ ނަމުގައި ސެޓުފިޓުގެ ކަޅުބާޒާރެކެވެ. ދާދިފަހުން އޮންލައިން ނަރުސްކޯހެއް ކޮންމެވެސް ޔުނިވަރުސިޓީއަކުން ފެށި ޚަބަރު ވެސް އަޑުއެހީމެވެ. ކިހާ ރީތިހެއްޔެވެ؟ އޭ ހުރި ހިތާމައެއްގެ ބޮޑުކަމާއެވޭ! މިހާރު ރާއްޖޭގައި ކަޅުބާޒާރުގެ ދޭތި އެބައުޅެއެވެ. އެކައްޗަކީ ޢިލްމުގެ ނަމުގައި ސެޓުފިޓުގެ ކަޅުބާޒާރެކެވެ. ފައިސާ ދީފައި ބޭނުންވަރަކަށް ސެޓުފިޓު ގަންނަންވީއެވެ. އަނެކައްޗަކީ ޑޮލަރުގެ ކަޅުބާޒާރެވެ. އޭގެ ހާލަތު މިހާރު އޮތް ހިސާބެއްވެސް ނޭގެއެވެ. ސަރުކާރުން ޑޮލަރުގެ ކަޅުބާޒާރުގެ ފަހަތުން ދުވާތީ އަދި އެވާހަކަ ނުދެއްކުމަށް އަދަބުދޭ ގާނޫނެއް ހެދިފަހުން ޑޮލަރޭ ކިއުން މަދުވި އަޑުއިވެއެވެ. ނަމަވެސް ސަރުކާރުގެ ޔުނިވަރިސިޓީތަކަށް ދަރިވަރުން ނުލިބިގެން ލަދުގަންނަހިސާބަށް ދިޔައިރު ވެސް ސަރުކާރުން ދެނެހުރިކަމަކަށް ވެސް ނަހަދައެވެ.
އާދެ! ޢިލްމުގެ ނަމުގައި ސެޓުފިޓުގެ ކަޅުބާޒާރެއް ރާއްޖޭގައި އުފެދުމުގެ ފަހަތުގައި ދީނީ ޢިލްމުވެރިއެއް ކަމަށް ބައެއް މީހުން ގަބޫލުކުރާ ބޭކަލެއްގެ އަތެއްވެސް ވެއެވެ. އެއީ މީގެ ރިޔާސީ ދެ ދައުރު ކުރީގެ ވާހަކައެކެވެ. އޭނާ ހުރި ޕާޓީއަށް ކާމިޔާބު ނުލިބުމުން ނުވަތަ އޭނާ ހުރި މަގާމުން ބޭރުކޮށްލުމުން އޭނާ ގުޅުނީ ޕުރައިވެޓު ކޮލަޖަކާއެވެ. ދެން އެއަށްފަހު އެތަނުގައި މާސްޓާރ ޑިގުރީ އުފަންކުރަން ފެށްޓިއެވެ. ދުވަސްކޮޅަކުން ފެނުނީ ތަޢުލީމީ ޕުރައިވެޓު ސެކުޓަރުތަކުގައި ޑިގުރީގެ ކަޅު ބާޒާރެއް އުފަންވިތަނެވެ. އެގޮތަށް އެކަން އެހާ ފަސޭހަވީ ރާއްޖޭގައި މަތީ ތަޢުލީމު ދޭ ތަންތަން މޮނިޓަކުރުމުގެ ނިޒާމު ބަލިކަށިކޮށް އޮތުމުގެ ސަބަބުންނެވެ. އަސްލު އޮންނަންޖެހޭނީ ޕުރައިވެޓު ތަންތަނުގައި ކިޔަވައިދޭ ތަކެތި ވެސް ގައުމީ ޔުނިވަރުސިޓީ ތަކުގެ ކަރުކިއުލަމްތަކާއި މަންހަޖުތަކަށް ފޭތޭގޮތަކަށެވެ.
ދުނިޔޭގެ ހުރިހާތަނެއްގައި ވެސް ސަރުކާރުގެ ޔުނިވަރުސިޓީތައް ހުންނާނީ އާއްމު އެކަޑަމީތަކައްވުރެ ޢިލްމީ ފެންވަރު މަތިކޮށެވެ. އެކަން އެގޮތަށް ދިމާވަނީ ސަރުކާރުން ޔުނިވަރުސިޓީތަކަށް ކުރާ ބޮޑު ހޭދައިގެ ސަބަބުން އެތަންތަނުގައި ކުރަން ޖެހޭ ޢިލްމީ މަސައްކަތްތައް ރަނގަޅަށް ކުރެވޭތީއެވެ. އަދި ސަރުކާރުގެ ޔުނިވަރުސިޓީ ތަކުގައި ކަނޑެޅިފައި ހުންނަ އުނގެނުމާއި އުނގަންނައި ދިނމުގެ ޝަރުޠުތައް ވަރުގަދަވާތީއެވެ. ސަރުކާރުގެ ޔުނިވަރުސިޓީ ތަކުގައި ޢިލްމީ ޚިދުމަތް ދިނުމާއި ލިބިގަތުމުގެ ޝަރުޠުތައް އެހާމެ ވަރުގަދަކޮށްފައިވަނީ އެތަނުން ނިކުންނަ މޮޅު ދަރިވަރުން ނަކީ މުސްތަގުބަލުގައި ގައުމު ހިންގުމަށާއި ރައްޔަތުންނަށް ޚިދުމަތްކުރަން ތިބޭނެ ހަރުދަނާ ޢިލްމީ ބަޔަކަށް ހެދުމަށެވެ. ނަމަވެސް ސަރުކާރުގެ ޔުނިވަރުސިޓީތަކެކޭ އެއްފަދައިން ޕުރައިވެޓު ސެކުޓަރުތަކުގައި ކިޔަވާ ދަރިވަރުންނަށް ޓިއުޝަން ފީ ދެއްކުމަށް ސަރުކާރުން ހަމަޖެއްސުމުން ދިމާވި އެއް މައްސަލައަކީ ގިނަ ދަރިވަރުން ޕުރައިވެޓު އެކަޑަމީތައް އިޚުތިޔާރު ކުރުމެވެ. އެއީ ކުރިމަގު އިޚުތިޔާރުކުރުމާއި އުނގެނުމާއި އުނގަނައި ދިނުމުގައި އެތަންތަނުން ދީފައި ހުންނަ ލުއިފަސޭހަތަކަށް ބަލައިގެން ކަމަށް ވެދާނެއެވެ.
ނަމަވެސް ޕުރައިވެޓު ސެކުޓަރުތަކުގައި ހުންނަ އެފަދަ ބައެއް ލުއިފަސޭހަތަކަކީ ޢިލްމީ ކެޓަގަރީއަށް ފެތޭ ލުފަސޭހަތަކެއް ކަމުގައި ނުވެއެވެ. އަބަދުވެސް ޕުރައިވެޓު ސެކުޓަރުތައް ހިންގަމުންދާނީ ވިޔަފާރި އުސޫލަށް އިސްކަންދީގެންނެވެ. އެކަން އެގޮތަށް ކުރުމުގެ ފުރުސަތު އެތަންތަނަށް ލިބެނީ ވެސް ސަރުކާރުތަކުގެ އިހުމާލުންނެވެ. އަސްލަކީ ޕުރައިވެޓު ޔުނިވަރުސިޓީތަކުގެ ކަރުކިއުލަމާއި ކިޔަވައިދިނުމުގެ އުސޫލުތައް ބިނާވެފައި ހުންނަންޖެހޭނީ އެގައުމެއްގެ ރަސްމީ ޔުނިވަރުސިޓީ ތަކުގެ ކަރުކިއުލަމާއި ކިޔަވައި ދިނުމުގެ އުސޫލުތަކާ އެއްގޮތަކަށެވެ. ތަފާތު ވިޔަސް ތަފާތުވާނީ މަދު ކަންތަކަކެވެ. އެއީ އިދާރީކަންތަކެވެ. ޢިލްމީކަންތައް ހުންނާނީ ނުވަތަ ހުންނަންޖެހެނީ ދާދި އެއްގޮތަކަށެވެ. އެއަކުން މާބޮޑު އަސަރެއް ނުކުރާނެ ގޮތަކަށެވެ. މިގޮތަށް ނެތުމުން ނަތީޖާއަކަށް ވަނީ ސަރުކާރުގެ ޔުނިވަރު ސިޓީތަކުން ނިމޭ ދަރިވަރުންނާއި ޕުރައިވެޓު އެކަޑަމީތަކުން ނިމޭ ދަރިވަރުންގެ ޢިލްމީ ގާބިލުކަމުގެ ތަފާތު ބޮޑުވުމެވެ.
މިސާލަކަށް ބައެއް ޕުރައިވެޓު އެކަޑަމީތަކުން މާސްޓާރ އިން ޝަރީޢާ ކިޔަވާ ނިންމާއިރު އެދަރިވަރު ސެކަންޑަރީ ނިންމިތަނެއް މިއުޑުހިޔާދަށަކު ނުހުރެއެވެ. ވިމާ އެފަދަ ދަރިަވރުން ތިބޭނީ ޢިލްމީ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ. އޭނާއަކަށް ހެޔޮގޮތަކީ ކޮބައިކަމެއް އަދި ނުބައިގޮަތަކީ ކޮބައިކަމެއްވެސް ވަޒަންކުރާ ކަށެއް ނޭގޭނޭއެވެ. އެފަދަ މީހުންނަށް މުޖުތަމަޢުގެ ނާ ދުއްވަން ފުރުސަތެއް ލިބިއްޖެ ނަމަ ހުންގާނުގައި ހިފާގެންހުރެ އޮޑި މިސްރާބުން ދުއްވާކަށެއް ނޭގޭނެއެވެ. ސަމުގާ ހުންނާނީ ވަކި މިސްރާބަކަށެވެ. ހުންގާނު ހުންނާނީ ވަކި ދިމާލަކަށެވެ. ދިވެހި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވެސްމިއެވެ. އޭގެ ސަބަބަކީ މިދަންނަވާ ޢިލްމީ ބަލިކަށިކަމެވެ. ސަރުކާރުގެ ޔުނިވަރުސިޓީތަކުން ޢިލްމީގޮތުން ފުނާބު އުސް ހަރުދަނާ މީހުން އުފެއްދިަފއި ނެތުމުގެ ހިތި ނަތީޖާއެވެ.
ސަރުކާރުގެ ރަނގަޅު ސިޔާސަތަކަށް ވާންޖެހޭނީ ސަރުކާރުގެ ޔުނިވަރުސިޓީތަކުން ފޯރުކޮށްނުދެވޭ ތަޢުލީމުގެ ނުވަތަ ސަރުކާރަށް އެފަދަ ވައްތަރެއްގެ ތަޢުލީމު ފޯރުކޮށްދިނުމަށް ނުކުޅެދޭ ވައްތަރުގެ ތަޢުލީމަށް ސަބުސިޑީ ދިނުން ޕުރައިވެޓު ސެކުޓަރުތަކަށް ހުޅުވާފައި ބޭއްވުމެވެ. ނަމަވެސް ހިތާމައަކީ ކޮންމެ ބަޔަކަށް ވެސް ވެރިކަމުގެ ބާރު ލިބުމުން ކަންކުރާގޮތަކީ ދައުލަތުގެ މާލިއްޔާ މަކުނު ކޭކުބަހާ އުސޫލުން ބަހަމުން ބައިއަޅަމުން ގެންދިއުމެވެ.
ޕުރައިވެޓު ސެކުޓަރުތަކުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުގެ ޔުނިވަރުސިޓީތަކެކޭ އެއްފަދައިން ޓިއުޝަން ފީ ދެއްކުމަށް ހަމަޖެއްސީ ވެސް އެ އުސޫލުންކަމަށް ވެދާނެއެވެ. މިއީ ސަރުކާރަކަށް އެއްޗެހި ކިޔަނީއެއްނޫނެވެ. ދިވެހިރާއްޖެ ފިޔަވައި އެ ގައުމެއްގެ ސަރުކާރުގެ ޔުނިވަރުސިޓީތަކުގެ ޢިލްމީ ކުރިމަގަށް ހުރަސްއެޅޭ ގޮތަކަށް ސަރުކާރުގެ ޕޮލިސީ ބަދަލުކޮށް ތަންފީޒުކޮށްފައިވާ ފަހެ ދެވަނަ އެހެން ގައުމަކީ ކޮބާހެއްޔެވެ؟!
ދާދި ފަހުން ސޯޝަލް މީޑިޔާއިން ފެނިގެން ދިޔައީ، އިސްލާމާއި ޤުރްއާން ކިޔަވާދޭން އިންޑިޔާއިން ޓީޗަރުން ގެންނަން ޖެހުނު ޚަބަރަކީ ވެސް އެކަށީގެންވާ އަދަދަކަށް ދަރިވަރުން ސަރުކާރުގެ ޔުނިވަރުސިޓީ ތަކަށް ނުލިބުމުގެ ހިތި ނަތީޖާއެއްގެ ގޮތުގައި ބެލެވިދާނެއެވެ. އެއީ ސަރުކާރު ޔުނިވަރުސިޓީ ތަކަށް ދަރިވަރުން ގިނަވި ނަމަ ޓީޗަރުން އުފެދުނީހެވެ. ސަރުކާރު ޔުނިވަރުސިޓީ ތަކަށް ދިވެހިރާއްޖެއަށް ބޭނުންވާ އިސްލާން މާއްދާ ކިޔަވައިދޭ ޓީޗަރުންނާއި ޤުރުއާން ކިޔަވައިދޭ ޓީޗަރުން އުފައްދަން ބޭނުންވާ ދަރިވަރުން ނުލިބޭ ނަމަ އެއީ ބޮޑު މައްސަލައެކެވެ. ކަމާބެހޭ މުއައްސަސާތަށް ޖަވާބުދާރީ ވާންޖެހޭނެ ކަމެކެވެ. އެ ދެ ތަނަށް ދިވެހި ރައްޔިތުންގެ ފައިސާއިން ކުރާ ޚަރަދާ މެދު ސުވާލު އުފައްދަން ޖެހެއެވެ. ޙަގީގަތް ހޯދައި އޭގެ ޙައްލު އެގެން ޖެހެއެވެ. ނަމަވެސް އެ ކަން ކުރާނީ ކާކު ހެއްޔެވެ؟ ބުނެއުޅެއެވެ. ބުޅަލުގެ ކަރުގައި ރަނގަބީލު އަޅުވާނީ ކޮން މީދަލެއް ހެއްޔެވެ؟
އާދެ! ސަރުކާރުގެ ޔުނިވަރުސިޓީތައް ހަރުދަނާ މަގުން ނުހިނގާ އިތުރު ސަބަބެއްވެސް އެބައޮތެވެ. އެއީ އެތަންތަނަށް އަތްބޭނުމުގެ ފުރުސްތު ސަރުކާރަށް އޮންނާތީއެވެ. އެގޮތުން ޑީން ނުވަތަ ވައިސް ޗާންސަލަރގެ މަގާމު ފާހަގަކުރެވެއެވެ. ކޮންމެ ރިޔާސީ ދައުރެއް ބޯމަތިވުމުން އެތަނުން ކޮންމެސް ބަޔަކު ތެދުވާނެއެވެ. އަދި ރިޔާސީ ކެންޑިޑޭޓަކަށް ފާޅުކަންބޮޑު ގޮތުގައި ކެމްޕޭން ކުރަން ފަށައިގަންނާނެއެވެ. އޭނާކުރި ކެމްޕޭނަށް ކާމިޔާބު ލިބިއްޖެނަމަ ކުރިޔަށް އޮންނަ ފަސްއަހަރު ޔުނިވަރުސިޓީ އޮންނާނީ އޭނާއާއި އޭނާގެ އައުވާނުންގެ ބާރުގެ ދަށުގައެވެ. އެފަދަ މީހަކު، ޢިލްމީ މަސައްކަތަށް ވުރެ އިސްކަން ދޭނީ ވެރިކަން ދަމަހައްޓާށެވެ. ޢިލްމީ ދިރާސާއެއް ކަމުގައިވިޔަސް ސަރުކާރުގެ ސިޔާސަތާ ފުށުއަރާ ނަމަ އެކަމެއް ނުކުރެވޭނެއެވެ.
ޢިލްމީ މައުޟޫޢެއް ކަމުގައި ވިޔަސް ސަރުކާރު ނުރުހޭނެފަދަ މައުލޫއަކަށް މައުޟޫޢަކަށް އާޓިކަލެއްވެސް މުދައްރިސަކަށް ނުވަތަ ދަރިވަރަކަށް ނުލިޔެވޭނެއެވެ. ޔުނިވަރުސިޓީ ގުރާންޓު ވެސް ލިބޭނީ އޭނާއާއި އޭނާގެ އަޢުވާނުންނަށް ނުވަތަ ސަރުކާރު ރުހޭނެހެން ހީވާ މައުޟޫޢަކަށް އެކަންޏެވެ. ޔުނިވަރުސިޓީތަކުގެ ޙަގީގަތަކަށް ވާންވާނީ މީހަކު ރުހުނަސް ނުވަތަ ނުރުހުނަސް ޢިލްމީ ޙަގީގަތް ހާމަކުރާ ތަނަކަށެވެ. ނަމަވެސް ސިޔާސީ ނުފޫޒު ވަނުމުގެ ސަބަބުން ޔުނިވަރުސިޓީ ތަކުން މުޖުތަމައަށް ލިބެންވާ ޢިލްމީ ފައިދާ ނުލިބެއެވެ. މާޒީގެ ދުވަސްތައް ވޭތުވެދިޔައީ އެގޮތަށެވެ. ނަތީޖާއަކަށްވީ ސަރުކާރުގެ ޔުނިވަރުސިޓީ ތަކުން ޢިލްމީގޮތުން ފުންނާބު އުސް ހަރުދަނާ މީހުން އުފެއްދުމަށް ނުކުޅެދުމެވެ. މިހާރު މުޖުތަމައުން މިފެންން ދެރަކަންތަކަކީ އޭގެ ނުބައި އަސަރެވެ.
ފެންނަ ބައެއް ހައްލުތައް:
އެކެއް: ޕުރައިވެޓު ސެކުޓަރުތަކުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުގެ ޔުނިވަރުސިޓީތަކެކޭ އެއްފަދައިން ޓިއުޝަން ފީ ދެއްކުމަށް ހަމަޖެއްސި ކަރަޕުޝަން ޢަމަލުކަމަށް ބެލެވޭ އަމަލު މިހާރު އެތަންތާނގައި ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާ ކުރުމަށްފަހު ވަގުތުން ހުއްޓާލުމެވެ.
ދޭއް: ސަރުކާރުގެ ޔުނިވަރު ސިޓީތަކަށް ކިޔަވާ ކުދީން ނުލިބުމުގެ އިސްވެދެންނެވުނު ސަބަބު ބަންދުކުރުމަށް އެދި ޔުނިވަރުސިޓީތަކުން ސަރުކާރަށް ހުށަހެޅުމެވެ.
ތިނެއް: ދިވެހިރާއްޖޭގެ މާލޭގައި ހުރި ދެ ޔުނިވަރުސިޓީ ވެސް ރާއްޖެ ތެރެއިން އެންމެ އާބާދީ ކުޑަ އެންމެ ތަރައްޤީ ކުޑަ ދެ އަތޮޅެއް ފާހަގަކޮށް ކޮންމެ ޔުނިވަރުސިޓީއަކަށް ބޮޑު ރަށެއް ހުސްކޮށް އެ ތަނުގައި ޔުނިވަރުސިޓީއާއި ކިޔަވާ ކުދީންގެ ބޯޑިންގާއި އެހެނިހެން ބައިތައް ބިނާކޮށް ދިވެހިރާއްޖޭގެ އެތެރެއާއި ބޭރުން ކުދިން އައިސް ކިޔަވަން ތިބޭ ކަހަލަ ރަނގަޅު މާޙައުލެއް ގާއިމުކުރުމެވެ. ނުވަތަ ބޮޑެތި ރަށްރަށުގައި އިތުބާރު ހިފޭ ފެންވަރުގެ ޔުނިވާރސިޓީ ބިނާކޮށް ހިންގުމެވެ. އެއިރުން އެ އަތޮޅެއް ވެސް ތަރައްޤީވުމަށް މަގުފަހިވެދާނެކަމަށް ފެނެއެވެ. އަދި މާލެއަށް ދިމާވެފައިވާ އިޖުތިމާޢީ މައްސަލަތަކަށް ލުޔެއް ވެސް ލިބިދާނެކަމަށް ފެނެއެވެ.
ހަތަރެއް: ޔުނިވާރސިޓީތަކުގެ މުއައްޒަފުންނަށް ވޯޓު ދިނުމުގެ ހައްގު ފިޔަވައި ސިޔާސީ މަސައްކަތް ނުކުރެވޭގޮތަށް އަދި ޕާޓީއަކަށް ނިސްބަތްވެގެން ނުހުރެވޭގޮތަށް ގާނޫނު އިސްލާހުކޮށް ތަންފީޒް ކުރެއްވުން ވަރަށް މުހިންމެވެ.
ފަހެއް: ޔުނިވަރުސިޓީތަކުގެ ޑީން ނުވަތަ ވައިސް ޗާންސަލަރގެ މަގާމު ހޮވުމުގެ އުސޫލު އިސްލާހުކޮށް އެއީ ކަނޑައެޅޭ ވަކި ޢިލްމީ ޝަރުޠުތަކެއް ފުރިހަމަވާ ބަޔަކަށް ކުރިމަތިލެވޭ އަދި ދިވެހި ރާއްޖޭގެ މުޅި ތަޢުލީމީ ދާއިރާގެ ހުރިހާ މުއައްޒަފުންނަށް ވޯޓުދިނުން ޙާއްގުލިބޭ މަގާމެއްގެ ގޮތުގައި ހަމަޖެއްސުމެވެ.
ކިިޔުއްވުމަށްފަހު ކޮމެޓްކުރެއްވުން ވަރަށް އެދެމެވެ. އެހެނީ ގިނަމީހުންގެ ޚިޔާލުހޯދައި ކަންކަން ކުރުމުން ފެންވަރު ރަނގަޅު ނަތީޖާ ނެރެވޭނެތީއެވެ!
![]()
