ސަރުކާރުގެ ސަބަބުން ސަރުކާރުގެ ޔުނިވަރުސިޓީތަކަށް ލިބިފައިވާ ބޮޑު އެއް ގެއްލުމަކީ އެކަށީގެންވާ މިންވަރަށް އެތަންތަނަށް ކިޔަވާ ކުދީން ނުލިބުމުގެ ގެއްލުމެވެ. އާދެ! އެކަށީގެންވާ މިންވަރަށް ކިޔަވާ ކުދީން ނުލިބޭކަމުގެ ކަންބޮޑުވުމަކީ މިފަހަކަށް އައިސް ސަރުކާރުގެ ޔުނިވަރުސިޓީތަކަށް ކުރިމަތިވި އެންމެ ނުރައްކާތެރި މައްސަލެއެވެ. މިނުރައްކާތެރިކަމަކީ ވޭތުވެދިޔަ ބައެއް ސަރުކާރުތަކުން ގަސްތުގައި ކޮށްފައިއޮތް ނުބައި އަމަލެކެވެ.
އެކަށީގެންވާ މިންވަރަށް ސަރުކާރުގެ ޔުނިވަރުސިޓީތަކަށް ކިޔަވާ ކުދީން ނުލިބުމުގެ ފަހަތުގައި ސަރުކާރުގެ ފާސިދު ސިޔާސަތެއްވެއެވެ. އެއީ ޕުރައިވެޓު ސެކުޓަރުތަކުގައި ކިޔަވާ ދަރިވަރުންނަށް ޓިއުޝަން ފީ ދެއްކުމަށް ހަމަޖެއްސި ކަރަޕުޝަނުގެ އަމަލެވެ. ތަޢުލީމު ދޭ ޕުރައިވެޓު ސެކުޓަރަކަށް ސަރުކާރުން މާލީ އެހީއެއް ދިނުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ރައްޔަތުންނަށް ތަފާތު ދާއިރާތަކުން ޚިދުމަތް ދިނުމަށް ބޭނުންވާ ވަކި ކޮލެޓީއެއްގެ ދަރިަވރުން ތައްޔާރުކޮށް މުޖުތަމައަށް ނެރެން އޮންނަ ތަޢުލީމީ މުއައްސަސާ އިނދެޖެހޭގޮތަކަށް ޕުރައިވެޓު ސެކުޓަރަކަށް ސަރުކާރުން މާލީ އެހީ ދިނުމަކީ ރަނގަޅު ސިޔާސަތެއްކަމުގައި ނުބެލެވެއެވެ.
ޕުރައިވެޓު ސެކުޓަރުތަކުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުގެ ޔުނިވަރުސިޓީތަކެކޭ އެއްފަދައިން ޓިއުޝަން ފީ ދެއްކުމަށް ހަމަޖެއްސި ކަރަޕުޝަނުގެ އަމަލުގެ ގެއްލުން މިވަގުތައް ނުފެނުނަސް އޭގެ އަސަރު ދުރު މުސްތަގުބަލުގައި ފެންނާނެކަމީ އޮޅުމެއްއޮތްކަމެއް ނޫނެވެ. އޭގެއްލުންތައް ގިނައެވެ. ހުރިހާ ގެއްލުމެއް ލިޔުމަކީ އުނގަދޫކަމަކެވެ. ނަމަވެސް ދިވާވާނެ ބައެއް ގެއްލުންތައް ކުރުކޮށް ދަންނަވާލާނަމެވެ.
އެކެއް: ސަރުކާރުގެ ޔުނިވަރުސިޓީތައް ރަންގަޅަށް ނުހިގާ ނަމަ ދިމާވާނެ އެއް ގެއްލުމަކީ އިޖުތިމާޢީ ފޭރާން ރޫޅިގެން ދިއުމެވެ. ހަމަ ޤަބޫލުކުރުން މަދުވެ، ޕާޓީވަންތަކަން ބޮޑުވެ ނުވަތަ ޕާޓީ ފިކުރުތައް ތަޙައްމަލު ނުކުރެވޭ މިންވަރަށް މަތިވެ، އެތެރޭގެ ކޯޅުންތައް ބޮޑުވުމެވެ. ހަމަޔާއި ގާނޫނަށް ފެތުނަސް ނުވަތަ ނުފެތުނަސް ވެރިކަމުގައި އޮންނަ ޕާޓީގެ ނަސްލުގެ ބަޔަކު ކޮންމެ ކަމެއް ކުރިއަސް އެކަމަކަށް އެއްޗެއް ނުބުނެވޭނެއެވެ. އެއީ ބުނާނެ މީހަކު ނުހުންނާނެތީއެވެ. އެފަދަ ގޯސް ކަންތަކަށް ބަސްބުނަން ދަސްކޮށްދިނުމަށާއި މުޖުތަމަޢުގެ ހެވާއި ނުބައި ވަޒަންކޮށް ރަނގަޅުގޮތް އިޚްތިޔާރުކުރަން އެނގޭ މީހުން އުފައްދަން ހުންނަ ޔުނިވަރުސިޓީތައް ހީނަރުކޮށްލުމުން ދެން އުފެދޭނެ މީހުންގެ މިސާލު ހުންނަނީ އޮޔާދާ ކުނިކޮޅެއްގެ މިސާލެވެ. ކޮންމެ ވެސް ޕުރައިވެޓު އެކަޑަމީއަކުން ނަގާފައިވާ ޑިގުރީއެއެް އޮވެދާނެއެވެ. ނަމަވެސް ހަމައާއި އިންސާފެއް ގަބޫލެއް ނުކުރާނެއެވެ. އޭގެ ސަބަބަކީ މިދަންނަވާ ޢިލްމީ ބަލިކަށިކަމެވެ.
ދޭއް: ސަރުކާރުގެ ޔުނިވަރުސިޓީތައް ރަންގަޅަށް ނުހިގާ ނަމަ ދިމާވާނެ އެއް ގެއްލުމަކީ ކުށާއި ކޮރަޕްޝަން ފެތުރިގެންދިއުމެވެ. އެއީ ޢިލްމީ ބަލިކަށިަކަމަކީ ކުށުގެ ނިސްބަތް އިތުރުވުމާ ސީދާ ގުޅުން ހުރި ކަމަކަށްވާތީއެވެ. އެގޮތަށް ދިމާވަނީ ހޭލުންތެރި ނުވަތަ އަޚްލާޤީ ނުވަތަ ޤާނޫނީ ހަމަތައް ހިފަހައްޓާނެ ހަރުދަނާ ބަޔަކު ސަރުކާރުގެ ޔުނިވަރުސިޓީތަކުން ނުއުފެދުމުގެ ނަތީޖާއެއްގެގޮތުންނެވެ. ނަތީޖާއަކަށް ވާނީ ޕޮލެސީލެވެލުގެ މީހުން ނާޖާއިޒު ފައިދާއަށް ދަމައިގަންނަ މަގު ފަސޭހަވެގެންދިއުމެވެ. އެކަން މިހާރު ވެސް ދިވެހި މުޖުތަމައުން މަދުންނަމަވެސް އެބަފެނޭނޫންތޯއެވެ؟! އޭގެ ސަބަބަކީ މިދަންނަވާ ޢިލްމީ ބަލިކަށިކަމެވެ.
ތިނެއް: ސަރުކާރުގެ ޔުނިވަރުސިޓީތައް ރަންގަޅަށް ނުހިގާ ނަމަ ދިމާވާނެ އެއް ގެއްލުމަކީ ދޮގު އަޑުތަކާއި ހަލަބޮލިަކަން އާންމުވެގެން ދިއުމެވެ. ޢިލްމީ ފޭރާން ދެރަވެއްޖެ ނަމަ އެ މުޖުތަމައެއް ވެގެންދާނީ އަޑުތަކާއި ދޮގުތައް ފެތުރުމަށް ފަހި މާހައުލަކަށެވެ. ރާއްޖެ ވެސް މިއޮތީ އެގޮތަށް ވެފައެވެ. އެފަދަ ކަންކަމާމެދު އެއްޗެއް ބުނާނެ މީހަކު ނުހުންނާނެއެވެ. ތިބޭނީ ގައުމުގައި އުފެދޭ މައްސަލަތަކާ ކުރިމަތިލުމުގައި ބުއްދިއާއި ހަމަތައް ދޫކޮށް ޕާޓީގެ އަގީދާތަކަށް އީމާންވާ މީހުން އެކަންޏެވެ.
ހަތަރެއް: ސަރުކާރުގެ ޔުނިވަރުސިޓީތައް ރަންގަޅަށް ނުހިގާ ނަމަ ދިމާވާނެ އެއް ގެއްލުމަކީ ތަދުމަޑުކަމާއި ވަޒީފާގެ ބަޒާރު ހީނަރުވެގެންދިއުމެވެ. ޢިލްމީގޮތުން ބަލިކަށި މީހުން މުޖުތަމައަކަށް ގިނަވާނަމަ އެމުޖުތަމަޢެއްގައި އިޤްތިޞާދީ އިންޖީނު ބެލެހެއްޓުމަށް ބޭނުންވާ ޤާބިލުކަމާއި ހުނަރު ނެތިގެންދާނެއެވެ. އުފެއްދުންތެރިކަން ދަށްވާނެއެެވެ. ފަޤީރުކަމުގެ ނިސްބަތް އިތުރުވާނެއެވެ. ދުނިޔޭގެ ގައުމުތަކުގައި އިގުތިސާދު ހިފަހެއްޓިފައި އޮންނަނީ ސަރުކާރުގެ ޕޮލަސީ ލެވަލުގައި ޢިލްމީގޮތުން ފުންނާބު އުސް ބަޔަކު ތިބެގެން ސަރުކާރުން ބުނާހާއެއްޗަކަށް ދީނުލައި އިގުތިސާދީގޮތުން ކުރަންޖެހޭކަންތަކާއި ނުކުރަންޖެހޭ ކަންތައްތައް ސަރުކާރަށް ބުނެދެމުން ގެންދާތީއެވެ. އަދި އެގޮތަށް ކަންތައްކުރުމަށް ސަރުކާރަށް މަޖުބޫރުކުރުވާތީވެސް މެއެވެ. ރާއްޖޭގެ ޔުނިވަރުސިޓީތަކުން އެފަދަ ބަޔަކު އުފެއްދިފައި ތިބިކަމަކަށް ނުބެލެވެއެވެ. ސަބަބަކީ ސަރުކާރުން ފަޅުރަށެއްގައި އެއަރޕޯޓެއްއަޅަން ހުށަހެޅިއަސް ފެންނާނީ ޕާޓީ ކުދީން އެންމެން އެކުގައި އަތްތިލަ ޖަހަން ފަށައިގަންނަތަނެވެ. ދެކޮޅު ހަދާނީ އިދިކޮޅު ޕާޓީންނެވެ. އެއީ އެމީހުންނަށް ވެސް ވަކި އެއްޗެއް އިތުރަކަށް އެނގޭތީކަމަކަށް ނުބެލެވެއެވެ. ސަބަބަކީ އެ މީހުންގެ ދުވަސްވަރު ވެސް ކަންތައް ދިޔައީ އެއައްވުރެ ގޯސްކޮށްކަމަށް ފަހަނގަކުރެވޭތީއެވެ.
ފަހެއް: ސަރުކާރުގެ ޔުނިވަރުސިޓީތައް ރަންގަޅަށް ނުހިގާ ނަމަ ދިމާވާނެ އެއް ގެއްލުމަކީ ތަރައްޤީއާއި ލުއިފަސޭހަތަކަށް ހުރަސްއެޅިގެންދިއުމެވެ. ޒަމާނީ ތަރައްޤީ ބިނާވެފައިވަނީ ޢިލްމާއި ޓެކްނޮލޮޖީގެ މައްޗަށެވެ. ޢިލްމީ ފޭރާން ބަލިކަށިވެއްޖެ ނަމަ ދުނިޔޭގެ ތަރައްޤީތަކާ އެއްވަރަކަށް އާ ކަންތައްތަކެއް އުފެއްދުމުގެ ނުވަތަ ކުރިއަށް ގެންދިއުމުގެ ޤާބިލުކަމެއް ނުހުންނާނެއެވެ. މިސާލެއްގެ ގޮތުން އިމިގުރޭޝަަނަށް ބަލަމާ ހިނގާށެވެ. ޕާސްޕޯޓުގެ މުއްދަތު ކަނޑައެޅުމުގައި ގެންގުޅެނީ މީގެ ސާޅިސް އަހަރު ކުރީން ވެސް ގެންގުޅުނު އުސޫލުތަކެވެ. އެއީ ކޮންމެ ފަސްއަހަރަކުން ޕާސްޕޯޓެއް ބަދަލުކުރުމެވެ. ބޭކާރުވެގެން އެދަނީ ކިހާ ބޮޑު ޚަރަދެއްތޯ؟ ނަމަވެސް އެކަމަކަށް އެއްޗެއް ބުނަންކެރޭނެ ޕާޓީ ކުއްޖަކު ނުހުންނާނެއެވެ. ސަބަބަކީ ޕާޓީ ކުއްޖާ ހުރީ ތައުލީމު ހާސިލުކޮށްގެން ސެޓުފިކެޓެއް ހޯދުމުގެ ބަދަލުގައި ވިޔަފާރި އުސޫލުން ތައުލީމު ވިއްކާތަނަކުން ސެޓުފިކެޓެއް ހޯދާގެންނެވެ. ދުނިޔޭގެ ގައުމުތަކުގައި މިހާރު ދިހަ އަހަރަށް ވެސް ޕާސްޕޯޓު ދޫކުރެއެވެ. ރާއްޖޭގައި ދޫނުކުރެވެންވީ ކީއްވެހެއްޔެވެ! އަނެއް ކޮޅުން ރާއްޖެއަކީ ފަތުރުވެރިަކަމުން އާމުދަނީ ހޯދާ ގައުމެކެވެ. އަންނަ މީހުން ފޯމު ފުރަން ޖެހުމުގެ ތަކުލީފު މީހާރުވެސް އުފުލަން ޖެހެއެވެ. ޔޫ.އޭ.އީ. ފަދަ ގައުމުތަކުގައި ފޯމު ނުފުރާ ވަދެ ނިކުމެވޭގޮތަށް އޮންނަ ނަމަ އެ ޓެކުނޮލެޖީ ރާއްޖޭގައި ވެސް ބޭނުންކުރެވިދާނެއެވެ. އަދި އެ ގައުމުތަކުގެ މިހާރުގެ އަމާޒަކީ ވީހާވެސް ގިނަ ބަޔަކު އީ-ގޭޓު ބޭނުން ކުރުމެވެ. އެހެން ކަމުން އީ-ގޭޓު ބޭނުންކުރުމާއި އެކަމަށް ހިއްވަރުދޭތަން އެއަރޕޯޓުތަކުން ފެނެއެވެ. ރާއްޖޭގެ މައި އެއަރޕޯޓުގައި ވެސް ދެތިން އީ- ގޭޓެއް ހުރެއެވެ. ނަމަވެސް އެއްދުވަހު މަސައްކަތް ކުރިއްޔާ އަނެއް ދެދުވަހު އޭތި މަސައްކަތެއްނުކުރެއެވެ. އެއީ ޚުދު އަޅުގަނޑަށް ދިމާވިގޮތެވެ. އަންނަ ފަތުރުވެރީން ތިބެނީ ސަފު ހަދައިގެން ދިގު ކިއުތަކުގައެވެ. ކިހާ ލަދުވެތި ހެއްޔެވެ؟ އަމިއްލައަށް ދައުވާކުރަނީ ތިމަންނަމެންނަކީ ވަރަށް ގާބިލު ތައުލީމީ ޒުވާން ޖީލެއްކަމަށެވެ. ނަމަވެސް ތިބެނީ ތަރައްގީގޮތުން ދުނިޔޭގެ އެންމެ ފަހަތުގައިއެވެ. މިކަންތަކުގެ އަސްލަކީ ސަރުކާރުގެ ޔުނިވަރުސިޓީތަކުން ރަނގަޅު ގާބިލު ދުރު ވިސްނޭ މީހުން އުފެއްދިފައި ނެތުމެވެ. ހިތާމައިގެ ކޮޅެއްނެތެވެ.
ހަޔެއް: ސަރުކާރުގެ ޔުނިވަރުސިޓީތައް ރަންގަޅަށް ނުހިގާ ނަމަ ދިމާވާނެ އެއް ގެއްލުމަކީ ގައުމީ އިގުތިސާދީ ވަސީލަތްތައް އިސްރާފުކުރުން އާއްމުވުމެވެ. ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ގުދުރަތީ ވަސީލަތްތަކާއި އިންސާނީ ވަސީލަތްތައް ގޯސްކޮށް ބެލެހެއްޓުމާއި ބުއްދިވެރި ނޫން ގޮތެއްގައި ބޭނުންކުރުމެވެ. ރާއްޖޭގެ ގުދުރަތީ އިގުތިސާދީ ވަސީލަތްތައް ސަރުކާރުން ގެންދަނީ ނުއަގުގައި ވިއްކަމުންނެވެ. އޭގެ ބަދަލުގައި ވަގުތީ ފައިދާއަށް ކުޑަ ޑޮލަރުކޮޅެއް ހޯދާގަންނަނީއެވެ. ކުރިޔައްއޮތް ޖީލަކަށް އެއްޗެއްނެތެވެ. މިއީ ރާއްޖެއިން ފެންނަ ހަގީގަތެކެވެ. ވެރިކަން ކުރަނީ ޕާޓީތަކުންނެވެ. ޕަޓީތައް އުފެދެނީ އުޖުތަމުން އަންނަ ބަޔަކު ހިމެނިގެންނެވެ. ސަރުކާރުގެ ޔުނިވަރުސިޓީތަކުން ޢިލްމީގޮތުން ފުނާބު އުސް ހަރުދަނާ މީހުން އުފެއްދުނު ނަމަ މުޖުމައުގައި ގިނަ ވާނީ އެފަދަ މީހުންނެވެ. ޕާޓީއަކުން ކޮންމެ ދިމާލަކުން މީހަކު ނެގިޔަސް ނެގޭނީ ރަނގަޅު މީހެކެވެ. ނަމަވެސް މިހާރުގެ ހާލަތަކީ ޕާޓީއަކުން އަތްފުނާއަޅައިގެން ހޮވައިގެން ބަލައިގެން މީހަކު ނެގިޔަސް ނެގޭނީ ގޯސް މީހެކެވެ. ދުވަސްކޮޅަކުން އަޑުއިވޭނީ އޭނާ އޭނާގެ ނަފުސު ވިއްކާލިއަޑެވެ. އޭގެ ސަބަބަކީ މިދަންނަވާ ޢިލްމީ ބަލިކަށިކަމެވެ. ސަރުކާރުގެ ޔުނިވަރުސިޓީތަކުން ޢިލްމީގޮތުން ފުނާބު އުސް ހަރުދަނާ މީހުން އުފެއްދިފައި ނެތުމުގެ ހިތި ނަތީޖާއެވެ.
ހަތެއް: ސަރުކާރުގެ ޔުނިވަރުސިޓީތައް ރަންގަޅަށް ނުހިގާ ނަމަ ދިމާވާނެ އެއް ގެއްލުމަކީ ފިކުރީ ހަގުރާމަތަކުން މުޖުތަމައު ފާސިދުކޮށްލަން ފަސޭހަވުމެވެ. ހޭލުންތެރިކަމެއް ނެތް ފަރުދުން ގިނަވެއްޖެ ނަމަ ސިޔާސީ ޕާޓީތަކުން ނުވަތަ ހަރުކަށި ޖަމާއަތްތަކުން ފަސޭހައިން އޮޅުވާލައި މީހުން މަގުފުރައްދައި އިޖުތިމާއީ ސުލްހައަށް ނުރައްކާކުރެވިދާނެއެވެ. އެކަން ވެސް މިއޮތީ ރާއްޖެއަށް ކުރިމަތިވެފައެވެ. މިސާލަކަށް ބައްލަވާށެވެ. ޤާނޫނު (ޤާނޫނު ނަންބަރު 5/2019) ގެ ދަށުން 27 ޖޫން 2019 ގައި އުފެއްދިފައިވާ ބާ ކައުންސިލަކީ ހެދިފައި ހުންނަ ގާނޫނުތަކުން ޚިދުމަތްދޭ ބައެއް ދާއިރާތައް ރެގިއުލޭޓްކުރަން ހުންނަ މުއައްސަސާއެކެވެ. ނަމަވެސް ނުފޫޒު ގަދަކޮށް އެންމެ ފަހުން އެއޮތީ ރާއްޖޭގެ ޔުނިވަރުސިޓީތަކުގައި ގާނޫނުގެ މާއްދާތައް ކިޔަވައިދޭންޖެހޭނީ އިނގިރޭސި ބަހުންކަމަށް ބުނެ އެކަން ތަންފީޒުކުރުވާފައެވެ. ތިރީގައި އެވާ ލިންކުން އޭގެ ހަގިގަތް ބައްލަވާ!
https://sandhaanu.today/69524/
އަށެއް: ސަރުކާރުގެ ޔުނިވަރުސިޓީތައް ރަންގަޅަށް ނުހިގާ ނަމަ ދިމާވާނެ އެއް ގެއްލުމަކީ ވަޠަނީ ވަންތަކަމާއި ގައުމީ ފިކުރު ބަލިކަށިވުމެވެ. ހައްގުތަކާއި ވާޖިބުތައް ދެމެހެއްޓުމުގެ ތަޞައްވުރެއް ނުހުންނާނެއެވެ. މުޖުތަމަޢަށް ނިސްބަތްވާ ކަމުގެ އިޙްސާސެއް ނުހުންނާނެއެވެ. ދައުލަތް ބިނާކުރުމުގައި ހެޔޮލަފާދާރު ބައިވެރިވުމެއް ނުހުންނާނެއެވެ. ވަޒީފާ ދިން މީހުން ޖަހާހާ ބެރައަކަށް އޭނާ ނަށާނެއެވެ.
އާދެ! ދިވެހި ރާއްޖެ މިއޮތީ އޮޅުމެއްގެ ތެރޭގައިއެވެ. އެއީ ޢިލްމުވެރީން ވަރަށް ގިނަކަމަށް ދެކިގެން ފަޚުރުވެރިވާތީއެވެ. އަޅުގަނޑު ކުޑައިރުއްސުރެން އަޑުއިވޭ އެއް ޖުމުލައަކީ (ދިވެހި ރާއްޖެއަކީ ވަރަށް ތަޢުލީމީ ގާބިލު ޒުވާން ޖީލެއް އޮތްތަނަކޭ) ސިޔާސީ މީހުންނާއި އަދި ބައެއް މީހުން ބުނަމުން ގެންދާ އަޑެވެ. ނަމަވެސް ހަގީގަތަކީ ތައުލީ ދާއިރާގައި ބޭރު މީހުންނެވެ. ސިއްހީ ދާއިރާގައި ބޭރު މީހުންނެވެ. ޓެކުނިކަލް ދާއިރާގައި ބޭރުމީހުންނެވެ. ބަލިއެއް ޖެހިއްޖެއްޔާ ދާންޖެހެނީ ބޭރަށެވެ. ވިމާ ތިޔަ ބުނާ ތަޢުލީމީ ގާބިލު ޒުވާން ޖީލު އޮތީ ކޮންތާކު ހެއްޔެވެ؟ ތަޢުލީމީ ގާބިލު ޒުވާން ޖީލެއް އޮތް ނަމަ ތައުލީ ދާއިރާގައި ބިދޭސިން ތިބޭކަށެއް ނުޖެހުނީހެވެ. ސިއްހީ ދާއިރާގައި ބިދޭސިން ތިބޭކަށެއް ނުޖެހުނީހެވެ. ޓެކުނިކަލް ދާއިރާގައި ބިދޭސިން ތިބޭކަށެއް ނުޖެހުނީހެވެ. ތިއްބަސް ތިބެންޖެހޭނީ ވަރަށް މަދު ހާލަތެއްގައިއެވެ. ދިވެހިން އެންމެ ގިނަ ފަތުރުވެރިކަމުގެ ދާއިރާއަށް ގޮސް ބޯދިއްކޮށްލައްވާށެވެ. ޕޮރޮފިޝަނަލް ދާއިރާގައި މުޅީންހެން ވެސް ތިބޭނީ ބޭރު މީހުންނެވެ. ދިވެހިން ގިނައިން ފެންނަނީ ލޭބަރު ކެޓަގަރީގައި (ވެއިޓަރަކަށް ނުވަރަ ރޫމް ބޯއިއެއްގެ ވަޒިފާގައި) އެވެ. މިއިން އެގޭ އެއްކަމަކީ ބަޔަކު މީހުން ރައްޔަތުން އޮޅުވާލުމަށް (ދިވެހި ރާއްޖެއަކީ ވަރަށް ތަޢުލީމީ ގާބިލު ޒުވާން ޖީލެއް އޮތްތަނަކޭ) ޕޯޑިއަމްތަކުގައި ބުނިކަމުގައި ވިޔަސް އެއީ ދޮގެކެވެ. ތަޢުލީމީ ގާބިލު ޒުވާން ޖީލެއް އޮތްނަމަ އެކަން އަމަލީ މައިދާނުން ފެންނާނެއެވެ. ނަމަވެސް އަމަލީ މައިދާނަކުން ނުފެނެއެވެ. އަމަލީ މައިދާނުން ފެންނަނީ ހުސް ނަތަހުޒީބު ކަންތަކެވެ. ރާއްޖޭ އަށް ދިވާވާ އެއްވެސްކަމެއް ޢިލްމީ ދިރާސާއެއްގެ އަލީގައި ހައްލުކުރާކަށެއް ނޭގެއެވެ. މިފަަހަކުން ދިމާވި ގައުމީ ބޮޑު އެއް މައްސަލައަކީ ޑޮލަރުގެ ކޮންޓުރޯލު ސަރުކާރުން ގެއްލި ކަލުބާޒާރެއް އުފެދުމެވެ. ޙައްލުކުރާކަށެއް ނޭގުނެވެ. ޙައްލުކުރުމަށްޓަކައި ސަރުކާރުން އަޅަނީ މަގުމަތީ ފިޔަވަޅުތަކެވެ. ޢިލްމީ ދިރާސާއެއް ކޮށް ހައްލަކީ ކޮބައިކަން އެގިގަންނާކަށެއްނޭގުނެވެ. އެހެންކަމަށްވާ ނަމަ ދިވެހި ރާއްޖެއަކީ ވަރަށް ތަޢުލީމީ ގާބިލު ޒުވާން ޖީލެއް އޮތްތަނެއް ނޫނެވެ. ނަމަވެސް އެފަދަ ޖީލަކަށް ނުހަނު ބޭނުންވެފައިވާ ގައުމެކެވެ. އާދެ! އެފަދަ ޖީލުތައް އުފައްދާ މުއައްސަސާއަކީ ޔުނިވަރުސިޓީތަކެވެ. އެހެންކަމުން ކޮންމެ ގައުމަކުން ވެސް އެގައުމެއްގެ ސަރުކާރުގެ ޔުނިވަރުސިޓީތަކުގެ ޢިލްމީ ސިޔާސަތު ވަރުގަދަކުރެއެވެ. އެގޮތުން އެތަންތާނގެ ކަރުކިއުލަމް ވަރުގަދަކުރުމާއި އެތަނުން ނިމޭ ދަރިވަރުންނަކީ ގައުމު ނަގާކޮޅައްޖެހޭވަރުގެ ހަރުދަނާ ޢިލްމީ ގާބިލު ދަރިވަރުންގެ ގޮތުގައި ހެދުމަށް ބޭނުންވާ ހުރިހާ ސިޔާސަތެއް ތަންފީޒުކުރެވެ. ނަމަވެސް ހިތާމައަކީ ސަރުކާރުން ހިންގި މާލީ ފަސާދައެއްގެ ސަބަބުން ސަރުކާރުގެ ޔުނިވަރުސިޓީތަކަށް ކުރިޔަށް ނުދެވި މަގު ބަންދުވީއެވެ. ހުރިހާކުދީސް ވެސް މިހާރު މިސްރާބު ޖަހަނީ ޕުރައިވެޓު އެކަޑެމީތަކަށެވެ. ސަރުކާރުގެ ޔުނިވަރި ސިޓީތަކަށް ކުދީން ނުލިބެއެވެ.
ނުނިމޭ ….
![]()
