ފިތުނައިގެ ތެރެއަށް ގެނބިގެންމިދާ އިސްލާމީ އުންމަތް 

Loading

Facebook
Twitter
WhatsApp

މި ބަލާލަނީ ޝައިޚް މުޙަންމަދު އަލްނަގްވީގެ ޚުތުބާއަކުން ކިތަންމެ ކުޑަނަމަވެސް ފިލާވަޅެއް ކިއުންތެރިންނާ ހަމަޔަށް ގެނެސް ދެވޭތޯއެވެ. ޝައިޚުގެ ޚުތުބާއަށް އެކަށީގެންވާ ގޮތެއްގައި އިންސާފު ކުރުމުގެ ޢިލްމާއި ވިސްނުން ލިޔުންތެރިޔާގެ ކިބައިގާ ނެތްކަމަށް އިޢުތިރާފު ވަމުންނެވެ. އެހެންނަމަވެސް އެ ޚުތުބާއިން ކިތަންމެ ކުޑަނަމަވެސް ހެޔޮ ވިސްނުމެއް ކިއުންތެރިއަކަށް ލިބި ތެދުމަގު ޚިޔާރުކުރުމަށް އެހީތެރިވެ ދީފިނަމަ މަގްސަދު ޙާސިލް ވީކަމަށް ދެކޭނަމެވެ.              

ޝައިޚްގެ ޚުތުބާ ފެއްޓެވީ ފިތުނައިގެ ތަޢާރުފަކުންނެވެ. އިންސާނާގެވިސްނުމާއި ފިކުރަށް މެދުވެރިވެފައިވާ ފިތުނައެވެ. އަޅުގަނޑުމެންގެ އަޚްލާގާއި ސުލޫކަށް މެދުވެރިވެފައިވާ ފިތުނައެވެ. ކޮންމެ ޢަމަލެއް ހިންގުމުގައި ބޭނުންކުރާ ފިތުނައެވެ. ދީނާ މަޒްހަބާ ދޭތެރޭ އުފައްދާ ފިތުނައެވެ. މިއިން ކޮންމެ ފިތުނައަކީ މުޖުތަމައެއްގެ ކުރިއެރުމާއި ތަރައްގީހުއްޓުވާލުމުގެ ހަގީގަތެވެ. އަޅުގަނޑުމެންގެ އެއްބައިވަންތަކަން ނިގުޅައިގަތުމުގެ އެންމެ މުހިންމު ބައިވެރިޔާއެވެ. ވިސްނުމާ ފިކުރު ހެޔޮ މަގުން އެއްކިބާކޮށް ފަސާދަކުރުމުގެ ހަގީގީ ދައްޖާލެވެ.                                                 

ޝައިޚުގެ ޚުތުބާގެ އަސާސް ބިނާކުރެއްވީ މާތް ނަބިއްޔާގެ ޙަދީސްފުޅުތަކެއްގެ މައްޗަށެވެ. އެއްޙަދީސްފުޅަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ ރޭގަނޑުގެ ކަނު އަދިރިކަމާއި އެއްފަދަ އަދިރިކަމެއްގެ ފިތުނައެއް އުފެދިގެން އަންނާނެ ކަމަށެވެ. އެ ކަނު އަނދިރިކަމުގެ ތެރޭގައި އެއްވެސް އެއްޗެއްގެ އަސްލު ނޭނގޭ މިންވަރަށެވެ. އެ ކަނު އަދިރިކަމުގެ ތެރޭގައި އީމާންކަމުގެ އަހުލުވެރިއަކުވެސް ކާފަރަކު ކަމުގައި ވެދާނެއެވެ. މި ހަދީސްފުޅުގެ ތަފްސީލަށް ވަޑައިގެން ވިދާޅުވިއެވެ. 

ރޭގަނޑުގެ ކަނު އަދިރިކަން ފަދަ އެ ފިތުނައަކީ ކޮބައިކަން ދެނެގަންނާށެވެ. މީގެ ކުރީގައި ފެތުރިފައިއޮތް ފިތުނައަށް ވުރެން މިހާރުގެ ފިތުނައިގެ ނުރައްކާ ތެރިކަން މާބޮޑެވެ. އަދި އަންނަން އޮތް ފިތުނައިގެ ނުރައްކާ މިއަށްވުރެން ބޮޑުވާނެކަމަށް އެ ހަދީސްފުޅ ުތަކުން ދަލީލު ލިބިދެއެވެ.                           

މިސާލު ނަންގަވަމުން އޮޅުން ފިލުވައި ދެއްވިއެވެ. ޒިނޭ އަކީ ޙަރާމްކުރައްވާފައިވާ ކަމެއް ކަމަށާއި އެއިން ދުރުހެލިވާން ޖެހޭކަން އަހަރެމެންނަށް އެނގެއެވެ.  އެކަމަކު މިހާރު ޒިނޭއާ ދޭތެރޭ އެ ފުންމިނަށް ވިސްނުން ގެންގުޅެވެއެކޭ ނުބުނެވޭނެއެވެ. އެއަށްފަހު ދެން ކަންބޮޑުވެ ނަފްރަތުކުރަން ފެށީ އެއްޖިންސުން ގުޅުންހިންގުން އިތުރުވާން ފެށުމުންނެވެ. 

ހުތުރުކަން ބޮޑުވެގެންވާ ފާފައެއްގެ ގޮތުގައި ފާހަގަ ކުރަންފެށީއެއްޖިންސުން ގުޅުން ހިންގުމާ މެދުގައެވެ. މިހާރު މިގެންދަނީ އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނި ކުރުމަކީވެސް އިންސާނުންނަށް ލިބިފައި އޮންނަން ޖެހޭ އަސާސީ ޙައްގެއް ކަމުގައި ބުނަމުންނެވެ. ޒިނޭ ކުރުމާއި އެއްޖިންސުން ގުޅުން ހިންގުމާމެދު ދެކޭގޮތްމާދަމާ ބަދަލުވާނީ ކިހެނެއްކަން ބުނާކަށްވެސް ނޭގެއެވެ.                        

މީގެ ކުރީގައި ރާ ބުއިމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. އެކަމަކު ރާލާއިމެދު އޭރު ދުށްގޮތް އެއްފަރާތް ކޮށްފާ ދެން ތަޢާރުފް ކުރެވުނީ މަސްތުވާން ބޭނުންކުރާ ހިކިއެއްޗެއްސެވެ. މިހާރުގެ ވިސްނުމަކީ މަސްތުވާތަކެތި ބޭނުންކުރުމަކީ ބޭސްފަރުވާ ކުރަންޖެހޭ ނަފްސާނީ ބައްޔެއް ކަމުގައެވެ. ވަކިވަރަކަށް އަތުގައި މަސްތުވާ ތަކެތި ހުރުމަކީ ގިނަ ގައުމު ތަކެއްގައި ކުށަކަށް ނުވެއެވެ. 

އަމިއްލަ ބޭނުމަށްޓަކައި އެމިންވަރަށް އަތުގައި ބެހެއްޓުމަކީ މާ ބޮޑު މައްސަލަ އަކަށްވެސް ނުވެއެވެ. ގިނަ ގައުމު ތަކެއްގައި ރާ އެތެރެކޮށް އޭގެ ވިޔަފާރި ކުރުމާއި ބުއިމަކީ ކުށްވެރިވާ ކަމެއްނޫނެވެ. އެހެންނަމަވެސް މަސްތުވާ ހިކި ތަކެތި ވިއްކުމަކީ ގިނަ ގައުމު ތަކެއްގެ ގާނޫނު އަދިވެސް މަނާކޮށްފައި އޮތްކަމެވެ. ފަހަރެއްގައި އެއިން ސަރުކާރަށް އާމްދަނީ ނުލިބޭތީ ކަމަށްވެސް ވެދާނެއެވެ. މާދަމާ ބަދަލުވެގެން ދާނީ ކޮންއެއްޗަކަށޭ ބުނާކަށް ނޭގެއެވެ.                                      

މީގެ ކުރިން މުސްލިމުންގެ ހިތުގައި އެންމެ މުގައްދިސް މަގާމު ދެވިފައި އޮންނަނީ ދީނަށާއި ގައުމަށެވެ. މިއަދު ފެންނަ މަންޒަރުތަކުއި މި ޝުއޫރު ބަދަލުވެފައިވާ މިންވަރާއި މިހާރު އެންމެ މުގައްދަސް މަގާމުގައި އޮތީ ފައިސާއާއި މާއްދިއްޔަތު ކަމުގައި ދެބަސް ނުވެވޭނެއެވެ.                                     

މީގެ ކުރިން ދޮގުހެދުމުން ދުރުވެގަތުމަކީ މުސްލިމުންގެ އާދައެކެވެ. މިހާރުގެ ބައެއް ޙާލަތުގައި ތިމާގެ މަސްލަޙަތަށްޓަކައި ދޮގުހެދުމަކީ އާންމު ވެއްޖެ ކަމެކެވެ. އަނެކުންގެ ޙައްގުތަކަށް އަރައިގަތުމާއި ގައުމުތަކުގުވެރިން އިންސާފުގެ މަގުތައް ބަންދު ކޮށްގެން ގައުމުގެ ބައިތުލް މާލު ލޫޓުވަމުން ގެންދިއުމަކީ ދިރި އުޅުމުގެ ވައްޓަފާޅި ކަމުގައި ވެއްޖެއެވެ. 

މިފަދަ ހުރިހާ މުންކަރާތެއް ހުއްޓުވުމުގެ އެންމެ ބުރަ މަސްޢޫލިއްޔަތު ކޮނޑުގައި އަޅުވާފައިވާ ގާނޫނު ހަދާ މަޖިލީސްތަކުން ޙަލާލު ޙަރާމް މަސްހުނި ކޮށްލައިފިއެވެ. ޙަރާމް ކަންތައް ޙަލާލުކޮށް ޙަލާލު ކަންތައް ޙަރާމް ކުރަން ގާނޫނީ ހުއްޖަތު ގާއިމްކުރަން ފަށައިފިއެވެ. ޢިލްމުވެރިންގެ ނަޒަރުގައި ސައްޙަމަގަކީ ހަމައެކަނި އޭނާ ދައްކާ މަގު ކަމުގައި ދައުވާކުރެވެން ފަށައިފިއެވެ. އިސްލާމީ އުންމަތަށް މިވަރުގެ ފިތުނައެއް މެދުވެރި ވެފައިވަނީ އަމިއްލަ ޒާތުގައެއް ނޫނެވެ. 

މިއީ ވަރަށް ދުރާލާ ރޭވިގެން ތަންފީޒު ކުރެވެމުން ގެންދާ ޙަރަކާތްތަކެކެވެ. މައްސަލައަކީ އިސްލާމީ އުންމަތުން އެ ދަލުގައި ޖެހި ގައިދުވެފައި ވުމެވެ. ތެދުބަސް ބުނާނެ ހިތްވަރު ނެތިގެން ދިއުމެވެ. މާތްނަބިއްޔާގެ ޙަދީސްފުޅުގައި އެ ވިދާޅުވި ފިތުނައިގެ އަނދިރީގައި އީމާންކަން ވެސް ނެތިދިއުމެވެ.            

މި ނުރައްކާތެރި ފިތުނައިން ސަލާމަތްވެ ރައްކާތެރި ކަމުގެ އައްސޭރިއަކަށް ދިއުމަކީ މިއަދުވެސް މުސްލިމް އުންމަތަށް އުނދަގޫ ކަމެއް ނޫނެވެ. ހަމައެކަނި ކުރަންޖެހޭ ކަމަކީ ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުން ދައްކަވާފައި މަގު އިޚްތިޔާރު ކުރުމެވެ. 

ގުޑުވާ ނުލެވޭފަދަ އަޒުމަކާއިއެކު އެ މަގުގައި ސާބިތުވެ ތިބުމެވެ. އޭރުން ދުނިޔެއާއި އާޚިރަތުގެ ކާމިޔާބާއި ފަލާހުގެ ސީދާ މަގު ކުރިމަތީގައި އޮންނާނީ ހުޅުވިފައެވެ. އެ މަގުން ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތި ނުކުރެވޭނެއެވެ.                                          

ޝައިޚުގެ ޚުތުބާ ނިންމަވާ ލައްވަމުން އިސްލާމީ އަޚްލާގުގެ ރިވެތި ސިފަ ލިބިގެން ކީރިތި ގުރުއާނާއި މާތްނަބިއްޔާގެ ސުންނަތުން ދައްކާފައިވާ ސީދާ ތެދުމަގު ޚިޔާރުކުރުމުން އާޚިރަތުގައި ލިބޭނެ ކާމިޔާބީއަށް ވަރަށް ޚާއްސަގޮތެއްގައި އަލިއަޅުވާ ލެއްވިއެވެ. 

މާތް ނަބިއްޔާ ހަދީސް ފުޅެއްގެ އަލީގައެވެ. މާތް ﷲ ގެ ޙަަޒްރަތުގައި އެފަދަ މީހުންގެ އުޖޫރައަކީ މި އުންމަތުގެ ހަތަރު ޚަލީފާ އިންވެސް ހިމެނޭގޮތުގައި ފަންސާސް އަސްޙާބު ބޭކަލުންގެ ދަރަޖަ ކަމުގައި ވިދާޅުވިއެވެ. 

ކޮންފަދަ މަތިވެރި ދަރަޖައެއް ހެއްޔެވެ؟ ޙާސިލުކުރެވޭތޯ މަސައްކަތް ނުކޮށް ދޫކޮށްލާފައި ތިބެ ދުނިޔޭގެ އަވައިގާ ޖެހިގެން އޮޔާދާންވީތޯ ފައިސަލާ ކުރަންވީ ވަގުތު ފާއިތުވެގެން ދަނީއެވެ. ވިސްނާ ފިކުރުކުރާށެވެ.   

Loading

2 Responses

  1. ވިސްނާ ފިކުރުކޮށް އަޚްލާގާއި އަމަލުތައް ސީދާކުރަން ޖެހިއްޖެއެވެ. ޝައިޚުގެ ހުތުބާ ނިންމާލައްވަމުން އެ އިޗާރާތްކުރެއްވި ދަރުމަ ލިބޭތޯ ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. ހާދަބޮޑު ނިއުމަތެކެވެ. ހާދަ ބޮޑު ކާމިޠާބީއަކަށް ވާނެއެވެ.

  2. ވިސްނާ ފިކުރުކޮށް އަޚްލާގާއި އަމަލުތައް ސީދާކުރަން ޖެހިއްޖެއެވެ. ޝައިޚުގެ ހުތުބާ ނިންމާލައްވަމުން އެ އިޝާރާތްކުރެއްވި ދަރުމަ ލިބޭތޯ ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. ހާދަބޮޑު ނިއުމަތެކެވެ. ހާދަ ބޮޑު ކާމިޠާބީއަކަށް ވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް