ކާބޯތަކެތީގެ ރައްކާތެރިކަމަށް ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކަށް ރާއްޖޭގައި އަމަލުކުރުން މުހިންމު: ޑރ.ޚަލީލް

Loading

Facebook
Twitter
WhatsApp

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކާ އެއްގޮތައް ޢަމަލުކުރުން މުހިންމު ކަމަށް ހެލްތު މިނިސްޓަރު، ޑރ. ޢަބްދު ޚަލީލް ވިދާޅުވެއްޖެއެވެ.

ޑރ.ޚަލީލް މިހެން ވިދާޅުވެފައި ވަނީ ކާބޯތަކެތީގެ ސިނާއަތުގެ ފަރާތްތަކަށް ޚާއްސަކޮށްގެން އެއްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ”ފުޑް ސޭފްޓީ މެނޭޖްމެންޓް އިން މޯލްޑިވްސް ފުޑް ސެކްޓަރ“ ނަމުގައި ބޭއްވި މަސައްކަތު ބައްދަލުވުން ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ، ކާބޯތަކެތި ރައްކާތެރި ކުރުމުގައި ގެންގުޅޭ ނުރަގަނޅު ގޮތްތަކުގެ ސަބަބުން ސިއްހަތަށް ނުރައްކާވާ ކަމަށެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށްވެސް ހެލްތު މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ހަމަ އެހެންމެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކާއި އެއްގޮތައް ރާއްޖޭގައިވެސް އަމަލު ކުރުން މުހިންމުކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މޫސުމީ ބަދަލުތަކާއި، އާބާދީ އިތުރުވުމާއި އިންޓަރނޭޝަނަލް ވިޔަފާރިތަކުގެ ސަބަބުން ކާބޯތަކެތީގެ ސަޕްލައިއަށް ބޮޑެތި ބަދަލުތައް އަންނަމުންދާ ކަމަށެވެ.

ޑރ. ޚަލީލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ފުޑް ސޭފްޓީ މެނޭޖްމެންޓް އިން މޯލްޑިވްސް ފުޑް ސެކްޓަރ މަސައްކަތު ބައްދަލުވުމުގެ ސަބަބުން ކާބޯތަކެތީގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަޢުލޫމާތު މުއްސަނދިވުމުގެ އިތުރުން ކާބޯތަކެތި ރައްކާތެރި ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވޭނެއެވެ.

މި މަސައްކަތު ބައްދަލުވުން އިންތިޒާމުކޮށްފައި ވަނީ އެންޝުއަރ މޯލްޑިވްސް، ބިއުރޯ ވެރިޓަސް ސްރީލަންކާ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގުޅިގެންނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް