http://sandhaanu.today/24668/ އާއި ގުޅޭ….
އަނެއްބަޔަކީ ދީނުގެ ޢިލްމް ލިބިފައިވާ މީހުންނެވެ. މި ގޮވާލެވެނީ ޙައްޤަށްކަން އެމީހުން ދެނެތިއްބަސް މާތްﷲގެ ރުއްސެވުމުގެ ކުރިޔަށް ދުނިޔޭގެ އެދުންވެރިކަން ނެރޭމީހުންނެވެ.
އެއީ ތިމަތިމާމެންގެ ވަޒީފާއާއި މަގާމްތަށް ގެއްލިދާނެ ކަމުގެ ބިރު ހީވުންފަދަ ކަންކަމެވެ. ނުވަތަ ހަމަ ކަނޑައެޅިގެން ހުރި ޙަސަދަ ވެރިކަމުން ދެކޮޅު ހެދި މީހުންނެވެ. ކޮންމެ ޒަމާނެއްގައިވެސް ގިނަ މީސްތަކުންގެ ޙާލަކީމިއެވެ. ނަމަވެސް، ޝައިހު ޢަބުދުލް ޥައްހާބު ކެތްތެރިކަމާއި އެކު ކީރިތި ޤުރުއާނާއި މާތް ސުންނަތުން ދަލީލު ދައްކަވައި މީސްތަކުން ތެދުމަގަށް ރުޖޫޢަ ކުރެއްވުމުގެ ޢަޒުމު މަތީގައި ސާބިތުވެ ހުންނެވިއެވެ.
ހަމައެކަނި ޙިކުމަތާއި ވަޢުޡުން ނުފުދޭކަން އެގިވަޑައިގެން ނެވުމުން ޝިރުކާއި ދެކޮޅަށް ޢަމަލީ ޖިހާދު ފެއްޓެވިއެވެ. މީސްތަކުން ޝަރީކު ކުރަމުން ގެންދިޔަ މަޤުބަރާ ތަކުގެ ތެރެއިން ހިމެނުނު އެއްތަނަކީ، މަތިވެރި ޞަހާބީ ޒައިދު ބުނުލް ހައްތާބުގެ މަގުބަރާއެވެ. މިކަލޭގެފާނަކީ ސައްޔިދުނާ ޢުމަރު ބުނިލް ހައްތާބުގެ އަޚެކެވެ. ހިޖުރައިން ބާރަވަނަ އަހަރު މުސައިލަމަތުލް ކައްޒާބާއި ކުރެވުނު ހަނގުރާމައިގައި ޝަހީދުވެ ވަޑައިގަތް ބޭކަލެކެވެ. މީސްތަކުން ވަނީ އެކަލޭގެފާނުގެ މަހާނަފުޅުގެ މަތީގައި ޒިޔާރަތެއް ހަދާފައެވެ. ޝައިހު ޢަބުދުލް ވައްހާބު، އަމީރަށް ވިދާޅުވިއެވެ. ”ޒައިދު ބުނުލް ޚައްތާބުގެ މަހާނަފުޅުގެ މަތީގައި މީސްތަކުން ވަނީ ގުއްބެއް ހަދާފައެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މަހާނަ މަތީގައި ބިނާތަށް ހެދުން މަނާ ކުރައްވާފައެވެ. މި ޒިޔާރަތުގެ ސަބަބުން މީސްތަކުން ވަނީ ތަޢުޙީދުގެ މަގުން އެއްކިބާވެ މަގުފުރެދިފައެވެ. މި ޒިޔާރަތް ނައްތަލައްވަމާ ހިންގަވާށެވެ“.
ޢަބުދުލް ޥައްހާބުގެ ލަފާފުޅު ގަބޫލު ކުރައްވައި ހަ ހާސް ސިފައިންނާއިގެން އަމީރު ޢުޘްމާން ނިކުމެ ވަޑައިގެންކަމަށް ބުނެވެއެވެ. މި ލަޝްކަރުގެ ވެރިޔަކަށް ހުންނެވީ ޚުދު ޢަބުދުލް ވައްހީބެވެ. އެހިސާބު ގަނޑުގެ މީސްތަކުން ދެކޮޅު ހެދުމުގެ ގޮތުން ނިކުތޫއެވެ. ނަމަވެސް މީސްތަކުންނަށް އެމީހުންގެ ޢަމީރު ޢުޘްމާން ބުނު މުޙައްމަދު ބިން މުޢައްމަރު ވެސް ލަޝްކަރާއި އެކު ވަޑައިގެން ހުންނެވިތަން ފެނުމުން ދެކޮޅުހަދާކަށް ނުކެރުނެވެ.
ޝެއިޚުގެ އަތްޕުޅުން އެ ޤުއްބު ނައްތާލެއްވިއެވެ. އެއަށްފަހު މީސްތަކުން ޝަރީކު ކުރަމުންދިޔަ މިފަދަ އެތަށް ޒިޔާރަތް ތަކަކާއި، ގަސްތަކާއި ހޮހަޅަތައް ފަދަ ތަންތަން ނައްތާލެއްވިއެވެ. މިހައިރުން ޝައިޚު ޢަބުދުލް ޥައްހާބު ޢުޔައިނާގެ އިސް ފަނޑިޔާރު ކަމުގައި އިސް ކުރެއްވިއްޖެއެވެ. އަދި އެ ހިސާބުގައި އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ޙައްދުތަށް ޤާއިމް ކުރއްވާން ފެއްޓެވިއެވެ.
މުޙައްމަދު ބުނު ޢަބްދުލް ވައްޙާބުގެ މަގުބޫލުކަން މީސްތަކުންގެ ތެރޭގައި އިތުރު ވެގެން ދިއުމުން އެހިސާބުގެ އެހެނިހެން ވެރީން އެމީހުންގެ ނުފޫޒު ގެއްލިދާނު ކަމަށް ބިރުވެތި ވާންފެށިއެވެ. މުޙައްމަދު ބުނު ޢަބްދުލް ޥައްޙާބު ޤަތުލުކޮށް ނުވަތަ ބޭރު ކޮށްލުމަށް އަމީރު ޢުޘްމާނަށް އިންޒާރުކޮށް މަޖުބޫރު ކުރަންފެށިއެވެ. އަމީރު ޢުޘްމާން، މުޙައްމަދު ބުނު ޢަބްދުލް ޥައްޙާބު ގެންނަވާ ވިދާޅުވިއެވެ. ”އަހަރެމެން ކަލޭގެފާނު ޤަތުލުކުޅައުމަށް ނުވަތަ އަރުވާލުމަކަށް ނުއެދެމެވެ. ނަމަވެސް އެމީހުންނާއި ހަނގުރާމަ ކުރުމަށް އަހަރެމެންވަނި ނުކުޅެދިގެންނެވެ.
ވީމާ ކަލޭގެފާނު އަހަރެމެންގެ ވެރިކަމުގެ ސަރަޙައްދުން ނިކުމެ ވަޑައިގަންނަވާށެވެ.“ ޝައިހު ދެންނެވި އެވެ. ”އަޅުގަނޑު މީސްތަކުންނަށް މާތް ﷲގެ ދީނަށް ރުޖޫޢަވެ، ޝަހާދަތުގެ ދެކަލިމަ ފުރިހަމަ ކުރުމަށް ނޫނީ ނުގޮވަމެވެ. ﷲގެ ދީނުގައި ހިފަހައްޓާ އެކަލާންގެއަށް ނަޞްރުދިން މީހަކަށް، އެކަލާންގެ ނަޞްރު ދެއްވާނެތެވެ. އަދި ޢަދުއްވުންގެ މަށްޗަށް ތަމްކީނު ކޮށްދެއްވާ ނެއެވެ.“ ނަމަވެސް ޝެއިޚްގެ މަޝްވަރާ އަމީރު ގަބޫލު ނުކުރެއްވުމުން ޢުޔައިނާ ދޫކުރަށްވައި ދަރިއްޔާ އާއި ދިމާލަށް ވަޑައިގަތެވެ. މި ދަތުރު ކުރައްވަން ޖެހިވަޑައިގަތީ ފައިމަގުގައެވެ. އެއީ ސަވާރީއެއްހާ ހިސާބުވެސް ލިބިވަޑައި ނުގަތުމުންނެވެ.
މުޙައްމަދު ބުނު ޢަބްދުލް ވައްޙާބު ދަރިއްޔާ އަށް ވަޑައިގެންފި ޚަބަރު އެހިސާބުގެ އަމީރު މުޙައްމިދު ބުނު ސުޢޫދަށް ލިބިވަޑއިގެންފިއެވެ. ބުނެވޭ ގޮތުގައި މި ޚަބަރު އެ މަނިކުފާނަށް އެރުވީ އެ މަނިކުފާނުގެ އަނބިކަނބަލުންނެވެ.
އެކަމަނާ ދެންނެވި އެވެ. ”މިއީ މާތްﷲ މަނިކުފާނަށް ފޮނުއްވި ހެޔޮ ނަޞީބެކެވެ. ޤުރުއާނާއި ސުންނަތަށް މީސްތަކުން ތަބާވުމަށް ގޮވާ ބޭކަލެކެވެ. އޭނާޔާއި ބައްދަލު ކުރައްވައި އޭނަގެ މަސައްކަތްޕުޅަށް މަދަދު ކުރެއްވުން އަވަސް ކުރަށްވާށެވެ.“ އަނބިކަނބަލުންގެ ލަފާ އައްސަވައި ޝައިޚާއި ބައްދަލް ކުރައްވައި، ޢަބްދުލް ވައްހާބު އޭނާގެ ވެރިކަމުގެ ދަށުގައި މަސައްކަތް ކުރެއްވުމަށް އެދި ވަޑައިގެންނެވިއެވެ. މިހާރު މިއޮތް ސުޢޫދީ ޢަރަބިއްޔާގެ ބިންގާ އެޅުނީ އިބްނު ސަޢޫދާއި، ޢަބްދުލް ވައްހާބާއި ދެމެދު މިވެވުނު އެއްބަސް ވުމުގެ ސަބަބުންނެވެ. މި އެއްބަސް ވުމުގެ ދަށުން،
”އާލު ސުޢޫދުން“ އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ވެރިކަން ކުރައްވާހައި ހިނދަކު ”އާލު ޝައިޚުން“ (މުޙައްމަދު ބުނު ޢަބްދުލް ވައްހާބުގެ ދަރިކޮޅުގެ ބޭކަލުން) އެމީހުންނާއި އެއްބާރުލުން ހިމެނެއެވެ.
ޝައިޚުގެ މަސައްކަތްޕުޅު ވަރަށް ފުޅާ ދާއިރާއެއްގައި ފެއްޓެވިއެވެ. ޢާންމުންނާއި، އަދި ކަމުވޮށިގެންވާ މީހުން އެއްކުރައްވައި ތަވްޙީދާއި، ޤުރުއާން ކަރީމްގެ ތަފްސީރާއި، ޙަދީޘް ޢިލްމާއި، ފިޤުހުގެ ކްލާސް ތަކުގައި ކަޔަވާދެއްވަމުން ގެންދެވިއެވެ. ދަންނަބޭކަލުންނާއި ތަންތަނުގެ ވެރީންނަށް ޝިރުކާއި ބިދުޢަ ތަކާއި ދެކޮޅަށް މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރައްވައި ސިޓީ ފޮނުއްވަމުން ގެންދެވިއެވެ. ދާދި އަވަހަށް ޝެއިޚް ވައްހާބުގެ ނަންފުޅު މުޅި ޢަރަބި ދުނިޔެއާއި އަދި އެހެން އިސްލާމީ ގައުމު ތަކުގައި މަޝްހޫރު ވެއްޖެއެވެ.
ޝެއިޚް ޢަބުދުލް ވައްހާބު އޭނާގެ ދީނީ އިސްލާޙީ މަސައްކަތްޕުޅު ކުރެއްވުމުގައި ފަންސާސް އަހަރު ހުންނެވޫއެވެ. އޭނާގެ އަގުހުރި ޢިލްމީ ތަރިކައިގެ ތެރޭގައި ”ކިތާބުލް ތަޢުޙީދު“ އެވެ ކިޔޭ ފޮތް ހިމެނެއެވެ. އަވަހާރަވީ ހިޖުރައިން 1206 (މީލާދީން1791) ގައެވެ.
ތައުޙީދުގެ ދަންމަރުން ޢަރަބިކަރަ އަލުން އުޖާލާ ކުރެއްވުމަށްޓަކައި ވަޢުޘާއި ، ނަސޭޙަތް އަދި ޖިހާދުގެ މަގުގައިވެސް ހިއްޕެވިއެވެ. އޭނާއަށް ފަހު އޭނާގެ ދަރި ދަރިކަލުން އެމަސައްކަތްޕުޅު ކުރިޔަށް ގެންދެވޫއެވެ.
ކޮންމެ މުޞްލިޙަކަށްވެސް ޢަދާވަތްތެރީން ވެއެވެ. ޝެއިޚު ވައްހާބަކީ ވެސް މިކަމުން އިސްތިސްނާ ވެގެންވީ ބޭކަލެއް ނޫނެވެ. އޭނާއަކީ ”ޚާރިޖީ“ އެއް ކަމުގައި ވެސް ޙަސަދަވެރިން ބުނެއުޅެއެވެ.
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ތަބާވެ، ސަލަފުއްޞާލިހުންގެ ފިޔަވަޅު ތަކުގެ މަތީން ހިނގުމަށް ގަދައަޅައި މަސައްކަތް ކުރާ މުސްލިމުން ނަށް ދެރަ ކޮށްލުމުގެ ދޮރުން ނުވަތަ މަލާމާތެއްގެ ގޮތުން ”ވައްހާބީންނޭ“ ކިޔައި އުޅެއެވެ.
މިއީ ކަމުގެ އެކޮޅު މިކޮޅު ނޭނގި ތިބުމުގެ ސަބަބުން ކުރެވޭ ކަމެކެވެ. އެހެނީ މުޙައްމަދު ބުނު ޢަބްދުލް ވައްހާބް އަކީ ވަކި މަޛުހަބެއް އުފެއްދެވި ބޭކަލެއްނޫނެވެ. އަދި ކިއެއް ހެއްޔެވެ؟ އޭނާ ގޮވާލެއްވީ ޝިރުކާއި، ބިދުޢަތައް ދޫކޮށް އިސްލާމްދީނުގެ އަސްލުތައް ކަމުގައިވާ ޤުރުއާނާއި ސުންނަތަށް އަލުން ރުޖޫޢަވެ އިހުގެ ސަލަފުންގެ ފިޔަވަޅުތަކަށް ތަބާ ވުމަށެވެ. އޭނާގެ އިސްލާޙީ މަސްއްކަތްޕުޅުގެ ނަތީޖާ ދުނިޔޭގެ ހަފަރާތުން މިއަދު މިހުރީ ފެންނާށެވެ.
އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ދާދި ފަހަކާއި ޖެހެންދެން ދީނުގެ ނަމުގައި ކޮށްއުޅުނު އެތައް ބިދުޢަ ތަކެއް މިތަނުން ފިލުވައި ލެވުނީ ދަޢުވަތަށް ގޮވާލެވި އެއަށް ދިވެހީން އިޖާބަ ދިނުމުގެ ސަބަބުންނެވެ. މިގޮތުން ”ތަބްލީޢުލް އިސްލާމްގެ“ ނަމުގައި ނެރެވުނު މަޖައްލާއަކީ ދިވެހި މުސްލިމުންނަށް ބޮޑެތި ފައިދާ ތަކެއްކުރުވި މަޖައްލާއެއްކަމަށް ދެކެމެވެ.
މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ކުފުރާއި، ޝިރުކު އަދި ބިދުޢަ ތަކުން ސަލާމަތް ކުރައްވާށިއެވެ. އާމީން!