ވޯޓުލާ މީހުންގެ އަދަދު މަދުވުން: މަޖިލިސް އިންތިޚާބަށް އަސަރު ކުރާނެބާ؟

Loading

Facebook
Twitter
WhatsApp

މާލެ ސިޓީގެ މޭޔަރު އިންތިޚާބުކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަނުގެ ކަންކަން ހިނގައި ގޮސްފައިވަނީ ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. 

ސަރުކާރުން އިޢުލާނުކުރި ޕްރޮޖެކްޓުތަކާއިއެކު އިންތިޚާބު ދުވަހުގެ ކުރިން ސަރުކާރު އޮފިޝަލުންގެ އުންމީދުތައް ހުރީ އުޖާލާކޮށެވެ. އެހެނީ މިސަރުކާރު ގެނެވިފައިވަނީ ރައްޔަތުންގެ ގިނަބަޔަކު ހެޔޮބަދަލަކަށް ސަރޕޯޓްދީގެނެވެ. ނަމަވެސް ސަރުކާރަށް ދެމަސްނުވަނީސް ރައްޔަތުން ނޫނެކޭ ބުނަންޖެހުނު ސަބަބު ދެނެގަތުމަށް މިވަނީ ބޭނުންވެފައެވެ.

ވޯޓުލާން ދިޔަ ރައްޔަތުންގެ 70% ސަރުކާރަށް ނޫނެކޭ މިހާއަވަހަށް ބުނުމަކީ ސަމާސައެއް ނޫނެވެ. އަދި އަމުދުން މާލޭސިޓީގެ ރައްޔަތުންގެ މިފަދަ ނިންމުމަކާއި ކުރިމަތިލާން ނުޖެހޭނެކަމުގެ ފުރިހަމަ ޔަގީންކަން ޕީޕީއެމް / ޕީއެންސީ އޮތެވެ.

ރައްޔިތުން މޭޔަރުކަމުގެ ގޮނޑި ޙަވާލުކުރީ ސިޔާސީ އިދިކޮ ފަރާތުގެ ކެންޑިޑޭޓް އެމްޑީޕީގެ އާޒިމް އަށެވެ. އާޒިމް އަކީ އެމްޓީސީސީގެ ކުރީގެ ހިންގުންތެރި އެމް.ޑީ އެވެ. އެހެންކަމުން ދެން ސިޔާސީ މަސްރަޙު ބަދަލުވެދާނީ ކިހިނެއްތޯ ބައެއްމީހުން  ސުވާލު ކުރެއެވެ!

ކޮންމެ އިންތިޚާބަކުން ނުކުންނަ ނަތީޖާއަކީ ވެސް ސިޔާސީ ގިނަ ވާހަކަތަކެއް ކިޔައިދޭ އެއްޗެކެވެ. ސަރުކާރުން ވެރިކަންކުރާ ގޮތާއި މެދު ރައްޔިތުންގެ ރުހޭތޯ ނުވަތަ ނުރުހޭތޯ ވަރަށް ސާފުކޮށް އެނގިގެންދާނީ އިންތިޚާބެއްގައި ރައްޔަތުން ނިންމާ މިފަދަ ނިންމުންތަކުންނެވެ.

ވީމާ، މިފަހަރުގެ މޭޔަރު އިންތިޚާބުގެ ނަތީޖާއިން އެބުނެދެނީ ސެޕްޓެމްބަރު 2023 ގެ އިންތިޚާބަށްފަހު އަދުގެ ސަރުކާރު އެތުރިފައި އޮތްގޮތާއި މެދު އެފަރާތުން ނުރުހޭ ވާހަކަ ހެއްޔެވެ؟ 

ނޫނީ ވެރީން ވެރިކަން ކުރާ ގޮތާއިމެދު ހިތްހަމަ ނުޖެހުނީހެއްޔެވެ؟ މާލޭ ސިޓީގައިވޯޓު ލާން 30% ވޯޓާރސް ނުނުކުމަކީ ދިވެހި ރާއްޖޭގެ މިހާރުގެ ސިޔާސީ މީހުންދެކެ ފޫހިވެއްޖޭ ބުނުންކަމުގައި ގިނަބަޔަކު ދެކެއެވެ.

ޝައްކެއްވެސް ނެތްގޮތުގައި މިވޯޓުން އެނގޭ އެއްކަމަކީ އައު ސަރުކާރު ވެރިކަމަށް އައުމުގެ ފަހަތުގައިވަނީ އެމީހުން ހޭދަކުރި ފައިސާ ނޫންކަމެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޭދަކުރެއްވި އަދަދުގެ ދެގުނަ ނުވަތަ ތިންގުނަ ޚަރަދުކުރެއްވިކަމަށް އެ ކެމްޕޭނުގައި އުޅުނު ބޮޑުން ބުނެފާވެއެވެ. 

އެހެނަސް ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމަށް ރައީސް ޞާލިޙް ޖެހިވަޑައިގަތީނާކާމިޔާބާ ކުރިމަތި ލައްވާށެވެ. ރައްޔަތުން ދައްކުވައިދިނީ ހަމަ ވޯޓްގަނެލައިގެން ގައުމުގެ ތަޚުތު ލިބިވަޑައި ނުގަންނަވާނޭ ކަމެވެ.

އެމްޑީޕީ ސަރުކާރުން ވެރިކަން ކުރި ގޮތާއި މެދު ރައްޔިތުން ނުރުހުންވެ، އިންތިޚާބުން ވެރިކަން ބަދަލުކުރުމަށް ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެޙައްގުގެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، އައު ސަރުކާރެއް ވެރިކަމަށް ގެނައީއެވެ. ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދެފުށްފެންނަ ތާހިރު މަތިބަރުނޫން ކަރަޕްޓްނޫން ކެބިނެޓެއް އެކުލަވާލާނެކަމުގެ ވަޢުދާއި އެކު ރައްޔަތުންނަށް ދިވެހީންގެ ރާއްޖެ ހޯދައިދެއްވުމުގެ ވަޢުދުގައެވެ. 

މޭޔަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތައް ޕްރޮމޯޓް ކުރުމަށްޓަކައި، ސަރުކާރު ހިމެނޭގޮތަށް ހުރިހައި ޕާޓީއަކުންވެސް ކެމްޕެއިން ޙަރަކާތްތައް ކުރިއަށް ގެންދިޔައިރު، ރައީސް މުޢިއްޒާއި އެމަނިކުފާނުގެ ކެބިނެޓުން ގެންދިޔައީ ސަރުކާރު ކެންޑިޑޭޓް، އާޒިމާ ޝުކޫރަށް ތާއީދުކޮށް، އެމަނިކުފާނުގެ ޕްލޭންތައް ފުރިހަމަކުރުމަށްޓަކައި އާޒިމާ ހޮވުމުގެ މުހިންމުކަން ހާމަކޮށް ކެމްޕެއިންކުރަމުންނެވެ. މިއާއިއެކުވެސް ސަރުކާރަށް ލިބުނު މި ބައްޔަކީ، ރައީސަށް ފިލާވަޅެއް ކަމުގައި ބަލަންޖެހޭނެ ކަމަށް ސިޔާސީ ވާގިވެރީން ބުނެތެވެ.

ނުފޫޒުގަދަ ސިޔާސީ ޝަހްސިއްޔަތު ތަކާއި، މަހުޖަނުންނާއި، ވިޔަފާރިވެރިން ހިމެނޭގޮތަށް ގިނަ ބައެއްގެ އެއްބާރުލުން އާޒިމާއަށް ދެއްވިކަމަށް ބެލެވިގެން ދިޔައެވެ. ނަމަވެސް މިހާރު އެކަމުގައިވެސް މިވަނީ ސުވާލު އުފެދިފައެވެ. 

އަދި އެފަރާތްތަކަށް ވޯޓު ހޯދައިދެވޭނެ ކަމަށް ގަބޫލުކޮށް ބުރަ މަސައްކަތްތަކެއް ކުރިކަމުގައި ދެއްކި ނަމަވެސް ސަރުކާރު ވަރުގަދަ ކުރުމަށްޓަކައި މޭޔަރުގެ ގޮނޑި ކަށަވަރުކޮށް ނުދެވުނީ ކީއްވެތޯއެވެ. ޕާޓީގެ ކޯލިޝަންގެ ބޭފުޅުންވެސް ގަބޫލުކުރާ ގޮތުގައި ވެރިކަން ލިބުމުން އުދުހިފާ އައިސްޖެއްސި ބާޒްތަކުގެ އިޚްލާސްތެރިކަން ނެތުނީތީއެވެ!

މޭޔަރު އިންތިޚާބުގެ ނަތީޖާއާއިއެކު ރައީސް މުއިއްޒުގެ ސަރުކާރަށް ގޮންޖަހުންތަކަކާއި، ކަންބޮޑުވުން ތަކެއް ކުރިމަތި ކުރުވައިފިކަން ޔަގީނެވެ. އަދި ރައްޔިތުން ސަރުކާރުގެ ކެނޑިޑޭޓަކަށް ނޫނެކޭ ބުނެފައިވަނީ ކީއްވެގެންކަން ދެނެގަނެ ފަހުމް ކުރުމަށްޓަކައި، ތެދުވެރި މަސައްކަތެއް ނުކުރައްވައިފިނަމަ، ރައްޔިތުންގެ މަޖިލިީހުގެ އިންތިޚާބުގައިވެސް މަޖިލީހުގެ ގިނަ ގޮނޑި ކާމިޔާބުކުރުމަކީ ވާނެކަމެއް ނޫންކަމަށް ގިނަބަޔަކު ދެކެފިއެވެ.

ސަރުކާރުގެ ބައެއް ފަރާތްތަކުން މަޖިލިސް މެޖޯރިޓީ ނެގުމުގެ ވާހަކަތައް ދައްކާފައިވީމަނަވެސް، މޭޔަރު އިންތިޚާބާއެކު މަޖިލީހުގެ ”ސުޕަމެޖޯރިޓީ“ ގެ ވާހަކައަކީ ހުވަފެނެއް ކަމަށް ބެލެވިއްޖެ ކަހަލައެވެ. ކަމުގެ ޙަގީގަތަކީ، ސިޔާސީވެރީން ދެކޭ ހުވަފެންތަކުގައި ކުލަޖައްސައިދެނީ ވޯޓުލާންދާ ރައްޔިތުން ކަމެވެ. 

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޯމަތިވެފައިވާއިރު، ނިމިދިޔަ އިންތިޚާބުތަކުގައިވެސް ވޯޓު ހޯދޭނެކަމަށް ދަޢުވާކޮށް ވާހަކަދެއްކި ”ނުފޫޒު އޮންނަ“ ފަރާތްތަކުން ހަމަ އެވާހަކަތައް އަދިވެސް ހަމަ ދައްކާނެއެވެ. އެހެނީ އެމީހުންގެ ބޭނުމަކީ އެމީހުން ގެންނަން ބޭނުންނުވި ސަރުކާރު ވެރިކަމަށް އައުމުންވެސް ފޭކް ހުޝަމަދުކޮށް ފައިސާކޮޅެއް ދީގެންވެސް ސަރުކާރު ތެރަށް ބަނުމެވެ.

އިންތިހާބުތަކުގައި ވޯޓުލާންދާ ފަރާތްތަކުގެ އަދަދު މަދުވަމުންދާ ދިޔުމަކީވިސްނަން ޖެހިފައިވާ ގައުމީ މައްސަލައެކެވެ. އެހެނީ ޑިމޮކްރެސީއެއްގެ ދިރުމަކީ ވޯޓް ކަމަށްވާތީއެވެ. ހަމައެކަނި ކެނޑިޑޭޓަކު ނެރެ، އޭނާ ހޮވުމަށް ކެމްޕެއިން ކުރުމުން ނުފުދޭކަން މިކަމުން ހާމަވެގެން ދެއެވެ. 

ބޯދާ ސިޔާސީ އުސޫލުތަކާއި ދޭތެރޭގަިއ ރައްޔިތުން މިތިބީ ވަރަށް ފޫހިވެފައެވެ. އެމީހުން ބުނަނީ ރައްޔިތުން ނުރުހޭ ސިޔާސަތުތަކަށް ވޯޓުދޭން ދާންވީ ފަހެ ކީއްވެހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ބަލާއިރު، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކާމިޔާބުކަމާއި އެކު ދާއިރާތަކުން ވޯޓު ކާމިޔާބުކުރި ދާއިރާ ލީޑަރުންގެ މަސައްކަތް ފާހަގަ ނުކުރާކަމުގެ ޝަކުވާތައް މިވަނީ ގިނަވެފައެވެ.

ރައްޔިތުންގެ އިތުބާރު އޮތީ ހަމަ ޔަގީނުންވެސް އެފަރާތްތަކާއި އެކުގައެވެ. ވެރިކަންކުރާ ޕާޓީގެ ލީޑަރުންނަށް ރައްޔިތުންގެ ތާޢިދު އޮތްކަމަށް ނުފެންނައިރުއެތާއިދުގެ މުގުލަކީ ދާއިރާގެ ރައީސުންނާއި ރަށްރަށުގެ ސްޓީރިން ކޮމިޓީތަކެވެ. އެކަން ވެރިކަމަށް އާދެވުމުން ޕީޕެމް / ޕީއެންސީ އިން ވަނީ ހަދުމަ ނައްތާލެވިފައެވެ. މިއީ ވެރިކަން ކުރާ ސަރުކާރުގެ ބޭފުޅުންގެ ބަހެވެ.

އިންތިޚާބުގައި ވޯޓްލާން ރައްޔިތުން ނެރުމަށްޓަކައި ދާއިރާ ލީޑަރުންގެ މުހިންމުކަން ވަރަށްބޮޑުކަން ނިމިދިޔަ އިން ބޮޑު އިންތިޚާބުން ވަނީ އެނގިފައެވެ.

ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި މިހާރު އޮތީ ކުރިއަށް މާރޗް މަހުގެ މަޖިލީސްއިންތިޚާބަށެވެ. ސިޔާސީ ޕާޓީތަކުން ގެންގުޅޭނެ ޚާއްސަ ދޮގުވެރިއުކުޅުތަކަށެވެ. 

Loading

2 Responses

  1. ބަޔަކު މީހުން މުއްސަނދި ކުރަން ވޯޓުލާންވީ ކީއްކުރަން ހެއްޔެވެ ؟ ދިހަ މީހުން ވޯޓުލިޔަސް ކޮންމެސް އެކަކު ހޮވޭނެއެވެ. އަދި އޭނާގެ ގިރުވާނު ހުންނާނީ ދަތްދޮޅިއާ ހަމައަށް އުފުލިފައެވެ. ރައްޔިތުންގެ އަޣްލަބިއްޔަތުން މަޖިލީހުގެ މެމްބަރު ކަމަށް ހޮވުނީ މައެވެ. ކުރިންވެސް ކައުންސިލްތަކަށް ވޯޓުލީއިރު އެތަން އޮތީ ފެނިފައެވެ. ދެ ހާސް މީހުންގެ ތެރެްިން ދެމީހުން ވޯޓުލައިގެން ހޮވުނީމާވެސް އޭނާއަކީ ރައްޔިތުން ތަމްސީލުކުރާ މީހާޔޯލައެވެ !

  2. ވިސްނުމެއްނެތި ކޮށްފިކަމަކުން …….. ގިސްލަމުން ކަރުނަ އޮހޮރަންޖެހިދެއޭ ޢުމުރަށް މުޅިން: ލ. ފޮނަދުއަށް މާލޭގެ ވެރިކަން ބަދަލުކުރަން ފެނޭ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް