ސިއްހީ ދާއިރާއަށް ބަދަލެއް

Loading

Facebook
Twitter
WhatsApp

ޑޮކްޓަރުން ގެނައުމުގެ ސިޔާސަތު ބަދަލުކުރަން އެބަޖެހެވެ.
މިއީ ވިސްނާލަން ޖެހިފައިވާ ކަމެކެވެ. ރާއްޖެއަށް ބޭރުން ގެންނަ ގިނަ ޑޮކްޓަރުންނަކީ އެކްސްޕީރިއަންސް މަދު މީހުންކަމަށް ވަރަށް ގިނަ ރައްޔިތުން ޝަކުވާކުރެއެވެ.


މީގެ ބަދަލުގައި، ބޭރު ގައުމުތަކުން ”ރިޓަޔާ“ ވެފައި ތިބި ސީނިއާ، ތަޖުރިބާކާރު ޑޮކްޓަރުން ރާއްޖެ ގެނައުމުން ކިހިނެއް ވާނެ ހެއްޔެވެ؟ އެއިރުން އަލަށް ނިކުންނަ ދިވެހި ޑޮކްޓަރުންނަށް އެމީހުންގެ ބެލުމުގެ ދަށުގައި މަސައްކަތް ކޮށްގެން ރަނގަޅު ތަޖުރިބާއެއް ލިބި، ބަލިމީހުންނަށް ދެވޭ ޚިދުމަތް ދިހަގުނަ ރަނގަޅުވާނެކަމަށް ގަބޫލުކުރެވެއެވެ .
އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޑޮކްޓަރުން ރެކްރޫޓް ކުރުމުގެ މަރުހަލާ މިއަށްވުރެ ހާމަކަން ބޮޑު ނުކޮށްގެނެވެ. ކޮލިފިކޭޝަނަށްވުރެ ނުފޫޒާއި އަމިއްލަ މަންފާއަށް ބަލައިގެން ޑޮކްޓަރުން ހޮވާ ކަމުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އާންމުންގެ ތެރޭގައި އޮތް އޮތުން ނައްތާލަން ޖެހެއެވެ. އަދި މުޅި ހެލްތު ނިޒާމުގައި ކޮރަޕްޝަން އޮތްތޯ ބަލައި އެކަމުން ސަލާމަތްވާންޖެހެއެވެ.
މިކަންކަން ހައްލު ކުރުމަށްޓަކައި ގާނޫނީ ގޮތުންނާއި އިދާރީ ގޮތުން ކުރަންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ.
ހައްލުކުރަން ޖެހޭ މައިގަނޑު މައްސަލަތައް:
އެކެއް: މެޑިކަލް ކައުންސިލް މިނިވަންކުރުން:
🔷️މައްސަލަ: ހެލްތު ކެއާ ޕްރޮފެޝަނަލްސް ގާނޫނު (13/2015) އޮތްގޮތުން، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (MMDC) ހިނގަނީ ހެލްތު މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުންނެވެ. މެންބަރުން އައްޔަންކުރުމުގައި ސަރުކާރުގެ ދައުރު ބޮޑުވުމުން ސިޔާސީ ނުފޫޒުގެ ގޮންޖެހުން ބޮޑެވެ.
ހައްލު: އެމް.އެމް.ޑީ.ސީ. އަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުސްތަގިއްލު ގާނޫނީ ބާރަކަށް ހެދުން.
ދޭއް: އެޖެންސީތަކުގެ ”ވަގު ޑީލް“ ހުއްޓުވުން:
މައްސަލަ: ޑޮކްޓަރުން ގެންނަ ބައެއް އޭޖެންސީތަކުންނާއި މިނިސްޓްރީގެ ތެރެއިން މާލީ މަންފާއަށް ބަލައިގެން، ކަރުދާސްތައް ފޯޖުކޮށްފައި ހުންނަ ނުވަތަ ފެންވަރުނެތް މީހުންނަށް ފުރުސަތު ހޯދައިދޭ ކަމުގެ ޝަކުވާ ބޮޑެވެ.
ހައްލު: ޑޮކްޓަރުންގެ ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި، ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ތިންވަނަ ފަރާތެއްގެ ބެކްގްރައުންޑް ވެރިފިކޭޝަން ރިޕޯޓެއް ހުށަހެޅުން ގާނޫނީ ގޮތުން މަޖުބޫރުކުރުން.
އިތުރަށް ކުރަންޖެހޭ މުހިންމު ކަންކަން:
އެކެއް: އެޖެންސީތައް ރެގިއުލޭޓްކުރާނެ ހާއްސަ ގާނޫނެއް ހެދުން:
ބްލެކްލިސްޓްކުރުމުގެ ބާރު: ފޭކް ލިޔެކިޔުން ހުށަހަޅާ އެޖެންސީތަކުގެ ލައިސަންސް ބާތިލްކޮށް، ޖިނާއީ ދައުވާކޮށް، ދާއިމީކޮށް ބްލެކްލިސްޓް ކުރެވޭނެ ހަރުކަށި މާއްދާތައް ހިމެނުން.

  • ޑިޕޮސިޓް ފީއެއް ބޭއްވުން: އެޖެންސީތަކުން ބޮޑު ސެކިއުރިޓީ ޑިޕޮސިޓެއް ބާއްވަންޖެހުން އަދި އިހުމާލުން ފެންވަރު ނެތް މީހަކު ގެނެސްފިނަމަ އެ ފައިސާ ދައުލަތަށް ހިފެހެއްޓުން.
    ދޭއް: އެންޓި-ކޮރަޕްޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުން:
  • ވަގުޑީލް ފަޅާއަރުވާ މުވައްޒަފުން ހިމާޔަތްކުރުން: މިނިސްޓްރީގެ ތެރޭގައި ހިނގާ މިފަދަ ޑީލްތަކުގެ މައުލޫމާތު ފާޅުކޮށްލާ މުވައްޒަފުންނަށް ގާނޫނީ ރައްކާތެރިކަން ދިނުން.
  • ޑިޖިޓަލް ޕޯޓަލްއަކަށް ބަދަލުކުރުން: ލައިސަންސް ދިނުމުގެ މުޅި މަރުހަލާ އިންސާނީ ނުފޫޒު ކުޑަ، ޓްރެކް ކުރެވޭ މަރުކަޒީ ޑިޖިޓަލް ސިސްޓަމަކަށް ބަދަލުކޮށް، ކޮންމެ ފައިލެއް ފާސްކުރި މީހާ އެނގޭނެ އޮޑިޓް ޓްރެއިލްއެއް ގާނޫނުން ލާޒިމްކުރުން.
    މި ޚިޔާލާ މެދު ތިޔަބޭފުޅުން ދެކެނީ ކިހިނެއްތޯއެވެ؟ ސިއްހީ ނިޒާމު އިސްލާހުކުރަން މި ބަދަލުތައް ގެންނަން އެބަޖެހޭ ނޫންތޯއެވެ؟
    ދެންނެވެން އޮތް ކޮންމެ ތަނެއްގައި މިކަންބޮޑިވުންތައް ދަންނަވާށެވެ!
    ހިތްވަރު ކުރާށެވެ! އަޑު އުފުލާށެވެ! އަދި ވެސް އަޑު އުފުލާމާ ހިގާށެވެ!
    ދިވެހީންނަށް މިކަންކަން ކުރެވޭނެއެވެ!

Loading

Leave a Reply

ފަހުގެ އަޕްޑޭޓް