ލޯބީގެ މަންޒިލު-10

Loading

Facebook
Twitter
WhatsApp

http://sandhaanu.today/16163/ އާ ގުޅޭ

”ކޮން ކެތްތެރިކަމެއް ނެތް ވާހަކައެއް ތި ދައްކަނީ؟“ ޓެކްސީ ޑްރައިވަރު ހިސާބަކަށް ނުރުހިފައި ބުންޏެވެ. ”އަހަންނަކީ ސަލާން ޖަހާ މީހެއްނޫން! އަހަންނަށް ދޭންވީ އަހަރެން ކުރި ދަތުރުގެ އަގު.“

”ޓެކްސީ ދަތުރުގެ ކުލި ހޯދުމުގެ ބޭނުމުގައި މާތް މީހެއްގެ އަތުގައި އޮޅުލަން ޖެހޭތަ؟“

”އެއްވެސް މީހެއްގެ ނިތްކުރީގައި މާތް މީހެކޭ ލިޔެފައެއް ނޯވޭ.“ ޑްރައިވަރު ރުޅިވެރިކަމާއެކު ބުންޏެވެ. ”މަށަކީ ޓެކްސީ ދުއްވާ މީހެއް. މަށަކީ ކަލޭމެންގެ އަޅެއްނޫން!“

”މަގޭ އަތުން ދޫކޮށްލާ! އެހެން ނޫނިއްޔާ އެންމެ އެތިފަހަރަކުން ކަލެއަށް ދުވާލު ތަރި ފެންނަވަރު ކޮށްފާނަން.“

”ވަރަށް ގިނަ އިރު ބޭކާރު އަނގަ ތެޅިއްޖެ.“ ޓެކްސީ ޑްރައިވަރު ރުޅިގަނޑު މަތަކުރަމުން ބުންޏެވެ. ”ކަލޭ ޓެކްސީގެ ކުލި ދޭނަންތަ؟ ނޫނީ ނުދޭނަންތަ؟“

”ކޮން ކުއްޔެއް؟“ ކުއްލިއަކަށް އަންހެން ކުއްޖަކު ސުއާލުކުރި އަޑު އިވުނެވެ.

ސަރޫޕު އެނބުރި އަންހެން ކުއްޖާއާ ދިމާއަށް ބަލާލާފައި ބުންޏެވެ.

”ކަލޭމެން އައީ ރެސްޓޯރެންޓުގައި ދަބަސް ބާއްވާފައި. އެތަނުގައި ހުރި ވޭޓަރު ބުނެގެން ޓެކްސީއެއްގައި އަހަރެން މި އައީ އެ ދަބަސް ހިފައިގެން. އެކަމަކު ޓެކްސިއަށް ދޭނެ ފައިސާއެއް އަހަރެންގެ އަތަކު ނެތް.“

”ޓެކްސީގެ ކުލި ދޭށޭ ނުބުނެ އަހަރެން ހިމޭނުން ހުންނަން ވީތަ؟ ކުލި ނުދީ ކިތައް މީހުން ފިލައި ރައްކާވާކަން ކަލެއަށް އެނގޭތަ؟“ ޑްރައިވަރު ނުރުހިފައި ބުނެލިއެވެ.

”ތި ދައްކަނީ ކޮން ކުއްޔެއްގެ ވާހަކައެއްތަ؟“ އަންހެން ކުއްޖާ ފުންކޮށް ވިސްނާލާފައި ސުއާލު ކުރިއެވެ.

”އަހަރެންގެ ޓެކްސީން ދަތުރުކުރުމުގެ ކުލި. އަދިވެސް ނޭނގޭތަ؟“

”ކޮން ދޮގެއް ހަދާކަށް؟“ އަންހެން ކުއްޖާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ. ”ކަލޭ ތި އުޅެނީ އެހެން ނިޔަތެއްގައި.“

ޑްރައިވަރު ނިކަން ރުޅިވެރިކަމާއެކު ބުންޏެވެ.“ތި ބުނަން އުޅޭ އެއްޗެއް ނިކަން ސާފުކޮށް ބުނެބަލަ!“

”މި ބުނަނީއެއްނު! ޓެކްސީގެ ކުލި ދޭން އުޅެނިކޮށް އަހަރެންގެ ދަބަސް ބިންމައްޗަށް ވެއްޓުނު ތަން ކަލެއަށް ފެނުނީ. ދަބަހުގައި ފައިސާ ހުރިކަން އެނގުމުން ކަލޭގެ ހިތުގައި ދަހިވެތިކަން އުފެދިގެން ތިއުޅެނީ ދަބަސް ޖަހައިގަނެގެން ރައްކާވާން. ކަލޭ ހިފަހައްޓައި ހައްޔަރުކުރީ މިހިރަ މާތް ޒުވާނާ.“

”ތީ ހަގީގަތާ ޚިލާފު މުޅިން ދޮގު ވާހަކައެއް.“ ޑްރައިވަރު ވަރަށް ކަންބޮޑުވެފައިވާ އަޑަކުން ބުނެލިއެވެ.

”މިއީ ހަގީގަތެއްކަން ނުވަތަ ނޫންކަން ބަލާނީ ފުލުހުން.“ އަންހެން ކުއްޖާ ސަރޫޕު ގާތު ބުންޏެވެ. ”އަހަރެން އަންނާނަން ފޯނުކޮށް ފުލުހުންނަށް އަންގާފައި. ތިކަލޭގެ ދިޔަނުދީ ހިފަހައްޓާތި!“

ޑްރައިވަރު ހާސްވެ ކަންބޮޑުވާގޮތް ވެއްޖެއެވެ. އަދި ވަރަށް ދެރަވެފައި ބުންޏެވެ. ”ތިއުޅެނީ ކުށެއް ނެތް މީހަކަށް ވަރަށް ބޮޑު އަނިޔާއެއް ކުރަން.“

”ހިމޭނުން ހުރޭ! ހަނދާން ކުރާތި! ފިލަން އުޅެފިއްޔާ ހަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ދާންޖެހޭނެ. އަހަންނަކީ ކާކުގެ ދަރިއެއްކަން ކަލެޔަށް ތިއުޅެނީ އަދި ނޭނގިގެން.“ ”ބައްލަވާ އަޅުގަނޑުގެ ކުށަށް މައާފުކޮށްދެއްވާ! މާތް ރަސްކަލާންގެ ރަސްކަންފުޅަށްޓަކައި ތިޔަހެން ނުހައްދަވާ!“ އޭނާ ނިކަމެތިވެ އާދޭސް ކުރަން ފެށިއެވެ.

ސަރޫޕުގެ ހިތަށް ކުލުނާއި ހަމްދަރުދީގެ ޝުޢޫރުތައް ވަނުމުން ބުންޏެވެ. ”އެއީ ތެދެއް. އޭނާއަކީ ފަގީރެއް. ނިކަމެއްޗެއް. ފުލުހުންނަށް އަންގައިފިއްޔާ ފުލުހުން އައިސް ކަމަކާ ނުލާ އޭނާއަށް އުނދޫ ކުރަން ފަށާނެ. އޭނާ ފޮނުވާލާ!“

”މީގެ ފަހުން މާތް މީހުންނާ ވާހަކަ ދައްކާނެ ގޮތް ހަނދާން ހުންނާނެތަ؟“

”އާދެ! އަޅުގަނޑަށް އެނގިއްޖެ.“

”ޓެކްސީގެ ކުއްޔަށް ދޭންވީ ކިހާ ވަރެއް؟“

”އަށް ރުފިޔާ ދިހަ ލާރި.“

އަންހެން ކުއްޖާ ސަރޫޕު އަތުން ދަބަސް އަތުލައި ދަބަހުން ދިހަ ރުފިޔާ ނަގާފައި ޑްރައިވަރަށް ދިނެވެ. އަދި ސަރޫޕަށް ބަލާލާފައި ބުންޏެވެ.

”ދަބަސް ގެނެސް ދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ! އެހެން މީހަކަށް ދަބަސް ފެނުނު ނަމަ ދަބަސް ވެސް އަހަންނަށް ނުލިބޭނެކަން ޔަގީން. ނަގުދު ފަސް ހާސް ރުފިޔާއަކީ މަދު އަދަދެއް ނޫން!“

”ފަސް ހާސް ރުފިޔާއިން މާ ގިނަ ދުވަހަކަށް ޚަރަދެއް ނުކުރެވޭނެ. މުސްކުޅިން ބުނެ އުޅެއެއްނު! މި ދުނިޔޭގައި ތިބެ ކުރާ ރަނގަޅު ކަންތަކާއި ނުބައިކަންތަކުގެ އަގު މި ދުނިޔޭގައި ވެސް އަދާކުރަން ޖެހޭނެއޭ. ސިއްރުން ނަގާ ދެ ރުފިޔާ ބޭނުން ކުރުމަކީ ވެސް އަމިއްލަ ނަފުސަށް ކުރެވޭ ވަރަށް ބޮޑު ގެއްލުމެއް. އަހަރެން ބުއި ފެންތައްޓަށް ދޭނެ ފަސް ލާރި ނުލިބި ފެން ވިއްކާ މީހާގެ އަތްދަށުން ސަލާމަތް ނުވެވިފައި ހުއްޓާ އަހަންނަށް ފަސް ލާރި ދިނީ ކަލޭގެ އެކުވެރިޔާ. އެކަން އަހަރެން ހަނދާން ނައްތައެއް ނުލާނަން. ދެން އަހަރެން ދަނީ.“

”ނޫނޭ! ގެއާ ހަމައަށް އައިސް ހުރެފައި ގެއަށް ނުވަދެ ދިއުމަކީ ކިހާ ދެރަ ކަމެއް؟“

”ވަރަށް އަވަހަށް އެނބުރިދާން އަހަރެން ބޭނުން.“

”ކޮންކަމަކާ ހާސް ވަނީ؟ އަހަރެންގެ ޑްރައިވަރު ކުޑަ އިރުކޮޅެއްގެ ތެރޭގައި އަންނާނެ. އޭރުން ދާން ބޭނުން ތާނކަށް ކާރުގައި އަހަރެން ފޮނުވައި ދީފާނަން. ތިހިރީ ދާހިއްލާ ފޯވެފައެއްނު! އާދޭ އެތެރެއަށް ވަދެ ފިނިއެއްޗެއް ބޯލައިގެން ތާޒާ ވެލާން!“

އެންމެ ރަނގަޅު ގޮތަކީ އަންހެން ކުއްޖާގެ ހުށަހެޅުން ގަބޫލު ކުރުން ކަމަށް ސަރޫޕު ނިންމިއެވެ.

ނުނިމޭ

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް