އެއްދުވަހަކު ރަސްގެފާނު އެމަނިކުފާނުގެ ޚާދިމަށް ވިދާޅުވިއެވެ. ”މިއަދު އަހުރެން ބަށި ކާ ހިއްވެއްޖެއެވެ“.
ދެން، ޚާދިމު ރަސްގެފާނަށް ދެންނެވިއެވެ. ”އެހެންތޯއެވެ؟ ދެން، އެހެން ނުވާނީ ވެސް ކީއްވެތޯއެވެ؟ މާތްރަސްކަލާނގެ ބަށީގައި ބަރަކާތްލައްވާފައި ވެއެވެ. ބަށި ފިހެގެން ކެވެއެވެ. އަދި، ތެލުތައިގެން ވެސް ކެވެއެވެ. ބަށީގައި ރިހަ ކެއްކެއެވެ. އަދި މަސްހުނި ވެސް ހެދެއެވެ. ބައްޓަކީ އެއްވެސް ސަރުބީއެއް ނުހުންނަ އެއްގަމު މަސްފަދަ އެއްޗެކެވެ. ހުޅުނބެއް، ކައްޓެއް، ނުހުންނަ ކަނޑު މަސްފަދަ އެއްޗެކެވެ!“
ދެން، ރަސްގެފާނު ވިދާޅުވިއެވެ. ”ނަމަވެސް، ކުޑަ ދުވަސް ކޮޅެއް ކުރިން، އަހުރެން ބަށި ކައިގެން ކުޑަކޮށް ބަނޑަށް އުނދަގޫވިއެވެ“.
ދެން، ޚާދިމުކަލޭގެ ދެންނެވިއެވެ. ”އާދެ، ބަށި ދެއްތޯއެވެ؟ މާތްރަސްކަލާނގެ ލައުނަތް ބައްޓަށް ހުއްޓެވެ! އެއީ ކެއުމުން، ބަނޑު ފުފި ބަރުހެލި ކޮށްލައި ލޮޑުކޮށްލާ އެއްޗެކެވެ. އަދި ހަޖަމުކުރަން އުނދަގޫ ވެސް އެއްޗެއް މެއެވެ. އޭގެ މޫނުމަތި ކަޅުވެފައި ހުތުރެވެ“.
ރަސްގެފާނު ވިދާޅުވިއެވެ! ”އަޖައިބެކެވެ! ދެންމެ ކަލޭ ބަށީގެ މޮޅު ވާހަކަދައްކައި އެއަށް ތައުރީފު ކުރިއެވެ. މިހާރު އޭގެ ނުރަނގަޅު ވާހަކަ ދައްކައި އެއަށް ލައުނަތް ދެނީ ހެއްޔެވެ؟ އެކައްޗެއް އެއް ވަގުތެއްގައި ރަނގަޅުވެފައި ނުރަނގަޅުވަނީ ކިހިނެއް ހެއްޔެވެ؟
ދެންރަސްގެފާނަށް ޚާދިމު ދެންނެވިއެވެ. ”ނިކަން ބައްލަވާށެވެ! އަޅުގަނޑަކީ މަނިކުފާނުގެ ޚާދިމެކެވެ. ބަށީގެ ޚާދިމެއް ނޫނެވެ. އެހެންވީމާ މަނިކުފާނު އާނއެކޭ ވިދާޅުވުމުން އަޅުގަނޑު މަނިކުފާނަށް ދަންނަވަން ޖެހެނީ އާދޭހެވެ! މަނިކުފާނު ނޫނެކޭ ވިދާޅުވެއްޖެ ނަމަ އަޅުގަނޑު ވެސް މަނިކުފާނާ އެއްބަސްވެ، ނޫނެކޭ ދަންނަވަން ޖެހެއެވެ. ޙަގީގަތް އޮތް ގޮތާ މެދު ވިސްނައި ހަގީގަތް ހޯދަން މަސައްކަތްކުރުމަކީ އަޅުގަނޑުމެންނާ ބެހޭ ކަމެއް ނޫނެވެ!
އާދެ! އަޅުގަނޑުމެންގެ ތެރޭގައި ވެސް މިފަދަ ބައްޓޭން ހާދަ ގިނައެވެ! އަދި ޚާއްސަކޮށް މިދުވަސްވަރު ބައްޓޭން ފެންނަލެއް ވަކިން ގިނަވެއްޖެއެވެ. މިބަށީގެ ވާހަކަ ހަދާނުގައި ބަހަށްޓަން އެބަޖެހެެވެ.
ނިމުނީ – ލިޔުމަކީ ސަންދާނުގެ ވާހަކަ ކޮލަމްއަށް ލިބިފައިވާ ލިޔުމެކެވެ.
One Response
އަޅުގަނޑުމެންގެ މައްސަލައަކީ މިއީއެވެ. އަޅުގަނޑުމެންނަށް ފެންނަ ރަނގަޅުގޮތާއި ބޭނުންވާގޮތް ހާމަކުރެވެން ޖެހޭނެއެވެ. އަޅުންގެ ޚާދިމުންނަށް ވުން ރަންނަމާރިއަށް ހެދިގޮތް ހަދަން ވެއްޖެއެވެ.