ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ޕްލޭނަކީ އޭ ޓު ޒެޑަށް ވެސް އެމަނިކުފާނު ކަމުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްރަޙީމް ވިދާޅުވީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތް ރައީސް ޔާމީނުގެ މައްސަލައަކީ ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވައިގެން ކުރިއަށްގެންދާ މައްސަލައެއް ކަމަށެވެ. ހައިކޯޓުން އެ މައްސަލަ ނިމޭނެ ގޮތް މި ސަރުކާރަކަށް ވެސް ނޭނގޭ ކަމަށާއި އެއީ ދަށު ކޯޓުން ވެސް ހުކުމް ކޮށްފައިވަނީ ވަކި ގޮތަކަށް ނުފޫޒު ފޯރުވައިގެން ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
“ހައިކޯޓު މަރުހަލާގައި މިއަށް ނުފޫޒު ފޯރުވިދާނެކަމާމެދު ޝައްކުވެގެން އެ އުޅެނީ. ރަނގަޅަށް މި މައްސަލަ ކުރިއަށް ގޮސްފިނަމަ ހައިކޯޓުން ރައީސް ޔާމީން މިނިވަންވާނެކަމީ ސުވާލެއް ވެސް އޮތްކަމެއް ނޫން. އެހެންވީމަ އޭގެކުރިން އެ މަސައްކަތް ކުރަނީ އަނެއްކާ ވެސް ހުކުމެއް ރައީސް ޔާމީނަށް ޖެހޭތޯ.“
ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށާއި އެކަމުގެ ޔަގީންކަން އިތުރުވަމުންދާ ކަމަށެވެ.
“ޕީޕީއެމް/ޕީއެންސީގެ ޕްލޭނަކީ އޭ ޓު ޒެޑަށް ރައީސް ޔާމީން. ރައީސް ޔާމީނަށް ކުރިމަތިނުލެވޭނެ އެއްވެސް ހާލަތެއް އަތުވެދާނެކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ހައިކޯޓުގައި އޮތް އިސްތިއުނާފު މައްސަލަ ނުނިމޭކަމަށްވަންޏާ އެއީ ނިހާއީ ހުކުމެއް ނެތުމެއް ނޫންތޯ.“ ނިހާއީ ހުކުމެއް ނެތިއްޔާ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިގަތުމަށް ހުރަހެއް ނެތްކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ވިދާޅުވެފައިވާކަން ފާހަގަކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
“އެހެންވީމަ ސްޕްރީމްކޯޓުން ނިމުމާއި ނުނިމުމަކީ ރައީސް ޔާމީނަށް ކުރިމަތިލުމަށް އޮތް ހުރަހެއްނޫން.“ ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ވ.އާރަށު މައްސަލައިގައި ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ 2022 ޑިސެމްބަރު 25 ގައެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު ޝަރީއަތް ފަށަން އަދި ތާވަލެއް ނުކުރެއެވެ.