އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ބައްދަލުވުން އިދިކޮޅުން ބޮއިކޮޓް ކޮށްފި

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެ އަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުން އިދިކޮޅު ޕީޕީއެމް / ޕީއެންސީން ބޮއިކޮޓްކޮށްފި އެވެ.
ޝާހިދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މިއަދު ހެނދުނު ބައްދަލުކުރެއްވި އިރު އެ ބައްދަލުވުމުގައި ޕީޕީއެމް / ޕީއެންސީގެ މެމްބަރުން ބައިވެރިވެވަޑައިގެންފައި ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމުން ޕީޕީއެމް / ޕީއެންސީގެ މެމްބަރުން ބައިވެރިނުވީ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވަމުން އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫންކަމަކަށް ވާތީއެވެ. އިދިކޮޅުން މެންބަރުން ގަބޫލު ކުރައްވާ ގޮތުގައި އދ. އާންމު މަޖިލީހުގެ ރައީސް ކަންކުރައްވަން ވާނީ ފޮރިން މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހުއެވެ.
އަބްދުއްލާ ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ވަޑައިގެންނެވީ މިއަދު އެވެ. އަންނަ އާދިއްތަ ދުވަހާ ހަމައަށް އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖޭގައި މަޑުކުރައްވާނެ އެވެ. އެމަނިކްފާނުގެ މިދަތުރުފުޅަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އެދިވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ.
![]()
Comments are reviewed before publication. You can write in English or Dhivehi.




2 Responses