ރާއްޖެ އިން ފަލަސްތީނަށް ތާއީދުކޮށް، ދިވެހިން ތިބީ އެ ޤައުމާއެކުކަން ހާމަކުރަމުން އަންނާތީ، އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެ ޤައުމުގެ ފޮރިން މިނިސްޓްރީން އަންގައިފިއެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓްރީން ރޭ ދަންވަރު ނެރުނު އެޑްވައިޒަރީއެއްގައި ބުނީ ރާއްޖޭގެ މާހައުލު މިހާރު އޮތީ އިޒްރާއީލާ ވަރަށް ބޮޑަށް ދެކޮޅަށް ކަމަށެވެ.
މިގޮތުން އެ ޤައުމާ ދެކޮޅު ހަރަކާތްތައް ރާއްޖޭގައި ވަރުގަދަވަމުން އަންނަ ކަމަށާއި މި ދުވަސްވަރު އިޒްރޭލު މީހުން ރާއްޖެއަށް ދަތުރު ނުކުރުމަށް އަންގާ ކަމަށެވެ.
އިޒްރޭލު ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެ ޤައުމުގެ ފޮރިން މިނިސްޓްރީން އަންގާފައި ވާއިރު އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް،ދިވެހި ސަރުކާރުން ދަނީ ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.
މީގެ އިތުރުން ރާއްޖޭގެ ރައްޔިތުން ފަލަސްތީނާއެކު ތިބިކަން ހާމަ ކުރުމަށް ޝުޢޫރު ފާޅުކުރުމަށް އެއްވުންތަކާއި ހިނގާލުންތައް ބާއްވާ ޖަމިއްޔާ ޖަމާއަތްތަކާއި މުއައްސަސާތަކާއި އާންމު ފަރުދުން ހިމެނޭހެން ދަނީ ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓެލެތޯނުތަކާއި އެކި އިވެންޓުތައް ބާއްވަމުންނެވެ.
ޔަހޫދީ އިޒްރޭލުން މެދުކެނޑުމެއްނެތި ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 3859 އަށް އެރި އިރު އޭގެ ތެރޭގައި 1524 ކުޑަކުދިން ހިމެނެއެވެ. އަދި 1000 އަންހެނުން ޝަހީދުވެފައި ވާއިރު، މުސްކުޅިފުރާގެ 120 މީހުން ވަނީ ޝަހީދުވެފައެވެ.
މީގެ އިތުރުން އެތައް ބައެއްގެ ގެދޮރު ގެއްލި މަގުމަތިވެފައި ވާއިރު ހަމަލާ ތަކުގައި ޒަހަމްވެފައިވާ މީހުންގެ އަދަދު 12،493 އަށް އަރާފައި ވާއިރު، އޭގެ ތެރޭގައި 3983 ކުޑަކުދިންނާއި 3300 އަންހެނުން ހިމެނެއެވެ.
![]()
