ޔޫކްރެއިން އާއި ރަޝިޔާގެ ހަނގުރާމަ ޔޫރަޕް އަދި އެމެރިކާ ދެކޭގޮތް 

Loading

Facebook
Twitter
WhatsApp

1940 ގެ އަހަރުތަކުގައި ޖަރުމަނުގެ ލަޝްކަރުތައް ހުއްޓުވުމުގެ ބާރެއް ޔޫރަޕްގެ ގައުމުތަކަށް ލިބިފައެއްނެތެވެ. އޮސްޓްރިއާ ޕޮލޭންޑް ޑެންމާރކް ނޯރވޭ ދަ ނެދަރލޭންޑްސް ބެލްޖިއަމް ލަގްޒެމްބާރގް އަދި ފަރަންސޭސިވިލާތް އޮތީ ޖަރުމަނުންގެ ބާރުގެ ދަށުގައެވެ. އިނގިރޭސިވިލާތުގެ ކުރިމަތީގައިއޮތީ ގޮތްނޭގޭ ވަރަށް އަދިރި ދުވަސްތަކެކެވެ.

 ”ޑިމޮކްރެސީ ވަޅުލެވިއްޖެއެވެ. “ މިއީ ފަރަންސޭސި ވިލާތް ޖަރމަނުންގެ އަތްމައްޗަށް ވެއްޓެމުން ދިޔައިރު އެދުވަސްވަރުގެ ޙާލަތު  އެމެރިކާގެ ރައީސް ފްރޭންކްލިން ޑީ. ރޫޒްވެލްޓަށް ބަޔާންކޮށް ދިނުމަށްޓަކައި އިނގިރޭސިވިލާތުގައި ހުންނެވި އެމެރިކާގެ ސަފީރު  ޖޯސެފް ކެނެޑީ ބޭނުންކުރެއްވި އިބާރާތެވެ. 

ވިންސްޓަން ޗާރޗިލް ކަހަލަ ވަރުގަދަ ސިޔާސީ ތަޖްރިބާކާރަކާ އެކުގައިވެސް އިނގިރޭސި ވިލާތް ޖަރުމަނުންގެ އަތްދަށުން ސަލާމަތް ވެވިދާނެކަމަށް އަހަރެމެންގެ ތެރޭން ވަރަށް މަދުމީހަކު މެނުވީ ގަބޫލު ނުކުރާކަމަށް އެމެރިކާގެ އޭރުގެ ޚާރިޖީ ވުޒާރާގެ އަންޑަރސެކްރެޓަރީ ސަމަރ ވެލެސް ވިދާޅުވިއެވެ. މިއީ އިލްމީގޮތުން ބަހުސްކުރޭކަހަލަ ޙާލަތެއް ނޫނެވެ. މިކަހަލަ މާޔޫސީ ވިސްނުން ބައެއްފަހަރު އިންސާނުންނާ ކުރިމަތި ކުރުވާނެއެވެ. 

މި ވިސްނުމުގައި ކެނެޑީ އާއި ބައެއް އެހެން ބޭފުޅުންގެ ނަޒަރުގައި އިނގިރޭސިވިލާތަށް އޮތް އެންމެ މޮޅުގޮތަކީ ޖަރުމަނުންނާއެކު ސުލްޙައެއް ގާއިމް ކުރުމެވެ. މިއީ އިނގިރޭސީންނަށް ދިރުވާލަން ވަރަށް ހިތިބޭހަކަށް ވާނެއެވެ. އެހެންނަމަވެސް ހަނގުރާކޮށްގެން ބަލިވުމުން ލިބޭ ނިކަމެތިކަމަށްވުރެން ހިތިކަން ކުޑަވާނެއެވެ. އެމެރިކާއިން ދެކޭގޮތުގައި ޗާރޗިލް އަދި އޭނާގެ ގައުމުގެ މީހުންވެސް މިކަން ގަބޫލުކުރަން ޖެހޭނެއެވެ.         

މާޒީ އިއާދަވަނެކަމަށް ބުނާބުނުމަކީ މުޅިން ތެދެއް ނޫނެވެ. ބައެއްފަހަރު އެހެން ގޮތްގޮތަށްވެސް ދިމާވެފާ ހުންނާތީ ފެނެއެވެ. ރަޝިޔާ ޔޫކްރެއިން ހަނގުރާމައަކީ މީގެ ފާޅުކަންބޮޑު ހެއްކެއް ކަމުގައި ބުނެވިދާނެއެވެ. ދެކިބަލާށެވެ. މި ހަނގުރާމައިގާ ލިބެމުންދާ ގެއްލުންތަކާއި މަރުވެ ނުކުޅެދިގެންދާ އިންސާނުންތަކާއި އެއްވެސް ބައިވެރިވުމެއ ނެތް ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުންގެ ޙައްގުގައި ވަކާލާތު ކުރަމުންގެންދާ ދުނިޔޭގެ އެންމެބާރުގަދަ ވެރިން ރަޝިޔާއާއިއެކު ޔޫކްރެއިނުން ސުލްޙައެއް ގާއިމްކުރަން ބާރުނާޅަނީ ކީއްވެގެންހެއްޔެވެ؟  

ދެވަނަ ބޮޑުހަނގުރާއިގެ ދުވަހު އިނގިރޭސިވިލާތުގެ ޙާލަތާ އަޅާކިޔާނެކަމެއް ނެތެވެ. ތެދެކެވެ! އެމެރިކާއާއި އެ ގައުމުގެ ބައިވެރިން ރަޝިޔާއާއި ދެކޮޅަށް ގިނަ އިގްތިސާދީ ހުރަސްތަކެއް ކުރިމަތި ކޮށްފިއެވެ. ރަޝިޔާގެ ތެޔޮ އެތެރެކުރުން މި ވޭތުވެދިޔަ ދުވަސްކޮޅުގެ ތޭރޭގައި ޔޫރަޕްގެ އިއްތިޙާދުން ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މަދުކޮށްފިއެވެ. ހަމަ އެއާއެކު މީގެ ކުރިން ހީވެސް ނުކުރެވޭ މިންވަރަކަށް އެމެރިކާއާއި ބައިވެރިންގެ އެފަރާތުން ޔޫކްރެއިނަށް ހަތިޔާރު ލިބެމުން އެބަދެއެވެ. އެހެންނަމަވެސް ޔޫކްރެއިނަށް ސަޕޯރޓްކުރާކަމަށް އެބުނާގައުމުތަކުން އެމީހުންގެ ކަންބޮޑުވުން ފާޅުކުރަމުންގެންދާ މިންވަރަށް ޙަގީގަތުގައި އަމަލުންވެސް އެކަން ސާބިތުކޮށްދޭ ބާވައެވެ؟   

ދާދި މިދާކަށް ދުވަހު ބްރަސެލްސްގައި އޮތް ޔޫރަޕިއަންޔުނިޔަންގެ ބައްދަލުވުމުގައި ޖަރުމަނުގެ އިގްތިސާދާބެހޭ ވަޒީރު އިންޒާރު ދެއްވިގޮތުގައި ޔޫރަޕިއަން ޔުނިއަންގެ ގައުމުތަކުގެ އެއްބައިވަންތަ ކަންވެސް  އަރިއަޅާލަމުން ދާތަން އެބަ ފެނެއެވެ. އެއްވެސް ގޮތަކަށް ކަނޑުމަގެއް ލިބިފައިނުވާ ހަންގޭރީގެ ބޮޑުވަޒީރު އޭނާގެ ގާތް ރަޙްމަތްތެރިޔާ ޕުޓިން ދިފާއުކުރައްވާއި ވާހަކަ ދެއްކެވިއެވެ. އަދި މިހާރު އަޅާފައިވާ ޕައިޕްލަން މެދުވެރިކޮށް ރަޝިޔާގެ ތެޔޮ ސަޕްލައި ކުރުން މަނާނުކުރަން ގައުމުތަކުން އެއްބަސްވެވުނެވެ. 

ނަތިޖާއަކަށް ވެގެން މިދަނީ ރަޝިޔާގެ ތެޔޮ ތަންކޮޅެއްމަދުންނަމަވެސް ޔޫރަޕްގެ ގައުމުތަކަށް އެތެރެކުރެވި ރަޝިޔާގެ އިގްތިސާދުގެ ތެރެއަށް ފައިސާވަނުމުގެ ދޮރު މުޅިން ނުހުށްޓި ހުރުންތާއެވެ. ދެން އޮތީ ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމުގެ މައްސަލައެވެ. ރަޝިޔާއިން އެ ގެންދަނީ މަޑުމަޑުން ކުރިއެރުންތައް ހޯދަމުންނެވެ. މަރިއާޕޯލު ފަތަހަކުރުމުގެ ކުރިން އެ ޝަހަރު އެއޮތީ ވީރާނާ ކޮށްލާފައެވެ. އަދި މިހާރު އަތުލައިފާވާ ޑޮންބަސް ސަރަހައްދުގެ ކޮންޓްރޯލް ވަރުގަދަކުރުމުގެ ގޮތުން ސެވްރޯޑޮނެސްކަށް އަރައިގަތުމުގައިވެސް އެގެންދަނީ ހަމަ އެ އުކުޅުގެ ބޭނުންކުރަމުންނެވެ.         

ޔޫކްރެއިންގެ ރައީސްގެ އެތައް އާދޭހަކާއެކު ކުޑަދުވަސްކޮޅެއްކުރިން ރަޝިޔާއަށް ޙަމަލާ ދިނުމަށްޓަކައި ދުރުރާސްތާގެ މިސައިލް އެމެރިކާއިން ޔޫކްރެއިނަށް ފޮނުވާދީފާނެކަމަށްވެސް ބެލެވުނެވެ. އެހެންނަމަވެސް ބައިޑަން ސަރުކާރުގެ ސިޔާސަތާއިއެއްގޮތްވާގޮތުގެ މަތިން ރަޝިޔާގެ އެތެރެއަށް ޙަމަލާދެވޭވަރުގެ މިސައިލް ސިސްޓަމެއް އެމެރިކާއިން ޔޫކްރެއިނަށް ނުދޭނެކަމަށް މިހާރު ނިންމައިފިއެވެ. 

އަދި މިއީ ޕޮލެންޑުން ޔޫކްރެއިނަށް ފޮނުވަން އުޅުނު  ޕޮލިޝް މިގް-29 މަރުކާގެ ހަނގުރާމަމަތީ ޖެޓުތައް ފޮނުވުން އެމެރިކާއިން ހުއްޓުވިފަދަ ފިޔަވަޅެއް ކަމުގައިވެސް އެމެރިކާއިން ބުނެއެވެ. ވީމާ ރައީސް ޕުޓިންގެ އިންޒާރު ބައިޑަން ކަންފަތްފުޅުގައި ހަރުލައި ހުރިކަމަށް ބެލެވެއެވެ. ”ރަޝީޔާއަށް ޙަމަލަދޭން އެހީވާބަޔަކީ މިހަނގުރާމައިގެ ބައިވެރިއެކެވެ. އަދި އެފަދަ ބައިވެރީންނަށް އެކަށީގެންވާފަދަ ފިލާވަޅެއް ދެވިގެން ދާނެއެވެ.“ ފުޓިން ވިދާޅުވެފައިވެއެވެ.                                                      

ޔޫރަޕްއާއި އެމެރިކާގެ އަމަލުތައް ހުރިގޮތުން ރައީސް ޕުޓިން އަށް އެމީހުން ބޭނުންވާގޮތް އަންދާޒާ ކުރެވޭހެން ހީވެއެވެ. ފަރަންސޭސި ރައީސް މެކްރޯން އާއި ޖަރުމަނުގެ ޗާންސެލަރ އޯލަފް ޝޯލްޒް އާއިއެކު ފޯނުންވާހަކަ ދެއްކެވުމުގައި ޕޫޓިން ހޭދަކުރެއްވި 80 މިނިޓުގެ ތެރޭގައި ރަޝިޔާއިން ޔުކްރެއިނާއެކު ސުލްހައި އެއްބަސް ވުމަކަށް ބާރު އަޅުއްވައި އެބޭފުޅުން ވާހަކަ ފުޅު ދެއްކެވުމުން ރަޝިޔާއިން މިހާތަނަށް ހިފައިފާ ބިންތައް އަނބުރާދިނުމަށް ނުސީދާގޮތެއްގައި ބާރު އަޅުއްވަނީކަން ޕޫޓިންނަށް ވިސްނިވަޑައިގަތް ކަހަލައެވެ. ހަމައެފަދަ އެއްބަސްވުމަކަށް އައުމަށް ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުންވެސް ފާޅުގައި ގޮވަމުން ދާން ފަށައިފިއެވެ. 

އެހެންނަމަވެސް 2014 ވަނައަހަރުންފެށިގެން ރަޝިޔާގެ ބާރުގެ ދަށަށްގެނެސްފައިވާ ޔޫކްރެއިންގެ ސަރަހައްދުތައް އަނބުރާ ދޭންޖެހިދާނެ އެއްބަސްވުމަކަށް ރަޝިޔާ ރުހިދާނެކަމަކަށް ނުބެލެވެއެވެ. އަދި ރަޝިޔާއިން ކުރަމުން ގެންދާހަނގުރާމަ ހީކުރިވަރަށް އަވަހަށް ކާމިޔާބު ކުރެވެމުން ނުދިޔަސް ރަޝިޔާގެ ބާރާމެދު ޝައްކު ނުކުރެވޭނެއެވެ. އަދި ޔޫކްރެއިނަށް ބޭނުންވާ ހަތިޔާރު ފޮނުވާދިނުމުގައި  ފަރަންސޭސިންނާއި ޖަރުމަނުން ފަހަތުފަޔަށް ބަރުވަމުން ދިއުމުގައިވެސް ސިއްރުތަކެއް އޮންނާނޭކަން ކަށަވަރެވެ.             

ޔޫކްރެއިންގެ ރައީސް ޒެލެސްކީ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ހަނގުރާމަ ކާމިޔާބު ކުރައްވާނެ ކަމުގައެވެ. އޭނާއަށް ބޭނުންވަނީ ދުޝްމަނުންނާ ޙަމަލާދިނުމުގެ ގާބިލު ކަމެވެ. ހަތިޔާރެވެ. ޔޫކްރެއިނުން މިހަނގުރާމަ ކާމިޔާބުކުރާނެކަމަށްބުނާބުނުމަކީ އެމީހުންނަށް އޮތް ޔަގީންކަމެއްގެ މައްޗަށްބުރަވެ ތިބެ ބުނާ ބުނުމެއްނޫނެވެ. ޔޫކްރެއިންގެ ރައީސް އެ ބޭނުންފުޅު ކުރައްވަނީ ދެވަނަ ބޮޑުހަނގުރާމައިގާ އިނގިރޭސީންނަށް ވިސްނާ  ދިނުމަށްޓަކައި  އޭރުގެ އިނގިރޭސިބޮޑުވަޒީރު ވިންސްޓަން ޗާރޗިލް ބޭނުންކުރެއްވި ފަލްސަފާއެވެ. 

ފުރަތަމަކަމަކީ ކާމިޔާބީ ލިބޭނެކަން ރައްޔިތުންގެ ސިކުނޑީގައި އަށަގެންނެވުމެވެ. ހަމައެއާއެކު ހަނގުރާމަ ކުރުމަށްޓަކައި ބޭނުންވާ ހަތިޔާރު އެމެރިކާއާއި އެހެން ގައުމުތަކުން ހޯދުމެވެ. ރައީސް ޒެލެންސްކީ ކޮމެޑިއަންނެކެވެ. ޒެލެންސްކީ ގަބޫލުފުޅު ކުރައްވާ ގޮތުގައިވެސް ކާމިޔާބާއި ނާކާމިޔާބުގައި ތިމަތިމާމެންގެ ވިސްނުން ބޮޑު ޙިއްސާއެއް އަދާކުރެއެވެ. އަދި އެއީ ތިމަތިމާމެންގެ ބޭނުންތަކާއި ޙާލަތާވެސް ގުޅި ލާމެހިފައިވާ އެއްޗެކެވެ. ހަމަ އެއާއެކު ކާމިޔާބީ ޙާސިލު ކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ލިބިފައިހުންނަން ޖެހޭނެއެވެ. 

އަތްއުރާލައިގެން ތިބުމަކުން ކާމިޔާބީއާ ހަމަޔަކަށް ނުދެވޭނެއެވެ. ޒެލެންސްކީ ދެކިވަޑައިގަންނަވާ ގޮތުގައި ރަޝިޔާ އާއިއެކުގައި މިހާރު ވެވޭ ކޮންމެ އެއްބަސްވުމަކީ އެހެން ހަނގުރާމައަކަށް މަގުފަހިކޮށްދިނުމެވެ. އަދި ރަޝިޔާގެބާރުގައި ތިބެންޖެހޭ ޔޫކްރެއިންގެ ރައްޔިތުންނަށް ޖެހޭނީ މެދުކެނޑުމެއް ނެތްގޮތުގައި އަނިޔާއާއި ޖިންސީ ޝިކާރައާއި މަރާއި ކުރިމަތިލާށެވެ. ސަބަބަކީ ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައިގަތުމުގައި ޕުޓިންގެ އަމާޒަށް އަދިވެސް ވާސިލު ނުވެވޭކަމަށް ދެކެވަޑައިގަންނަވާތީ ކަމުގައެވެ.

އިނގިރޭސި ވިލާތުގެ ދިފާޢީ ވުޒާރާއިން ހާމަކުރަމުންގެންދާގޮތުގައި ރަޝިޔާ ސިފައިންގެ ލަޝްކަރުތަކަށް ބޮޑެތި ގެއްލުންތައްލިބި އެ ލަޝްކަރުތައް މިހާރު އަންނަނީ ބަލިވަމުންނެވެ. އަދި އިގްތިސާދީ ގޮތުންވެސް ރަޝިޔާއަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން އޮތީ ޖެހިފައެވެ. އިގްތިސާދީ ގޮތުން ފުންނާބު އުސް ގިނަ ބޭފުޅުން ދެކިވަޑައިގަންނަވާގޮތުގައި ޕުޓިންގެ އަމާޒުހުރިގޮތުން ރަޝިޔާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ދާނީ އިތުރަށްގޯސްވަމުންނެވެ. އެކަމަކު އެއީ ވަޢުދާ އެއްގޮތަށް ޔޫރަޕާއި އެމެރިކާއިން ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދޭނަމައެވެ. އޭގެ ބަދަލުގައި ރަޝިޔާއާއިއެކު ޔޫކްރެއިނުން އެއްބަސްވުމެއް ގާއިމުކުރަން ބާރުއަޅާނަމަ އެއީ ޔޫކްރެއިން އަމިއްލައަށް މަރުވުމަށް ދައުވަތު ދިނުން ކަހަލަ ކަމެކެވެ. ނަމަވެސް ރަޝިޔާގެ އިކޮނޮމީއަށް އެފަދަ ގެއްލުންވަމުންދާތަނެއް ނުފެނެއެވެ. ހަނގުރާފެށި ފަހުން ފިއްތުންތަކާއި އެކުވެސް ރަޝިޔާގެ ފައިސާގެ އަގު ވަނީ 30% މައްޗަށް ޖެހިފައެވެ.                                         

އަމިއްލަ ޙައިސިއްޔަތުން ޔުކްރެއިންގެ ލަޝްކަރުތަކާއެކު ރަޝިޔާއާއި އިދިކޮޅަށް ހަނގުރާމައިގާ ބައިވެރިވާ އިނގިރޭސި ވިލާތުގެ މަޖިލީހުގެ މެމްބަރ ހެލެން ގްރާންޓް ގެ ފިރިހެންދަރި ބެން ގްރާންޓް އިސްވެހުރެ ދިން ޙަމަލާއެއްގައި ޗެޗްނިޔާއަށް ނިސްބަތްވާ ސިފައިންގެ އިސް ކޮމާންޑަރަކު އަވަހާރަކޮށްލެވިފައިވެއެވެ. މިކަމާ ގުޅޭގޮތުން ޗެޗްނިޔާއިން ބުނަނީ އެ ގައުމުގެ މީހެއްގެ ލޭ އޮހޮރުވާލުމަކީ މަޢާފް ކުރެވޭނެ ކަމެއްނޫން ކަމުގައެވެ. އަދި ބެން ގްރާންޓްގެ އުމުރުގެ ބާކީ  އޮތްދުވަސްތައް ދެން  ހޭދަކުރަންޖެހޭނީ މަރަށްފިލަން ދުވުމުގައެވެ.

ކޮންމެ ހަނގުރާމަޔަކީ ފަނާކުރުވުމެކެވެ. ހުރިހާ ނިކަމެތިކަމަކާއި ހިތްދަތިކަމެއް ލިބެނީ ދެފަރާތުގެ ރައްޔަތުންނަށެވެ. ހަނގުރާމަ މާދަމާ ހުށްޓުވުނަސް ދެފަރާތުގެ ފަނާކުރަނިވި ވެރީންނަކީ ސުލްޙަގައިމުކުރެއްވި ހީރޯއިންގެ ގޮތުގައި ލިޔާނެއެވެ. ނަމަވެސް ދެފަރާތުގެ ނިކަމެތި ރައްޔަތުން ތިބޭނީ އަބަދަށް ވިއްސިވިހާލިވެ އެތަންމިތަނުގައި ރެފިއުޖީންގެ ގޮތުގައެވެ.                        

Loading

2 Responses

  1. މިލިއުމުގެ އެންމެ ފަހު ތިންޖުމުލައަށް ތަޢުރީފް ކުރަމެވެ. ކޮންމެ ހަނގުރާމައެއްވެސް ކާމިޔާބުކުރާނީ ވެރިންގެ މޮޅުވިސްނުމުންނެވެ. އެ މޮޅު ވިސްނުމުގައި ވިއްސިވިހާލިވެގެންދާނީ ގައުމުގެ ރައްޔިތުންނެވެ. ވީރާނާވެގެން ދާނީ މުޅި ގައުމެވެ. ވެރިންތިބޭނީ ބައިސާކަނޑަށް ބޮޑުގޮޑީގައެވެ. ޔޫކްރެއިންގެ ހަނގުރާމަ ދިގުލައިގެން ދިއުމަކީ މުޅިދުނިޔެއަށްވެސް ނުރައްކަލެކެވެ. އެކަން އެގޮތަށް ބޭނުންވާ މީހުންނަކަށް މައްސަލައެއްނޫނެވެ.

    1. އަސްލުވެސް ތެދެކެވެ. އެހެނަށް ދުނިޔޭގެ ހަމަޖެހުމަށް ލޯބިކުރާކަމަށް ހެދިގެން ބޮޑު ހަނގުރާމައެއް ހިންގާނުލާ އެމެރިކާއައި ނޭޓޯއަށްވެސް ނިންޖހެއް ނާންނާނެއެވެ. ބަލާލަ އިރާގު ލީބިޔަ ޔަމަން އަފްގާނިސްތާނު ސިރިއާ ވިއެޓްނާމު ހިރޯޝިމާ ނަގަސާކީ ގައި އެމެރިކާއާއި ނޭޓޯގެ ފަނާކުރަނިވި އަނިޔާ. އެވާހަކަ ދައްކާނެ މީޑިއާއެއްވެސް ނެތްކަހަލައެވެ. ވަރަށް ދެފުށްދޮގޮތް ބައިގަނޑެއް އުޅޭ ދުނިޔެއެކެވެ. މިގައުމުގެ ޙަލަތުވެސް ހަމަ އެފަދައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް