އައިޖީއެމްއެޗްގައި މަސައްކަތްކުރަމުން އައި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައާއި ގުޅިގެން އޭނާގެ ފިރިމީހާގެ ދިވެހި ލޯބިވެރިޔާ މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ނަރުސް މީހާގެ މަރާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 24 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި އަންހެން މީހާ އާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މޭރީ މަރުވި ވަގުތު އޭނާގެ ދަރިފުޅު ހުރީ ދިވެހި އަންހެންމީހާގެ ކައިރީގައެވެ.
މި އަންހެންމީހާ ހައްޔަރުކޮށްފައިވާއިރު ނަރުސް މީހާގެ ފިރިމީހާ ވެސް ހުރީ ހައްޔަރުކޮށްފައެވެ.
މޭރީ އަމިއްލައަށް މަރުވި ކަމަށް އޭނާގެ ފިރިމީހާ ބުނެފައިވާއިރު އެ މަރުގައި ޝައްކުތަކެއް އުފެދި އެ މައްސަލަ ފުލުހުން ބަލަން ފެށީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.
މޭރީގެ މަރުގެ ހަގީގަތް ހޯދަން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާފައިވާއިރު އޭނާގެ މަރާއިމެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.
މޭރީ މާލޭގައި އުޅެމުން ދިޔައީ ފިރިމާހާއާއި އަދި ފަސް އަހަރުގެ ދަރިފުޅާ އެކުގައެވެ. ފިރިމީހާ އަކީ ވެސް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހެކެވެ. މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައީ ވެސް އޭނާގެ ފިރިމީހާއެވެ.