ޔުނިވަރުސިޓީތަކުގައި ކިޔަވާދެނީ އެޔުނިވަރުސިޓީއަކުން ކަނޑައަޅާ ކަރުކިއުލަމެއްގެ ދަށުން އެ ޔުނިވަރުސިޓީއަކުން ކަނޑައަޅާ ބަހަކުންނެވެ. އެއީ ގާނޫނުން ޔުނިވަރުސިޓީތަކަށް ލިބިފައިއޮންނަ މުސްތަގިއްލު އިލްމީ މިނިވަންކަމެއްގެ ސަބަބުންނެވެ. މީހަކު ރުހުނަސް އަދި ނުރުހުނަސް ޢިލްމީ ހަގީގަތް ބަޔާންކުރަން އުފެދިފައި އޮންނަ ހަމައެކަނި މުއައްސަސާއަކީ ޔުނިވަރުސިޓީ ތަކެވެ. އެހެންކަމުން ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ޔުނިވަރުސިޓީތައް ބަހައްޓަނީ މުސްތަގިއްލު މިނިވަން ތަނެއްގެގޮތުގައެވެ. އެގޮތުން ޝަރީޢާ އެންޑް ލޯގެ ފެކަލްޓީތަކުގައި ޝަރީޢާގެ މާއްދާތައް އަރަބި ބަހުން އަދި ބައެއް ހާލަތުތަކުގައި ދިވެހި ބަސް ބެނުންކޮށްގެން ވެސް ކިޔަވައި ދެއެވެ. ޝަރުޢީ މާއްދާތަކުގެތެރެއަށް އަރަބި ބަސް ވަދެފައިއޮންނަ ސަބަބު ވިސްނެއެވެ. އެއީ ޝަރީޢަތުގެ އަސްލުއުސޫލުތައް އައިސްފައިހުރީ ޢަރަބިބަހުންކަމަށްވާތީއެވެ. އަދި ޢަރަބި ބަހާ ނުލައި އޭގެ ހަގީގަތާހަމަޔަށް ވާސިލުނުވެވޭނެތީއެވެ. ކޮންމެއަކަސް އަރަބި ބަހާއި، ދިވެހި ބަސް ބޭނުންކޮށްގެން ޔުނިވަރުސިޓީތަކުގައި ޚާއްޞަކޮށް ޝަރީޢާ އެންޑް ލޯގެ ފެކަލްޓީތަކުގައި އުނގެނުމާއި އުނގަންނައިދިނުން ކުރިޔައްގެންދެވެއެވެ. ކަންމިހެންއޮތްވާ ދާދި ފަހުން ރާއްޖޭގައި ބާ-ކައުންސިލެއް އުފެއްދުނެވެ. އަދި ޔުނިވަރުސިޓީތަކުގައި ޚާއްޞަކޮށް ޝަރީޢާ އެންޑް ލޯގެ ފެކަލްޓީތަކުގައި ގާނޫނުގެ މާއްދާތައް ކިޔަވައި ދޭންޖެހޭނީ އިގިރޭސި ބަހުންކަމަށް އެ ބާ-ކައުންސިލުން ކަނޑައަޅައިފިއެވެ. ވުމާއެކު އުފެދޭ ސުވާލަކީ ބާ ކައުންސިލަކީ ދިވެހި ރާއްޖޭގެ ޔުނިވަރުސިޓީތަކުގައި ކިޔަވައިދޭންޖެހޭގޮތާއި ކަރުކިއުލަމް ކަނޑަޅަން އުފެއްދިފައިވާ މުއައްސަސާއެއްތޯއެވެ؟
އާދެ! ނޫނެކެވެ. އެއްވެސް ހާލެއްގައި ބާ ކައުންސިލަކަށް ދިވެހި ރާއްޖޭގެ ޔުނިވަރުސިޓީތަކުގައި ކިޔަވައިދޭންޖެހޭ ގޮތާއި ކަރުކިއުލަމާއި ކިޔަވައި ދޭނެ ބަސް ކަނޑައެއް ނޭޅޭނެއެވެ. ސަބަބުތައް ގިނައެވެ. ނަމަވެސް ބައެއް ސަބަބު ދަންނަވަލާނަމެވެ.
އެކެއް: ޤާނޫނު (ޤާނޫނު ނަންބަރު 5/2019) ގެ ދަށުން 27 ޖޫން 2019 ގައި އުފެއްދިފައިވާ ބާ ކައުންސިލަކީ ގާނޫނީ ދާއިރާ (އެބަހީ ގާނޫނު ޕުރެކުޓިސްކުރާ ދާއިރާތައް) ރެގިއުލޭޓްކޮށް، ވަކީލުންގެ ފެންވަރުތައް ޕްރޮފެޝަނަލް އަދި އެތިކަލް (އަޚުލާގީ) ސުލޫކުގެ މަތީ އާލާކޮށް، އާންމުންނަށް ރަނގަޅަށް ޚިދުމަތް ދިނުމާއި، ދިވެހިރައްޖޭގައި އިންސާފު ލިބޭނެ ގޮތްތަކަށް މަގުފަހިކުރުމަށް އުފެއްދިފައިވާ މިނިވަން ޖަމިއްޔާއެކެވެ. ޔުނިވަރުސިޓީއަކީ ވެސް މިނިވަން މުއައްސަސާއެކެވެ. އުފެދިފައިވަނީ އުނގެނުމާއި އުނގަންނައިދިނުމަށެވެ. އެހެންކަމުން ދެ މުއައްސާއަކީ ތަފާތު ދެމަސައްކަތެއް ކުރުމަށް އުފެއްދިފައިވާ ހައިސިއްޔަތު ތަފާތު ދެ މުއައްސަސާއަކަށްވީ ހިނދު އެއް މިނިވަން މުއައްސަސާއަކުން އަނެއް މިނިވަން މުއައްސަސާއަކަށް ކަމެއް ވަކިގޮތަކަށް ކުރަން ލާޒިމުކުރޭނެ ހެއްޔެވެ؟ ނުކުރެވޭނެއެވެ.
ދޭއް: ބާ ކައުންސިލަކީ ހެދިފައި ހުންނަ ގާނޫނުތަކުން ޚިދުމަތްދޭ ބައެއް ދާއިރާތައް ރެގިއުލޭޓްކޮށް، ގާނޫނީ ހިދުމަތް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލަން ހުންނަ މުއައްސަސާއެކެވެ. އެއްވެސް ހާލެއްގައި ގަނޫނު ހަދަން ހުންނަ ތަނެއްނޫނެވެ. ނުވަތަ ގާނޫނީ އަމުރުމައުރޫފު ކުރަން ހުއްދަ އޮންނަތަނެއް ވެސް ނޫނެވެ. ގާނޫނީ އަމުރުމައުރޫފު ކުރުމުގެ ހުއްދަ ނޯންނަ މުއައްސަސާއަކަށް ޔުނިވަރުސިޓީފަދަ މުސްތަގިއްލު ޢިލްމީ މުއައްސަސާއެއްގައި ކިޔަވައިދޭންޖެހޭނީ މިވެނި ގޮތަކަށޭ ބުނެވޭނެ ގާނޫނީ ހަމައަކީ ފަހެ ކޮބައިހެއްޔެވެ؟ ނުވެއެވެ.
ތިނެއް: ބާކައުންސިލަށް އަމުރު މައުރޫފު ހިންގޭނީ ހަމައެކަނީ ގާނޫނީ ވަކީލުންނަށް ދޫކޮށްފައި ހުންނަ ލައިސަންސްތަކުގެ މައްޗަށެވެ. އެއީ އެ ލައިސަންސްތައް ދޫކުރުމާއި، ސަސްޕެންޑްކުރުމާއި، ބާތިލްކުރުންފަދަ ކަންކަމެވެ. އެއްވެސް ހާލެއްގައި ޔުނިވަރުސިޓީއެއްގައި ކިޔަވައިދޭ ކަރުކިއުލަމެއް އުފައްދައި ނުވަތަ ބާޠިލުކުރުންފަދަ ކަމެއް ނުކުރެވޭނެއެވެ. އެހެންކަމަށްވާނަމަ ޔުނިވަރުސިޓީގައި ގާނޫނުގެ މާއްދާތައް ކިޔަވައިދޭނީ ހަމައެކަނީ އިގިރޭސިބަހުންނޭ ބުނެވޭ ގާނޫނީ ހައިސިއްޔަތެއް ބާ ކައުސިލަށް ލިބިގެންވޭހެއްޔެވެ؟ ނުވެއެވެ.
ހަތަރެއް: ޔުނިވަރުސިޓީތަކުގައި ކިޔަވައިދޭންޖެހޭ ކަރުކިއުލަމްތަކާއި ޓެކުސްޓުތައް އުފައްދާނީ އެތަނަކުންނެވެ. އަދި ކިއެއްތަ! ކޮންމެ ޔުނިވަރުސިޓީއެއްގައި މުސްތަގިއްލު ރިސާޗު ސެންޓަރެއްވެސް ހުންނާނެއެވެ. އަދި ބޮޑު ގުރާންޓެއް ވެސް އޮންނާނެއެވެ. އޭގެ ބޭނުމަކީވެސް މިދެންނެވި ކަރުކިއުލަމްތަކާއި ޓެކުސްޓުތައް އުފެއްދުމާއި ބޭނުންވާ އެހެނިހެން ދިރަސާތައްކުރުމެވެ. އެއްވެސް ހާލެއްގައި ބާކައުންސިލަކަށް ޔުނިވަރު ސިޓީއެއްގައި ކިޔަވައިދޭނެ ކަރުކިއިލަމަކާއި، ބަހަކާއި، ޓެކުސްޓުތަކެއް ނެހެދޭނެއެވެ. އަދި އެފަދަ ކަމަކާ ބެހުމުގެ ގާނޫނީ ހައްގެއްވެސް ނޯއްނާނެއެވެ.
އިގިރޭސި ބަހުން ކިޔަވައި ދިނުމަށް ހުށަހަޅާ ބައެއް ހުއްޖައްތައް
ފަހަކަށްއައިސް ރާއްޖޭގާއި އިސްލާމް މާއްދާ ވެސް އިގިރޭސި ބަހުން ކިޔަވައި ދިނުމަށް ވަކާލާތުކުރާ ބަޔަކު މަދުންނަމަވެސް އަޑުއުފުލިއެވެ. ސަބަކަށް ބުނަމުން ގެންދިޔައީ ދިވެއްސައްވުރެ ކުދީންނަށް އިނގިރޭސިބަހުން ކިޔަވައި ދިނުމުން ރަނގަޅަށް ވިސްނޭތީކަމަށެވެ. އޭގެ ހަގީތަތަކީ ކޮބައިތޯއެވެ. އެއީ ތެދެއް ހެއްޔެވެ؟ އެއީ މުޅިއަކުން ރަނގަޅު ވާހަކައެއްކަމަށް ގަބޫލުނުވެވެއެވެ. ސަބަބަކީ:
އެކެއް: ދިވެހި ރާއްޖޭގައި ނެގެވޭ އިތުބާރު ކުރެވޭ އިމްތިހާނަކީ ޖީ.ސީ. (އޭ) ނުވަތަ (އޯ) އެވެ. އެ ދެ އިންތިހާނުގެ އިގިރޭސި ބަހުގެ ނަތީޖާއާއި ދިވެހި ބަހުގެ ނަތީޖާ ވޭތުވެ ދިޔަ ފަސް އަހަރުގެ ޑޭޓާއިން އެނަލައިޒުކޮށް ދިވެހި ބަހަށް ވުރެ އިނގިރޭސި ބަހަށް ދަރިވަރުން މޮޅުކަމަކަށް ތައުލީމީ މުއައްސަސާއަކުން ބަޔާންކޮށްފައެއްނުވެއެވެ. އަދި އެނަލައިޒުކޮށްފި ނަމަ އަޅުގަނޑު ގަބޫލުކުރަނީ ޖުމުލަގޮތެއްގައި ދަރިވަރުންގެ އިނގިރޭސި ބަހުގެ ފެންވަރު ދެރަކަމަށް ނަތީޖާ ޖައްކާނެކަމަށެވެ. ގިނަފަހަރަށް ދަރިވަރުންނަށް (ޔޭސް) ނުވަތަ (ނޯ) ނުވަތަ (އޯކޭ) ކިޔަން އެގުނަސް ގިނަ ދަރިވަރުން އިނގިރޭސި ބަހަށް މޮޅެއްނޫނެވެ. ނަމަވެސް މިހެން ދަންނަވާއިރުވެސް ގައުމުގައި އިގިރޭސިބަހަށް މޮޅުކުއްޖަކު ވެސް ހުރެދާނެއެވެ. އޭގެ މާނައަކީ ހުރިހާ ދަރިވަރުންނަކީ އެމީހުންގެ މާދަރީ ދިވެހި ބަހަށްވުރެ އިގިރޭސި ބަހަށް މޮޅުކުދީންނެކޭ ނުބުނެވޭނެއެވެ. ހަމައެހެންމެ ދިވެހި ރާއްޖޭގައި އަމިއްލަގޭގައި ވެސް ދިވެހި ބަސް ބޭނުންނުކޮށް އިނގިރޭސި ބަހުން ވާހަކަ ދައްކާ ބައެއް އާއިލާތައް އުޅުމަކީ އެކަށީގެންވާކަމަކެވެ. އެކަން ގިނަފަހަރަށް ދިމާވެފައި އޮންނަނީ ކޮންމެވެސް އިތުރު ސަބަބަކާހުރެއެވެ. މިސާލަކަށް މަންމަ ދިވެއްސަކަށްނުވުން ނުވަތަ ކުއްޖާ ބޭރުގައި އުފަންވެ ބޮޑުވުންފަދަ ސަބަބުތަކެވެ. އެގޮތަށް ހުންނަ ހާލަތްތަކީ އެއީ ނިސްބަތުން ވަރަށް ވެސް ވުންމަދު ނުވަތަ ފެންނަލެއްމަދު ނުވަތަ ތަދު ނުވަތަ ނާދިރު ހާލަތްތަކެވެ. އެފަދަ ހާލަތަކަށް ބަލައިގެން މުޅި ގައުމެއްގެ މާދަރީ ބަސް ދޫކޮށްލުމަށްފަހު އިނގިރޭސި ބަސް އިޚުތިޔާރު ކުރެވިދާނެހެއްޔެވެ؟
ދޭއް: ބާ ކައުންސިލުންގެ ބަލަދުވެރީން ކަމުގައިވާ ގާނޫނީ ވަކީލުން ވަލާލާތުކުރަން ޖެހޭތަނަކީ ދިވެހި ރާއްޖޭގެ ޝަރުޢީ ދާއިރާއެވެ. އެތަނުގައި ވަކާލާތުކުރަން ޖެހޭ ބަހަކީ ދިވެހި ބަސްކަމަށް ގާނޫނުގައި ކަނަޑައެޅިފައިވާއިރު އަދި އެތަނުގައި ހިންގަންޖެހޭ މުއާމަލާތްތައް ހިންގަންޖެހޭ ދިވެހި ބަހުން ކަމަށް ވާއިރު ޔުނިވަރު ސިޓީތަކުގައި އެތަކެތި އިގިރޭސި ބަހުން ކިޔަވައި ދިނުމަށް ބާ ކައުންސިލުން މަޖުބޫރުކުރާ ސަބަބަކީ ކޮބާހެއްޔެވެ؟ އެއީ ކޮން އަސާސެއްގެ މައްޗަށް ބުރެވެ ކުރެވޭ ކަމެއް ހެއްޔެވެ؟
ނިންމާލުން: ދިވެހިންނަކީ ބަހުގެ ސަގާފަތެއް އޮތް ބަޔެކެވެ. ނަމަވެސް އެކަން އެއް ދުވަހުން އަނެއް ދުވަހަށް މި ދަނީ ގެއްލެމުންނެވެ. ނުވަތަ ގެއްލި ނިމިއްޖެއެވެ. ޔުނިވަރުސިޓީތަކުގައި ޚާއްޞަކޮށް ޝަރީޢާ އެންޑް ލޯގެ ފެކަލްޓީތަކުގައި ގާނޫނުގެ މާއްދާތައް ކިޔަވައި ދޭންޖެހޭނީ އިގިރޭސި ބަހުންކަމަށް ބާ-ކައުންސިލުން ކަނޑައަޅާފައިވާ ވުމަކީ މިކަމުގެ އެއް ހެއްކެވެ. މީގެ ހައްލަކީ ގާނޫނުން ޔުނިވަރުސިޓީތަކަށް ލިބިފައިއޮންނަ މުސްތަގިައްލު އިލްމީ މިނިވަންކަމުގެ ބޭނުން އެ ޔުނިވަރުސިޓީތަކުން ހިފުމެވެ. އަދި ގާނޫނުގެ މާއްދާތައް ކިޔަވައި ދޭންޖެހޭނީ އިގިރޭސި ބަހުންކަމަށް ބާ ކައުންސިލުން ޔުނިވަރުސިޓީގެ މައްޗަށް ހިންގަފައިވާ ނުފޫޒުން ވަގުތުން ނިކުމެގެން މުސްތަގިއްލުވެގަތުމެވެ.
![]()
