ލޯބީގެ މަންޒިލު-9

Loading

Facebook
Twitter
WhatsApp

http://sandhaanu.today/16006/ އާ ގުޅޭ

އެއާރ ކޮންޑިޝަންކޮށްފައިވާ ގެއަށް އަންހެން ކުއްޖާއާ އެކު ވަނުމުން ސަރޫޕަށް ހީވީ ސުވަރުގެއަކަށް ވަދެވުނީ ހެންނެވެ. ގެއަށް ވަދެ ގޭގެ ދޮރު ލެއްޕުމާއެކު ހޫނުގަދަ އަވީގެ އެއްވެސް އަސަރެއް ދުނިޔޭގައި ނެތްކަމަށް ސަރޫޕަށް ހީވިއެވެ. ގޭތެރެއަށް ވެރިވެފައި އޮތީ ފަނޑު ހަދުވަރެއް ކަހަލަ މަޑު އައްޔެކެވެ. ސަރޫޕުގެ ލޯ ގޭތެރޭގެ މާހައުލަށް ހޭނުނީ ގޭތެރެއަށް ވަންތާ ހިނދުކޮޅެއް ފަހުންނެވެ. އެ ވަގުތު އޭނާއަށް ގޭތެރޭގައި އަޅަފައި އޮތް ބޯ ދޫލަ ފެނުނެވެ. އަގު ބޮޑު ގެވެހި ކަންވާރުތައް ފެނުނެވެ. ފާރުގައި ހަރުކޮށްފައި ހުރި ނިވައިކަމެއް ނެތް އަންހެނެއްގެ ތަސްވީރު ފެނުނެވެ.

ސަރޫޕުގެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. މާނޭވާ ލެވެން ފެށިއެވެ.

ކުޑަ އިރުކޮޅެއް ފަހުން ބިއްލޫރި ތަށްޓެއް ހިފައިގެން އަންހެން ކުއްޖާ އައިސް ސަރޫޕުގެ ގާތުގައި ހުއްޓި ހީލާފައި ބުންޏެވެ.

”އަހަރެންގެ ނަމަކީ ސުޝީލާ.“

ސަރޫޕު ހިންދިރުވައިލާފައި އަންހެން ކުއްޖާ ދިއްކުރި ތަށީގައި ހިފަމުން ބުންޏެވެ. ”ވަރަށް ބޮޑަށް ޝުކުރިއްޔާ!“

”މަށަށް ކިޔާ ނަން ބުނީ ކަލޭގެ ނަން ބުނާނެ ކަމަށް ހީކޮށް.“

”މަގޭ ނަމަކީ ސަރޫޕު.“

”ވަރަށް ރީތި ނަމެއް. އަހަންނަށް ހީވަނީ ދެ މީހުންގެ ބުރުޖު ވެސް ވާނީ އެއް ބުރުޖެއްހެން. ދެ މީހުންގެ ނަން ވެސް ފެށެނީ ސީނުން.“

ސަރޫޕު ހީލާފައި އަތުގައި ހުރި ތަށީގައި ތުން ޖަހައި ކޯވަރެއް ބޯލަން އުޅުނެވެ. ދެން ފެނުނީ އޭނާގެ އަނގައިގައި ހުރި ހުރިހާ އެއްޗެއް ދޫލަ މައްޗަށް އަޅާލިތަނެވެ. އެ ވަގުތު އޭނާގެ އަތުގައި ހުރި ތަށިވެސް އަތުން ދޫވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ.

”ކިހިނެއްވީ؟“ ސުޝީލާ ވަރަށް ކަންބޮޑުވެ ހާސްވާ ގޮތް ވިއެވެ.

”އަހަންނަށް ބޯންދިނީ ކޯޗެއް؟“ ސަރޫޕު ޖީބުން ރުމާ ނަގައި މޫނާއި ތުން ސާފުކުރަން ފެށިއެވެ.

”ގޮދަން ސަރުބަތު.“ ސުޝީލާ ހަމަޖެހިލަން މަސައްކަތް ކުރަމުން ބުންޏެވެ. ”ހޫނު މޫސުމުގައި ގޮދަން ސަރުބަތު ބުއިމުން ހަށިގަނޑަށް ފިނިކަން ލިބުމުގެ އިތުރަށް ސިއްހަތު ރަނގަޅު ވާނެ.“

”އަހަރެންގެ ސިއްހަތު ފުދޭވަރަކަށް ރަނގަޅު. އަހަރެން ބޭނުމެއް ނޫން ބިޔަރު ބޮއިގެން ސިއްހަތު އިތުރަށް ރަނގަޅު ކުރާކަށް.“

”އަހަންނަށް މާފު ކުރޭ!“ ސުޝީލާ ހިތް ދަމައިގަންނަ ގޮތަކަށް ހީލަމުން ބުންޏެވެ. ”އަތްގާޑިޔާ ދަމާ މީހުން ވެސް މިހާރު މީހުންނަށް ބޯން ދެނީ ބިޔަރު. އަދި އަމިއްލައަށް ބޮނީ ވެސް ބިޔަރު. އެހެންވެ އަހަރެން ހީކުރީ ކަލޭ ވެސް ބިޔަރު ބޯނެކަމަށް. އަންނާނަން އެހެން ބުއިމެއް ތައްޔާރުކޮށްގެން.“

”ދެން އިތުރު އެއްޗެއް ގެންނާނެ ކަމެއް ނެތް. އަހަރެން ދާންވެއްޖެ.“

”އެއްޗެއް ނުބޮއި ހިނގައްޖެ ނަމަ އަހަރެން ދެކޭނީ އަހަންނަށް ކުރެވުނު ކަންތަކާ ރުޅިއައިސްގެން ދިޔައީކަމަށް. އެކަމާ އަހަރެން ވަރަށް ދެރަވާނެ.“

ސަރޫޕު ހަދާނެ ގޮތެއް ނޭނގި ބުދެއްހެން ކޮޅަށް ހުއްޓެވެ.

ސުޝީލާ އައިސް އަލަމާރި ހުޅުވަމުން ބުންޏެވެ.“ކޮޅަށް ނުހުރެ އިށީދޭ!“

”ކިހާ ދެރަ. ދޫލަ މުޅިން ހަޑިވެއްޖެ.“ ސަރޫޕު ގޮނޑީގައި އިށީންނަމުން މާފަށް އެދުނެވެ.

”އެއީ މާ ބޮޑު ކަމެއް ނޫން! މެޝިން ގަނެފައި އެހެރީ ތިތަން ސާފުކުރަން.“

ސުޝީލާ ކޮކާކޯލާ ފުޅިއެއް އައިސް އަލަމާރިން ނަގައި މޭޒުމަތީގައި ބެހެއްޓިއެވެ. އަދި ފުޅި ކަނޑައި ވަރަށް ހަމަޖެހިލައިގެން ހުރެ ސަރޫޕަށް ނޭނގޭ ގޮތަށް ދެ ގުޅަ ބޭސް ފުޅިއަށް ވައްޓާލިއެވެ. މަސްތުވާ ތަކެތި ބޭނުން ނުކުރާ މީހަކަށް އެ ދެ ގުޅަ ބޭހުން ވަރަށް ފުރިހަމައަށް އަސަރު ކުރާނޭކަން އޭނާއަށް އެނގެއެވެ. ދެން އޭނާ ކޮކާކޯލާ ފުޅި ސަރޫޕަށް ދިއްކުރަމުން ބުންޏެވެ. ”މި ފުޅި ބޯން ޖެހިލުން ވެގެން ނުވާނެ.“

ސަރޫޕު ހީލާފައި ފުޅި އަތުލިއެވެ.

ސުޝީލާ ގޮސް ބޮޑު އެހެން ފުޅިއަކުން ތަށި ފުރެންދެން އަޅައިގެން އައިސް ހިނިތުންވެލަމުން ބުންޏެވެ. ”އަހަރެން މިތަށިން ބުޔަސް އެއްޗެކޭ ހީނުކުރާތި!“

”އާނ!“

ދޮރުގައި މީހަކު މަޑުމަޑުން ޓަކި ދިން އަޑު އިވުނެވެ. ސުޝީލާ ސަރޫޕާ ދިމާއަށް ބަލާލާފައި ސުއާލުކުރިއެވެ.

”ކާކު ބާ!“

ސަރޫޕު ވެސް އިނީ ދޮރާ ދިމާއަށް ބަލަހައްޓައިގެންނެވެ.

”އަހަންނަށް ހީވަނީ ވަޔާ ދޮރު ލެއްޕުނީހެން“ ސުޝީލާ ތަށިން ކޯވަރެއް ބޯލަމުން ބުންޏެވެ. ”ކަލެއަކީ ކިޔަވައިގެން ހުރި ޒުވާނެއް ހެން ހީވޭ.“

”އާނ! އެމްއެސްސީ އިމްތިހާނުން އަހަރެން ވަނީ ފާސްވެފައި.“

”ކޮން މާއްދާއަކަށް އިސްކަން ދިނީ؟“

”ކެމިސްޓްރީއަށް.“ ސަރޫޕުގެ އަޑުގައި ކުރަކި ގޮތެއް ހުއްޓެވެ. އޭނާ ވާހަކަ ކުރުކޮށްލިއެވެ. ބޮމުން ދިޔަ ކޯލާ ފުޅި ހުސްވެއްޖެއެވެ. ހުސް ފުޅިއާ ދިމާއަށް އޭނާ ބަލައިލިއެވެ. ވަށައިގެންވާ ހުރިހާ އެއްޗެއް އެނބުރޭހެން އޭނާއަށް ހީވާންފެށިއެވެ. އޭނާ ފުޅި އެއްފަރާތަކަށް ޖައްސާލާފައި ދެ އަތުން ބޮލުގައި ހިފެހެއްޓިއެވެ. އަދި ހާސްވެ ކަންބޮޑުވެފައިވާ އަޑަކުން ބުންޏެވެ. ”މަގޭ ބޮލަށް ކިހިނެއް މިވަނީ؟“

”ކިހިނެއްވީ؟“ ސުޝީލާ ހައިރާންވީކަމަށް ހެދެމުން ސުއާލުކުރިއެވެ. ”ހައި ބަނޑާ ހުރެ ކޯކު ބުއިމުން ވެސް ބޮލުގައި ރިއްސަފާނެ.“

”ރަނގަޅަށް ތިބުނީ. ހެނދުނު އަހަރެން ރަނގަޅަށް ނާސްތާ ވެސް ނުކޮށް މިހިރީ.“

”އެހެންތަ؟ ބައެއް މީހުން ބުނޭ ކޯކުގައި ކޮންމެވެސް ވަރަކަށް މަސްތުގެ އަސަރު ހުރެއޭ. ކާއެއްޗެއް ގެންނަންތަ؟“

”ކާއެއްޗެއް ބޭނުމެއްނޫން! އަހަރެން ބޭނުމީ އަވަހަށް ގެއަށް ދާން!“

ތެދުވާން އުޅުމުން ސަރޫޕު އަރިއަޅާލިއެވެ.

”ތިހެން ހުރެ ގެއާ ހަމަޔަކަށް ނުދެވޭނެ.“

ސަރޫޕު ދޮރާހަމައަށް ގޮސް ދޮރު ހުޅުވަން އުޅުނެވެ. ދޮރުގެ ތަންޑު ވަނީ އަޅުވާފައެވެ. އޭނާއަށް އެކަން ނޭނގޭތީ އޭނާ ވަރަށް ކަންބޮޑުވެ ހާސްވެއްޖެއެވެ. އޭނާ ދޮރުގައި ތަޅަން ފެށިއެވެ. އަދި ކުރަކި އަޑަކުން ވާހަކަދެއްކިއެވެ.

”މި ދޮރު ބޭރުން ތަޅުލީ ކާކު؟“

”ތަޅުލީއޭ؟“ ސުޝީލާ އަވަސްއަވަހަށް ދޮރުކައިރިއަށް ގޮސް ކަންބޮޑުވާކަމަށް ހެދެމުން ބުންޏެވެ. ”މާތް ރަސްކަލާކޯ! މި ދޮރު މިހިރީ ބޭރުން ތަޅުލާފައި. މި ހަޔާތްކުޑަ އަމަލު ކުރީ ޓެކްސީ ޑްރައިވަރު ކަމަށް ވާނީ. ދެން ކިހިނެއް ހަދާނީ؟“

”ދެން އަހަރެން ބޭރަށް ނިކުންނާނީ ކިހިނެއް؟“ ސަރޫޕު ތުއްތު ކުއްޖެއްހެން ރޮއިގެންފައި ސުއާލު ކުރިއެވެ.

”ކަލޭ ކަންބޮޑުވެގެން ތި އުޅެނީ ބޭރަށް ނުނިކުމެވިގެން. ކަލެއަށްވުރެ ބޮޑަށް އަހަރެން ތިކަމާ ހާސްވާން ޖެހެއެއްނު! ތަޅުލާފައި ހުރި ގެއެއްގައި ހިލޭ ފިރިހެނަކާއެކު އަހަރެން އުޅޭކަން އެނގިއްޖެނަމަ މީހުން ބުނާނީ ވެސް ކީކޭ؟ އަހަރެންގެ އަބުރާއި އިއްޒަތް ގެއްލި ވެއްޔާ މޮޑެވިދާނެ. އަހަންނަކީ މީހަކާ ނީނދެ ހުރި ހުސްހަށިބައި އަންހެނަކީމު. ކަލެއަކީ ފިރިހެނެއް. ކަލެއަކަށް މާ ބޮޑު ދެރައެއް ނުލިބޭނެ.“

ނުނިމޭ

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް