ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ރަޝިޔާއާ ދެކޮޅަށް އިތުރު އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މަސްދުވަސްވާންދެން ބަހުސް ކުރުމަށްފަހު ކޮންގްރެސްއިން ހުއްދަ ލިބުމާއެކު މިދިޔަ ހުކުރުދުވަހު ރައީސް ޑޮނާލްޑް ޓްރަމްޕް އެ ނިންމުމުގައި ސޮއި ކުރައްވައިފިއެވެ.
ވޯޝިންގްޓަންގެ ގިނަ ވަގުތުތަކަކާއި މިލިޓްރީ ވަސީލަތްތަކެއް އީރާނާދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައަށް ހޭދަކުރެވިގެންދާއިރު މަޝްވަރާގެ މަގުން ޔޫކްރެއިން ހަނގުރާމައަށް ނިމުމެއް ގެންނަން ވޯޝިންގްޓަނުން ގެންދަނީ ބާރުއަޅަމުންނެވެ. އެހެންނަމަވެސް މޮސްކޯއިން ގެންދަނީ ޔޫކްރެއިނަށް އިތުރު ހަމަލާތައް ދެމުންނެވެ. ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންގެންދާ ހަނގުރާމައަށް ފަސްވަނަ އަހަރަށް އެޅިގެންދާއިރު މޮސްކޯ އިންގެންދަނީ ހަމަލާތަކުގެ ބާރު ގަދަކުރަމުންނެވެ. އެމެރިކާއިން މިފަހަރު އެންމެބޮޑަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނީ ރަޝިޔާގެ ހަކަތައާއި އަދި ދިފާއީ ކަންކަމަށެވެ. އޭގެ އިތުރުން ރަޝިޔާގެ ޝެޑޯ ތެޔޮ ޓޭންކަރ ތަކަށާއި ރަޝިޔާގެ ތެލާއި ގޭސް ގަންނަ ފަރާތްތަކަށް އެމެރިކާއިން %100 ޓެރިފް އިއުލާން ކުރުން ވެސް ހިމެނެއެވެ. އޭގެ ސަބަބުން ޗައިނާއާއި އިންޑިއާއިން ރަޝިޔާގެ ތެލާއި ގޭސް ގަތުމުން ދުރުހެލިވުމަށްވެސް ބާރު އެޅިގެންދާނެއެވެ. ރަޝިޔާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ނިންމުން ފާސްކުރަން ރިޕަބްލިކަންގެ 262 ވޯޓު ވަނީ ލިބިފައެވެ. އެމެރިކާގެ ނިންމުމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ތައުރީފްކޮށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ޝުކުރުވެރިވާކަން އެކްސް ގައި ހާމަކޮށްފައިވެއެވެ. ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަވާންޖެހޭނެއެވެ. އެމެރިކާއާއި ޔޫރަޕް އަދި އެނޫނަސް ޔޫކްރެއިނަށް ހެޔޮ އެދޭ ގައުމުތަކުން ހަނގުރާމަ ހުއްޓުވުމަށާއި ސުލްހަވެރި ކަން ކަށަވަރު ކުރަން ކުރަމުން ގެންދާ މަސައްކަތަށް މަގުއަލިވެގެންދާނީ އޭރުންނެވެ. ރައީސް ޒެލެންސްކީ އެކްސް ގައި ލިއުއްވާފައި ވެއެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުން ގެންދާ ހަނގުރާމައާއި ގުޅިގެން އިންޑިއާއިން ގެންދަނީ ރަޝިޔާގެ ތެޔޮ ގަންނަމުންނެވެ. ރަޝިޔާއަކީ އިންޑިއާގެ އެންމެ ގާތް ބައިވެރިޔާއެވެ. ހުޅަނގުގެ ގައުމުތައް ކިތަންމެ ނުރުހުނަސް އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނަމުން ގެންދާނެ ކަމަށް ބެލެވެއެވެ. ރަޝިޔާގައި ކުރިއަށްދާ އިންތިޚާބުގެ އެންމެ ފަހު ދުވަހާ ދިމާކޮށް ޔޫކްރެއިނުން މޮސްކޯ ސަރަހައްދަށް ގިނައަދަދެއްގެ ޑްރޯނުން ހަމަލާދިނުމާ ގުޅިގެން ބާރުގަދަ ގިނަ ހަމަލާތަކެއް ކީވް އަށް ދޭނެ ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއިން ވަނީ އިންޒާރު ދީފައެވެ.
![]()
