މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި މިއަދު ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗުން 1-2 ގެ ނަތީޖާ އިން ބަންގްލަދޭޝް މޮޅުވެއްޖެއެވެ.
މި ބައްޔާއެކު ރާއްޖެއަށް މުބާރާތުގައި ކުރިއަށް ދިއުމުގައި ބޮޑު ހުރަހަކާ ކުރިމަތިލާން ޖެހުނު އިރު، މި މެޗަކީ 2003 ވަނަ އަހަރަށްފަހު ބަންގަލްދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހެރެވެ.
ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގައި މި ދެ ޓީމުވެސް ކުޅުނު ފުރަތަމަ މެޗުން ވަނީ އެއްވަރުވެފައެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ލަންކާ އަތުން އެއްވަރުވީ 4-4 ގެ ނަތީޖާއަކުންނެވެ. ބަންގްލަަދޭޝް އެއްވަރުވީ ސީޝެލްސް އަތުން 1-1 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން މުބާރާތުގައި ކުރިޔަށްދިއުމަށް ދެ ޓީމަށްވެސް މިއީ މުހިއްމު މެޗެކެވެ.
ރާއްޖެ އަށް ފައިނަލުގެ ޖާގައެއް އޮތީ ފަހު މެޗުގައި ސީޝެލްސް އަތުން ބޮޑު ތަފާތަކުން މޮޅުވެ، ބަންގްލަދޭޝް އާއި ލަންކާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. އެކަމަކު، މިރޭ ލަންކާ އިން ސީޝެލްސް ބަލިކޮށްފިނަމަ ފަހު މެޗުގައި ބަންގްލަދޭޝް އާއި ލަންކާ އެއްވަރުކޮށްލައިގެން އެ ދެ ޓީމަށް ފައިނަލް ކުޅެވޭނެ އެވެ.
މިއަދުގެ މެޗު ފަށައިގެން ބަންގްލަދޭޝްއިން މޮޅަށް ކުޅުނު އިރު، މެޗުގެ ކުރީކޮޅު ލިބުނު ފުރުސަތެއްގައި އެ ޓީމުން ވަނީ ލީޑު ނަގައިފައެވެ. އެ ޓީމުގެ ކުޅުންތެރިއަކު އެއްލި ބޯޅައެއް ރާއްޖޭގެ ޑިފެންޑަރު ހުސެއިން ޝިފާއު ޔޫސުފް (ކުރޯ)ގެ ބޮލުގައި ޖެހިފައި ގޮސް ލިބުނީ ހުސްކޮށް ހުރި ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާންއަށެވެ. އޭނާ އެއްފަހަރުން ގޯލަށް ވަނީ ބޯޅަ ވައްދާލައިފައެވެ.
ބަންގްލަދޭޝް ލީޑެއް ނަގާފައިވަނިކޮށް ރާއްޖެއިން ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އަލީ އަޝްފާގު (ދަގަނޑޭ) ނަގައިދިން ކޯނަރެއްގައި އޭރިއާ ތެރޭގައި ހުރި ކެޕްޓަން އަކްރަމް އަބްދުލްޢަނީ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއްގައި މުހައްމަދު އުމެއިރު ފަސޭހަކަމާއެކު ކާމިޔާބުކުރި ލަނޑެކެވެ.
އޭގެ ފަހުން ދެވަނަ ހާފްގައި ރާއްޖޭން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ރާއްޖޭގެ އަކޫ އަތުން ގެއްލުނު ބޯޅައެއް ހޯދައި ބަންގްލަދޭޝް އިން ކައުންޓަ އެޓޭކެއްގައި ކުރިއަށް ޖެހިލި ބޯޅައެއްގައި ރާއްޖޭގެ ކީޕަރު އަލީ ނާޖިހު (ނާޖީ) ކުރި ފައުލަކަށް ވަނީ ޕެނަލްޓީއެއް ދީފަ އެވެ. އެ ޕެނަލްޓީން ބަންގްލަދޭޝްގެ އިތުބާރު ޑިފެންޑަރު ޓޯޕޫ ބަރްމަން ވަނީ ކާމިޔާބުކޮށް އެ ޓީމަށް އަލުން ލީޑުނަގައިދީފަ އެވެ.