2010 ވަނަ އަހަރު ހިންގި މަޝްހޫރު ”މާވީ މަރްމަރާ“ އިހްތިޖާޖު ފަދަ އިހުތިޖާޖެއްގައި ކަނޑުމަތީ ގިނަ އަދަދެއްގެ އުޅަނދުތަކެއް ޣައްޒާގެ ކަނޑުގެ ސަރަހައްދާއި ދިމާއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބުދަ ދުވަހު ތުރުކީއިން 1000 އަށްވުރެ ގިނަ ބޯޓު ޣައްޒާއާއި ދިމާލަށް މިސްރާބު ޖަހާނެކަމަށް ޚަބަރުތަކުން ބުނެފައިވާއިރު، މި ފްލަޓިލާގެ މަގްޞަދަކަށް ވާނީ އިސްރާއީލުގެ ބްލޮކޭޑް ހުއްޓުވައި، އެގައުމަށް އަންނަ ޓްރޭޑް މެދުކަނޑުވާލުމެވެ. މި އިހުތިޖާޖު ރާވާ ހިންގުމުގައި އިސްވެ އުޅޭ ފަރާތެއްކަމުގައިވާ ވޮލްކަން އޮކްޗުއާއި ހަވާލާދީ ތުރުކީގެ ހޭބާރ7 ނޫހުން ރިޕޯޓުކޮށްފައިވާގޮތުގައި، މި ބޯޓުތަކުގައި 40 ގައުމެއްގެ 4500 މީހުން ދަތުރުކުރާނެއެވެ. މީގެތެރޭގައި ”އެންޓި-ޒަޔަނިސްޓް“ ޔަހޫދީންވެސް ހިމެނޭނެކަމަށް އޭނާ ވަނީ ބުނެފައެވެ.
ޣައްޒާއަށް ދަތުރުކުރާ 1000 ބޯޓުގެ ތެރެއިން 313 ބޯޓުގައި ރަޝިއާ އެކްޓިވިސްޓުން ދަތުރުކުރާއިރު، 104 ބޯޓުން ދަތުރުކުރާނީ ސްޕެއިންގެ އެކްޓިވިސްޓުންނެވެ. އަދި ތުރުކީއިން ބައިވެރިވާނީ 12 އުޅަނދެއްކަމަށް އޮކްޗު ބުނެފައިވެއެވެ. އޭނާ ފަހުން ކުރި ޓްވީޓެއްގައި ބުނެފައިވާގޮތުގައި، ތުރުކީއިން ބައިވެރިވާ އުޅަނދުތަކުގެ އަދަދު އުންމީދުކުރި ވަރަށް ވުރެ މަދެވެ. އަދި މި އިހުތިޖާޖުގައި ތުރުކީ ސަރުކާރުގެ އެއްވެސް އަތެއް އަދި މަސްލަހަތެއް ވެސް ނުވާކަމަށް އޮކްޗު ބުނެފައިވެއެވެ.
މި ފްލަޓިލާގެ ދަތުރުގައި ތުރުކީއަށްފަހު މަޑުކުރާނީ ސައިޕްރަސްގައި ކަމަށާއި، ދެން ދަތުރުކުރާނީ އިސްރާއީލުގެ އަޝްޓޮޑް ބަނދަރަށްކަމަށް ހޭބަރ7 އަށް އޮކްޗު ކިޔައިދިނެވެ.
އޮކްޗުއާއި ހަވާލާދީ އެނގިފައިވާ ގޮތުގައި މި ކަނޑުގެ އިހުތިޖާޖުގެ މަގުޞަދަކީ އިސްރާއީލާއި ކައިރިން ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުގައި ހަމަނުޖެހުން އުފެއްދުން ކަމަށާއި، އިސްރާއީލަށް އަންނަ ޓްރޭޑް ހުއްޓުވައި، އެގައުމަށް އަންނަ މުދާ ހަފްތާއެއްހައި ދުވަސް ނަމަވެސް ލަސްކޮށްލުމެވެ.
މިއީ 2010 ވަނަ އަހަރު ”ޣައްޒާ ފްރީޑަމް ފްލަޓިލާ“ އިން ބޭއްވި އިހުތިޖާޖުގެ ނަކަލެކެވެ. މީގެ ދިހަ އަހަރުކުރިން ބޭއްވި އިހުތިޖާޖުންވެސް މަސައްކަތްކޮށްފައިވަނީ ޣައްޒާގެ ބްލޮކޭޑް ނައްތާލުމެވެ. އެހެންނަމަވެސް، އިސްރާއީލުގެ ކަނޑުގެ ސިފައިންވަނީ އެކަމަށް ހުރަސްއަޅައި އިހުތިޖާޖު ހުއްޓުވާފައެވެ. އެދަތުރުގައި ހިމެނުނު 600 މީހުން އުފުލި ބޯޓެއް ކަމުގައިވާ ”މާވީ މަރްމަރާ“ އަށް އަރައި އިސްރާއީލު ސިފައިންވަނީ ތުރުކީގެ 10 އެކްޓިވިސްޓުން މަރާލާފައެވެ.
”ޒަޔަނިސްޓުން މާވީ މަރްމަރާ އަށް ހެދިގޮތް މިފަހަރުގެ ފްލަޓިލާގެ އުޅަނދަކަށް ނުހެދޭނެ. މިފަހަރު ދަތުރުކުރާ އުޅަނދުތައް ދަތުރުކުރާނީ އެމެރިކާ، އިނގިރޭސިވިލާތް، ލަގްޒެމްބޯގް، ރަޝިއާ، ޖަރުމަނު، ސްޕެއިން، ޕޮލެންޑް ފަދ ގިނަ ގައުމުތަކުގެ ދިދައިގެ ދަށުން.“ އޮކްޗު ބުނެފައިވެއެވެ.
އޮކްޗު އިތުރަށް ބުނީ ބައިނަލްއަޤްވާމީ ގާނޫނުތަކަށް އިހުތިޖާޖީން ތަބައަވާނެކަމަށާއި، އެއްވެސް ހަތިޔާރެއް ނުގެންގުޅޭނެކަމަށެވެ. އެހެންކަމުން، އިސްރާއީލުން އިހުތިޖާޖަށް ހުރަސް އެޅުމުގެ އެއްވެސް ހައްގެއް އަދި ފުރުސަތެއް ވެސް ނޯންނާނެކަމަށެވެ.
މާވީ މަރްމަރާގެ ހާދިސާގެ ހަނދާނުގައި ޣައްޒާގެ ބަނދަރުގައި ހަދާފައިހުރި ބިނާއެއް އިސްރާއީލުން މިހާރު ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ވަނީ ހަލާކުކޮށްލާފައެވެ.