ޒުވާނުންނަށް ދީނީ އިލްމު ފޯރުކޮށްދޭނެ ގޮތްތަކެއް ވިސްނުންތެރިކަމާއެކު ބައްޓަން ކުރަން ޖެހޭ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުޢިއްޒު މިހެން ވިދާޅުވީ މީރުމާ ހޮޓެލުގައި އިއްޔެ އިލްމުވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ޑރ. މުޢިއްޒު ވިދާޅުވީ ދިވެހިންގެ އަމިއްލަ ވަންތައްކަން ގެއްލެމުންދާ ކަމަށެވެ. ދިވެހިންގެ އަމިއްލަ ވަންތަކަމުގެ އެންމެ މުހިންމު ދެ އަސާސަކީ އިސްލާމީ ވަންތަކަމާއި ދިވެހި ބަސް ކަމަށާއި އެ ދެ ކަންތަކާ ދެކޮޅަށް ބައެއް މީހުން މަސައްކަތް ކުރަމުންދާކަން މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
މިކަން އަނބުރާލެވޭނީ މި ޤައުމުގައި ތިއްބެވި މި ކަންކަމާމެދުގައި ވިސްނަވާ ބޭފުޅުން އެކައްޗެއް ކިޔުއްވައިގެން ކަމަށާއި މާތްވެގެންވާ އިސްލާމްދީން އެއީ އަޅުގަނޑުމެންގެ އެންމެ މުހިންމު ބަހާ ކަމަށް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ދިވެހި ޒުވާނުންނަށް ދީނީ އިލްމު ފޯރުކޮށްދޭނެ ގޮތްތަކެއް ވިސްނުންތެރިކަމާއެކު ބައްޓަން ކުރަން ޖެހިފައިވާ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.
ދީންތަކާ ދެކޮޅަށް ބޮޑު އޮއިވަރެއް ގައުމުތަކުގެ މައިނޯރިޓީގެ ފަރާތުން ކުރިމަތިވަމުންދާ ކަމަށާއި އެ އޮއިވަރުގެ ތެރެއިން އިސްލާމްދީން ސަލާމަތް ކުރުމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށާއި އެކަން ކުރެވޭނީ އިލްމުވެރިންނަށް ކަމަށް ވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. މުޢިއްޒު ވިދާޅުވީ އެ އޮއިވަރުގެ ތެރެއިން އިސްލާމް ދީން ސަލާމަތް ނުކުރެވިއްޖެނަމަ ވަރަށް ނުރައްކާތެރި ހިސާބަކަށް މި ކުޑަކުޑަ މުޖުތަމައު ދާނެ ކަމަށެވެ.
އެހެންކަމުން ދިވެހިންގެ އަމިއްލަވަންތަކަމާއި ދިވެހިންނަކީ ކޮންބައެއްކަން އަނބުރާ އިއާދަކުރާއިރު މި ވިސްނުމަށް ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ސްކޫލްތަކާއި މުޅި ތައުލީމީ ނިޒާމުގަ މަސައްކަތް ކުރައްވާ ބޭފުޅުންގެ ވިސްނުން ބައްޓަން ކުރަން ޖެހޭ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. އެކަން އެގޮތަށް އެކަން ނުކޮށްފިނަމަ ޅަދަރިން އިސްލާމްދީނާ ދުރަށް ގޮސްދާނެ ކަމަށާއި އެހެންވެއްޖެނަމަ ދެން ރާއްޖޭގައި އިސްލާމްދީން ކުރިއަރުވަން މާބޮޑު މަސައްކަތެއް ކުރެވެން ނޯންނާނެ ކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
![]()
