ރާއްޖެއަށް ބޭނުންވާ ބޭސް ގެންނަން އެސްޓީއޯއިން އިންޑިއާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭތީ އެކަން މަޑުޖައްސާލަން އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން ބޭއްވި ނިއުސް ކޮންފަރެންސްގައި އެ މަނިކުފާނުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު ގެންނަން ޓެމިލްނާޑޫގެ ކުންފުންޏަކާއެކު އެއްބަސްވުމެއް ހަދަމުން އަންނަ ކަމަށް އިންތިގާލީ ކޮމިޓީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފާހަގަވެފައިވާ ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި އެ ފަދަ އެއްބަސްވުމެއްގެ މަސައްކަތެއް އެގޮތަށް ނުގެންގޮސް މަޑުޖައްސައިލުމަށް ޑރ.މުޢިއްޒު އެދިވަޑައިގަންނަވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ރާއްޖެއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު ގެންނަން ޓެމިލްނާޑޫގެ ކުންފުންޏަކާ އެކު އެއްބަސްވުމެއް ހަދަމުން އަންނަ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެފައިިވާއިރު ބޭސް އެތެރެކުރުމަށް ބޭރުގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ވާހަކަ އެސްޓީއޯ އިން ވަނީ ދޮގުކޮށްފައެވެ.
މިކަމަށް އިޝާރަތްކޮށް އެސްޓީއޯ އިން ކުރި ޓުވީޓެއްގައި ބުނީ އެފަދަ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. ހަމައެހެންމެ އެފަދަ އެއްވެސް އެއްބަސްވުމެއްގައި އެސްޓީއޯއިން މި ވަގުތު ސޮއިކުރަން ނޫޅޭ ކަމަށާއި އެފަދަ ކަމެއް ހުއްޓުވުމަށް އެއްވެސް ފަރާތަކުން އެ ކުންފުންޏަށް އަދި އަންގާފައި ނުވާކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.
![]()
