ދެވަނަ ބޮޑު ހަނގުރާމާގައި ފުރަތަމަފަހަރަށް އިންސާނީ ތާރީޚުގައި ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުން އޭގެ ހިތި ރަހަ އަދިއަދަށްދާންދެންވެސް ޖަޕާނުގެ ރައްޔިތުން އަރުތެރޭން ނުފިލައެވެ. ނިއުކްލިއަރ ހަތިޔާރު ބޭނުން ކޮށްފާނެ ވާހަކަދައްކާ އަޑު އިވުނަސް ގައިން ހީބިހި ނަގައިގެން ދެއެވެ.
އެކަމަކު މިއަދު އެވާހަކަތައްވެސް މިއޮތީ ދީވާލީ މޫސުމުގައި އިންޑިއާގެ ކަންކޮޅުތަކުގައި ފަޓާސް ބޭނުން ކުރުންކަހަލަ އިޝްތިހާރަކަށް ވެފައެވެ.ހައިރާންވާން ޖެހޭކަމަކީ އެވާހަކަ އެންމެގަދަޔަށް ދައްކަނީ އެނުބައި ވިހަ ހަތިޔާރު ބޭނުންކުރި އެމެރިކާ ކަމަށް ވާތިއެވެ. އަބަދުވެސް އެމެރިކާ ދުނިޔޭގެ ސުލްޙަމަސަލަސް ކަމަށް ލޯބިކުރާ ވާހަކައިންނެވެ.
އެފަދަ ބިރުދެއްކުމާއި ދެކޮޅަށް ކަމަށް ބުނެ މުޅިދުނިޔެއިން އެކަހެރި ވެފައިވާއޮންނަ އުތުރު ކޮރެޔާއިން އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް އުދުއްސާލުމަށްފަހު އެގައުމުގެ ލީޑަރ ކިމް ޖޯންގ އުން އެމެރިކާއަށް އިންޒާރު ދެއްވާފައިވަނީ އެގައުމަށް ކުރިމަތި ލާންޖެހޭ ނިއުކްލިއަރ ކޮންމެ އިންޒާރަކަށް ހަމަ އެމޭރުމުން ރައްދު ދޭނެކަމަށް ބުނެއެވެ.
އެނާ ވިދާޅުވީ، އަހަރެމެންނަށް ބިރުވެރިކަން ކުރިމަތި ކުރާ ދުޝްމިނުންނަށް އިތުރު ބެލުމަކާނުލައި ނިއުކްލިއަރ ހަތިޔާރުގެ ބޭނުންކޮށްގެން ވިޔަސް ރައްދު ދިނުމުގައި ބޭނުންކުރެވިދާނެ ހުރިހާ ގޮތެއް ބޭނުންކޮށްގެން ކުރިމަތިލާނެކަމަށް ވަޢުދުވެ ވަޑައިގެން ޢިއްލާންކުރެއްވި ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާއިން ބުނެފިއެވެ. އުތުރު ކޮރެޔާއިން އުދުއްސާލި މިސައިލުން އެމެރިކާއަށް ސީދާ ޙަމަލާ ދެވިދާނެ ކަމަށް ބެލެވެއެވެ.
މި ދިޔަ ހުކުރު ދުވަހު އުތުރު ކޮރެޔާއިން އުދުއްސާލި ވާސޯންގް-17 މަރުކައިގެ މިސައިލް ވެއްޓިގަތީ ޖަޕާނުގެ ހޮކައިދޯ ކައިރިއަށެވެ. ޖަޕާނުގެ ދިފާއީ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި އެއީ 3728 މޭލުގެ އުސްމިނުގައި ދަތުރުކޮށްފާ އައިސް 620 މޭލަށް ވެއްޓިގަތް މިސައިލެކެވެ.
ޖަޕާނުގެ ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދޭގޮތުގައި އެ މިސައިލުން އުފުލާ ހަނގުރާމައިގެ ހަތިޔާރުތަކުގެ ބަރުދަނަށް ނިސްބަތްކޮށް 9000 މޭލަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާނެ ކަމަށް ބެލެވެއެވެ. އޭގެ މާނައަކީ އެމެރިކާގެ ކޮންމެ ސަރަޙައްދަކަށްވެސް އެ މިސައިލުން ހަމަލާ ދެވިދާނެއެވެ.
މިއީ މި މަހުގެ ތެރޭގައި އުތުރު ކޮރެޔާއިން ޓެސްޓުކުރި ބާރުގަދަ ދެވަނަ ހަތިޔާރެވެ. އުތުރު ކޮރެޔާއިން މިކުރި ކަންތައް އެމެރިކާއިން ކުށްވެރިކުރެއެވެ. މިހާރު ތައިލޭންޑުގައި ހުންނެވި އެމެރިކާގެ ނައިބުރައީސް ކަމަލާ ހަރިސް މިކަމާގުޅިގެން ޖަޕާނާއި ދެކުނު ކޮރެޔާ އަދި ކެނެޑާއާއިއޮސްޓްރޭލިޔާއާއި ނިއު ޒީލޭންޑުގެ ވެރިންނާއެކު ބައްދަލުވުމެއް ބޭއްވިއެވެ.
އުތުރު ކޮރެޔާގެ ޓެސްޓުކުރުން ކަމަލާ ސިފަކުރެއްވީ އދ. ގެ ސެކިއުރިޓީ ކައިންސިލްގެ ގަރާރުތަކުގެ ދަށުން އުތުރުކޮރެޔާ ލަދުގަންނަން ޖެހޭނެ ކަމެއްގެ ގޮތުގައެވެ. އަދި މިކަމުގެ ސަބަބުން މި ސަރަޙައްދުގެ އަމާންކަމަށް ބުރޫ އަރަމުންދާތީ ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފް މިފަދަ ކަންތައްތައް އުތުރު ކޮރެާއިން ވަގުތުން ހުއްޓާލަން ޖެހޭނޭ ކަމަށެވެ.
ހުކުރުދުވަހުގެ މިސައިލް އުދުއްސާލުމާ ގުޅިގެން އެމެރިކާގެ ބީ.1ބީ މަރުކާގެ ބޮންއަޅާ ބޯޓުފަހަރުވެސް ބޭނުންކޮށްގެން ދެކުނު ކޮރެޔާއާއި ޖަޕާނުގެ މަތިންދާ ބޯޓުތަކާއެކު އެމެރިކާއިން އަސްކަރީ ތަމްރީންތަކެއް ބޭއްވިއެވެ.
އުތުރު ކޮރެޔާގެ ނިއުކްލިއަރ ޙާކާތްތަކާބެހޭ ގޮތުން އެމެރިކާގެ ރައީސް ބައިޑްން ވިދާޅުވީ ދެކުނު ކޮރެޔާއާއި ޖަޕާނުގެ އެއްބައިވަންތަ ކަމާމެދު އުފާފުޅުކުރައްވާ ކަމުގައްޔާއި އަދި އެ ދެގައުމުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އެމެރިކާ އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމުގައެވެ.
އަދި ޖީ-20 ސަމިޓުގެ ތެރޭން ޗައިނާގެ ރައީސް ޒީ ޖިންޕިން އާ ބައްދަލުކުރެއްވުމަށްފަހު ރައީސް ބައިޑްން ވިދާޅުވީ އުތުރު ކޮރެޔާ އިން ނިއުކްލިއަރ ހަތިޔާރު ޓެސްތު ކުރުން ހުއްޓުވައި އެ ގައުމު ބައިނަލް އަގްވާމީގޮތުން ހަމަ މަގަށް އެޅުވުމުގައި ޗައިނާއަށް ކުޅެވިދާނޭ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި އެމެރިކާގެ ބިމާއި އަހަރެމެންގެ ބައިވެރިންގެ ދިފާއުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.
މި ވާހަކަތަކަށް ރައްދު ދެއްވައި އުތުރު ކޮރެޔާގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެމެރިކާއާއި ބައިވެރިން ތަމްރީނުތައް ކުރިޔަށް ގެންދިޔައިރުވެސް އަހަރެމެން ބޭނުންވާ ގޮތަށް ބޭނުންވާކަންތައް ކުރަމުން ގެންދިއުމުން އެމެރިކާއިން އެކުރާ ކަންތަކާމެދު އަދި ހިތާމަކުރަންޖެހޭނެ ކަމަށެވެ.
އުތުރު ކޮރެޔާގެ އަމަލުތަކާ ގުޅިގެން ޖަޕާނުގެ އެދުމަކަށް މިހާރު އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް ވަނީ ތާވަލު ކުރެވިފައެވެ.