ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން އިޒްރޭލު ”ބޮއިކޮޓް“ ކުރުމަށް ގޮވާލައި މިރޭ ވެސް ވެރި ރަށް މާލޭގައި ގިނަ ބަޔަކު ނިކުމެ ބޮޑު އެއްވުމެއް ބާއްވައިފިއެވެ.
ހައްދުފަހަނައަޅާފައިވާ އިޒްރޭލާއި ދެކޮޅަށް އަޑު އުފުލައި, ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކޮށްދިނުމަށް ގޮވާލައި މި މަހު 13 ވަނަ ދުވަހު ވެސް މާލޭގައި ވަނީ ބޮޑު އެއްވުމެއް ބާއްވާފައެވެ.
މާލޭގައި މިރޭ ބޭއްވި ހިނގާލުން އިންތިޒާމު ކުރީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އާންމުންގެ އެކުވެރި ގުޅުމާއި ރައިޓް މޫވްމަންޓް ގުޅިގެންނެވެ.
މި ހިނގާލުން ބާއްވާފައި ވަނީ ރަސްފަންނު ސަރަހައްދުން ފަށައިގެން މަޖީދީ މަގުން އާޓިފިޝަލް ބީޗް ސަރަހައްދާ ހަމައަށެވެ.
ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބިކަން ހާމަކޮށްދޭ ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ގިނަ ބަޔަކު ބައިވެރިވި މި ހިނގާލުމުގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަ ކުދިން ވެސް ވަނީ ބައިވެރި ވެފައެވެ.
ހަމަ އެހެންމެ އެއްވުމުގެ ބައިވެރިން ވަނީ ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް އަރައިގަނެ ހިންގަމުން އަންނަ ޖަރީމާތަކާއި މެދުގައި ނުރުހުންފާޅުކޮށް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބެ ޝަހާދަތުގެ ކަލިމަތައް ކިޔައި ފަލަސްތީނު މިނިވަން ކުރުމަށް އަޑު ހަރުކޮށް ގޮވާލާފައެވެ.
![]()
