ސީޕީ ޙަމީދު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

Loading

November 15, 2023
sandhaanu news
Facebook
Twitter
WhatsApp

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.

އެކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާނެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އިމްރާން ވިދާޅުވީ ސީޕީގެ މި ދައުރުގައި ދުނިޔޭގެ ފުލުހުންގެ މުއައްސަސާތަކަށް ބަލާއިރު ޚާއްސަކޮށް އިންޓަޕޯލް އިންޓެލިޖެންސް ބަލައިގަންނަ، ގަބޫލުކުރާ އަދި އިތުބާރުކުރާ ފެންވަރުގެ ޚިދުމަތްތަކާއި ކުރެވުނު ބުރަ މަސައްކަތް ވަރަށް ގާތުން ފެނިފައިވާ ކަމަށެވެ. ހަމަ އެހެންމެ ބައި މިލިއަން ހަމަނުވާ ދިވެހި މި ޤައުމުގެ ފުލުހުންގެ މި ފޯސް ލީޑުކުރަމުންގޮސް ސެކަންޑް ޖެނަރޭޝަނަށް މީހުން ތައްޔާރު ކުރެވުން އެއީ ވަރަށް ބުރަ، މިންނެތް އަދި ވަރަށް ކޮމިޓެޑް މަސައްކަތްތަކެއްކަން އިމްރާން ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވި، ސިލަބަސް އަދި ނިޒާމާއި އޮނިގަނޑު ކަނޑައެޅި، ދިވެހި ފުލުހުންގެ އަމިއްލަވަންތަ މުއައްސަސާއެއްގެ ގޮތުގައި އެތަން ކަނޑައަޅަދިނުމަކީ އަދުގެ ކޮމިޝަނަރ ކުރެއްވި ބުރަ މަސައްކަތެއް ކަމާއި އެކަމުގެ އަގު ވަޒަންކުރާ ކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި، މުއައްސަސާ މިއަދު އަޅައިދީފައި ހުރި ބިންގާތަކުގެ މަތީގައި އެއްވެސް ކަހަލަ ފުށުއެރުމެއް ގުޑުމެއް ނެތި ތެދުކޮށް ރަނގަޅަށް ބިނާކުރެވިއްޖެއްނަމަ ރައްޔިތުން އެދޭ ކަހަލަ ޚިދުމަތަކަށް ފުލުހުންގެ ޚިދުމަތް ވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ސީޕީ ހަމީދު ވަނީ ފުލުހެއްގެ ގޮތުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެކި ލެވެލްގައި އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އޭގެ ތެރޭގައި އޭނާގެ އާއިލާ އާއި ހޯމް މިނިސްޓަރާއި ޑެޕިއުޓީ ކޮމިޝަނަރުން އަދި އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޝާޒްލީގެ ނަން ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ވަޒީފާއާ ފުރަތަމަ ގުޅުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް އެކި ހައިސިއްޔަތުގެ ބޭފުޅުންނާއެކު މަސައްކަތްކުރެވުނުކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ ކޮންމެ ފުލުހަކުވެސް ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ފެނިފައި ވަނީ ހިތްވަރާއި އަޒުމާއެކު މަސައްކަތް ކޮށްފައިވާތަން ކަމަށެވެ.

ހިތާ އެންމެ ގާތް ޚިދުމަތުން ވަކިވެގެންދާއިރު، މި މުއައްސަސާގެ ޝަރަފާއި ގަދަރު ނެގެހެއްޓުމަކީ ކޮންމެ މުވައްޒަފެއްގެ ކޮނޑުގައިވެސް އެޅިފައިވާ ޒިންމާއެއް ކަމުގައި ދެކިގެން މަސައްކަތް ކޮށްދިނުމަށް އެންމެހައި ފުލުހުންނަށް ސީޕީ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ދިވެހިރާއްޖެއަކީ ކުށްމަދު އަމާން ތަނެއްގެ ގޮތުގައި ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތަކުގައި އަބަދުވެސް އެންމެ ކުރީ ސަފުގައި ހުންނަވާނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސީޕީއަށް ޝަރަފުގެ ހަނދާނީ ފިލާ، ރިޓަޔަރމަންޓް ކާޑު އަދި ފުލުހުންގެ ދިދަ އަރުވާފައި ވެއެވެ.

ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ. މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނަރއަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ.

ރިޓަޔަރމަންޓް ކާޑަކީ ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ކޮންމެ ފުލުހަކަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ކާޑެކެވެ. މި ކާޑަކީ ފުލުހުންގެ މުއައްސަސާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވި ބޭފުޅެއްކަން އަންގައި ދިނުމަށާއި، ފުލުހުންގެ މުއައްސަސާއަށް ވެދެވަޑައިގަންނަވާ ކޮންމެ ފަހަރަކުވެސް ބޭނުންފުޅު ކުރެއްވޭނޭ އައިޑެންޓިފިކޭޝަން ކާޑެކެވެ. މީގެ އިތުރުން މި ކާޑަކީ ފުލުހުންނަށް ލިބިދޭ އެހެނިހެން ޚިދުމަތްތައް ވެސް ލިބިގެންދާނެ ކާޑެކެވެ.

ފުލުހުންގެ ޚިދުމަތުގެ ދިދައަކީ، ދިވެހި ފުލުހުންގެ ޚިދުމަތް ރަމްޒުކޮށްދޭ އަލި ގަދަ ދަންމަރެވެ. ދިވެހި ފުލުހުން އެ ދިދައަކަށް ސެލިއުޓުކުރާ، އަދި ފުލުހުންގެ ހިތުގެ ލޯބި ދެމުން އަންނަ ފަހުރުވެރި ޝަރަފެވެ. މި ދިދަ ކޮމިޝަނަރއަށް އަރުވާފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ކޮށްދެއްވާފައިވާ އަގުހުރި އަދި އަގުނުކުރެވޭނޭ މަސައްކަތްޕުޅުގެ ހާއްސަ ރަމްޒެއްގެ ގޮތުގައެވެ.

މިރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނަކާއި ކޮމިޝަނަރގެ މަގާމުގައި ހުންނެވިއިރު، ފުލުހުންގެ ޚިދުމަތާ ގާތުން މަސައްކަތްކުރި ބޭރުގެ އެކިއެކި ބޭފުޅުންނާއި ކޮމިޝަނަރގެ އާއިލާގެ ބޭފުޅުންގެ އިތުރުން ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުން، ކޮމިޝަނަރގެ މަސައްކަތްތަކާ މެދު ދެކޭގޮތުގެ އިންޓަވިއުތައް ދައްކާފައިވެއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު، ދިވެހިރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ޑިޕްލޮމެޓުން، ރާއްޖޭގައި ހުންނަ ޔުނައިޓެޑް ސްޓޭޓްގެ ރެޕްރެޒެންޓޭޓިވް، ބޭރު ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ ސަލާމަތީ ބާރުތަކުގެ މަންދޫބުން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ކޮމިޝަނަރގެ އާއިލާ މެމްބަރުން ބައިވެރިވެލެއްވިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް