ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެނެވުނު ބަދަލަކީ ޚުތުބާގެތެރެއަށް ދެގަނޑު ލައިގެން ގެނެވުނު ބަދަލެއްނޫން!
7 ޖުލައި 2002، މިއަދަކީ ދިވެހިރާއްޖޭގެ ގާނޫނާއި ޚިލާފަށް ސަންދަނުގެ ބައިވެރީންނަށް ޢުމުރުދުވަހުގެ ޖަލުޙުކުމަކާއި އަދި އެއް އަހަރު ދުވަހަށް އަރުވާލުމަށް ކުރީގެ ޑިކްޓޭޓަރ މައުމޫނު ޢަބުދުލް ގައްޔޫމްގެ ބޭނުންފުޅަކަށް ދިވެހިރާއްޖޭގެ ޢަދާލަތުގެ ދަރުބާރުން ފުރަތަމަފަހަށް (ރައްޔިތުން ބިރުދެއްކުމަށްޓަކައި) މިފަދަ ޙުކުމެއް ކުރި ފުރަތަމަ ދުވަހެެވެ. މިހާރުގެ ސިޔާސީ ކުދިންނަށް މިޙަގީގަތް ނޭނގި އޮތުމަކީ ހަމަ އެކަށިގެންވާ ކަމެކެވެ. އެހެންވުމާއި އެކު ސަންދާނު މިގެނެސްދިނީ ދިވެހިރާއްޖެ ޑިމޮކްރަސީ އާއި ޢަދުލު އިންސާފުގެ މަގަށް ކުރި އެތަކެއް ދަތުރުތަކަކުން ހަނދާނުން ފިލައިގެން ނުދާނޭ އެއް ބާބެވެ.
ދެންފަހެ. އެބަދަލަކީ ޚުތުބާގެ ތެރަށް ދެގަނދު ލިޔެ ހީރަސް ޖަހައިގެން ގެނެވުނު ބަދަލެއްނޫނެވެ. އެތަކެއް ބައެއްގެ ތެދުވެރިކަމާއި އިޚުލާސްތެރިކަމާއިއެކު ވަރަށްކެރިގެން ކުރެވުނު ގުރުބާނީތަކެއްގެ ހެޔޮނަތީޖާއެކެވެ. އަދި ކިއެއްތަ ވެލާނާގޭ ކުނިގޮނޑުން ”ވަގަށް“ ނެގި ޓިކެޓްބުރިއެއްގެ ޙުކުމަކުން އަރުވާލެވުނު އަރުވާލުމަކުން ގެނެވުނު ބަދަލެއްވެސް ނުމެނޫންމެއެވެ. ސަންދާނަކީ ދިވެހިރާއްޖޭގައި ކުރީގެ ގޮށްމުށުގެ ވެރިޔާ މަޢުމޫނު ޢަބުދުލް ގައްޔޫމުގެ އަނިޔާވެރި ކަރަޕްޓް ޢާއިލީ ވެރިކަމުގެ ސިސްޓަމް ބަދަލުކުރުމަށްޓަކައި ބަޔަކުވީ ގުރުބާނީގެ އެންމެވަރުގަދަ ހަންމުށިކަމުގައި ދެންނެވުން ދޮގަކަށް ނުވާނެއެވެ. މިކަމަށް ހެކިދެވޭނީ ކުރީގެ ސީޕީ އާދަމް ޒާހިރު އާއި އޭރުގެ ލެފްޓިނެންޓު ޢަބުދުﷲ ރިޔާޒް އާއި އޭރުގެ ޕީޖީ ޑރ. މުޙައްމަދު މުނައްވަރަށެވެ. ހަމަ އެހެންމެ ކުރީގެ ޑިފެންސް މިނިސްޓަރީގެ މިނިސްޓަރު ޅިޔަނު އިލްޔާސް އިބުރާހިމް އާއި ސްޓޭޓް މިނިސްޓަރު އަންބަރީ ޢަބުލްސައްތާރާއި ނައިބު އިސްތަފާ އިބްރާހިމް މަނިކެވެ. ނުވަތް ސީދާ ކުރީގެ ރައީސް ޑިކްޓޭޓަރ މައުމޫނު ޢަބުދުލް ގައްޔޫމުއަށެވެ.
ސަންދާނުގެ ޙަޔާތުން މިބަލައިލަނީ ޢުމުރުދުވަހަށް ސަންދާނުގެ ބައިވެރިން ޖަލަށް ލމުުން ނަޒާކީ ޒަކީ ގެ ޑައިރީން ހިއުމަންރައިޓްސް ކަމިޝަންގެ ރައީސް އޮނަރަބްލް އަޙުމަދު މުޖުތަބާގެ އަރިހުގައި އޭރުގެ ވެރިކަމުގެ ނާންމާންކަމާއި ދައުލަތް ހިންގަންއޮތް ސަރުކާރުގެ އަނިޔާވެރި ޙާލަތުން މަދުބައެކެވެ:
ވިދާލުވޭ ….
A1 މާފުށީ ޖަލު (މިވަގުތު)
މ. އަޙުމަދީއާބާދު
މާލެ، ދިވެހިރާއްޖެ
20 ޖެނުއަރީ 2004
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ޗެއަރ ޕާސަން އޮނަރަބަލް الفاضل އަޙްމަދު މުޖުތަބާގެ އަރިހަށް.
ވެދުންސަލާމް އަރިސްކޮށް ދަންނަވަމެވެ.
ރާއްޖޭގެ ހިއުމަން ރައިޓްސް ކަމިޝަނެއްްގެ ސަރުކާރުން އުފައްދައިދެއްވި ކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްވެސް ބޮޑު ހިތްހަމަ ޖެހުމަކާއި ކުރިއެރުމެކެވެ. ރާއްޖޭގެ ސިޔާސީ ނައު މިހާރަށްވުރެ ޑިމޮކްރަސީއަކަށް މިސްރާބު ޖަހައިފިކަމަށް قبول ކުރެވޭ އަލިގަދަ ރަމްޒެކެވެ. ކަމަކީ ލަސްވެފައިވާ، ނަމަވެސް އުފެއްދުމުން ފަސް ހަނދާން ނެތިވެ، މިނިވަން ޙިޔާލުތަކަށް މަގުފަހި ވެގެން ދިޔަ ކަމެކެވެ. އިންސާނީ ހައްޤުތައް ރައްްކާތެރި ކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެކެވެ.
ދުނިޔެ މިވަނީ 21 ވަނަ ގަރުނަކަށް އަލިވިލިފައެވެ. އިންސާނުންވަނީ ހޮހަޅަތަކުން ނިކުމެ ފަޒާގައި ދަތުރު ކުރަން ފަށާފައެވެ. ވީމާ، ކުކުޅު ބިހުގެ ތޮށި ފަޅާލާފައި ދިވެހިންވެސް އަލި ހަވާސާ މައިދާނަކަށް މިކުމެ ދުނިޔޭގެ ތަޙުޒީބާއި ތަމައްދުންގެ އަލީގައި އުދުހެންވަނީ ޖެހިފައެވެ. މި حقيقة އެންމެ އިޙްލާސްތެރި ކަމާއި އެކު قبول ކުރަމާތޯއެވެ. އިއްޒަތްތެރި ރައީސް ދީނުގެ މަގުގައި ވިދާޅުވެފައިވާ ފަދައިން “ ކޮންމެ ހާލަތެއްގައިވެސް ތެދުބުނަމާ ހިގާށެވެ.“ އަދި “ ބަހާއި ޢަމަލު ސީދާ ކުރަމާތޯއެވެ.“ އަމިއްލަ އެދުމަށްވުރެ ޤައުމީ މަސްލަޙަތައްޓަކައެވެ. މުޖުތަމައުގެ ހެވާއި ލާބައައްޓަކައެވެ. ވީމާ އިއްޒަތްތެރި ރައީސްގެ މިހަރުދަނާ ފިޔަވަޅަށް ވަރަށް އިޚުލާސްތެރިކަމާއި އެކު މަރުޙަބާ ދަންނަވަމެވެ. އަދި ތިޔަ ކޮމިޝަނަކީ އެއްވެސް ހަރަކާތެއްނެތް ހަމައެކަނި ނަމަކަށް ނުވާނެކަމަށް ޔަޤީން ކުރަމެވެ. ހުށަހެޅޭ ކޮންމެ މައްސަލައެއްގެ ދެކޮޅަށް ބައްލަވާ ހަމަހަމަ ކަން ގާއިމު ކޮށްދެއްވާނެކަމަށް އުއްމީދު ކުރަމެވެ.
ތިޔަ ކޮމިޝަނަކީ މާބޮޑު ކަންތައްތަކެއް ކުރެވޭނެ ތަނެއް ނޫން ކަމުގައި އެއްބަޔަކު ދެކެއެވެ. މިގޮތަށް ހިޔާލުކުރާ މީހުން ދެކޭ ގޮތުގައި ތިޔައީ އަދި ޤާނޫނީ އަމިއްލަ ބާރެއް ލިބިގެން ނުވާ ތަނެކެވެ. އަދި މިނިވަން މުސްތަޤިއްލު ތަނެއްގެ ޙައިސިއްޔަތުން ލިބިގެންވާ ތަނެއްވެސްނުމެ ނޫންމެއެވެ. ނަމަވެސް إخلاص ކަމާއި އިޙުސާންތެރި ކަމުގެ ކުލަ ޖެހިއްޖެނަމަ އަޅުގަނޑަށް قبول ކުރެވޭނެ ގޮތުގައި ތިޔަ ކޮމިޝަނުން ޤައުމަށް ވަރަށް ބޮޑެތި ފައިދާ ތަކެއް ކުރާނެއެވެ. އަބަދުވެސް އަޅުގަނޑު ޤަބޫލުކުރާ އުސޫލަކީ، އަމިއްލަ ތަޖްރިބާއިން حقيقة ހޯދައި ގޮތެއް ނިންމުމެވެ. ރައީސް މައުމޫންގެ މިފިޔަވަޅަކީ ޒަމާނާއި އެކުވެގެން އެޅުއްވެވި ވަރަށް ބޭނޫންތެރި އިޞްލާޙީ ފިޔަވަޅެކެވެ. ތިޔަ ކޮމިޝަނަށް ދުޅަހެޔޮ މާދަމާއަކަށް އެދެމުން އަޅުގަނޑުގެ ހިތުގެ ވޭނީ ޝުޢޫރު ހާމަކޮށް އެރުވުމަށް މިފުރުސަތުގެ ބޭނުން ކުރަމެވެ.
ދިވެއްސަކަށްވުމީ ފަޚުރެއްބާވައެވެ! ދިވެއްސަކަށްވުމީ ގެއްލުމެއް ބާވައެވެ! މިއީ މިއަދު ޖަވާބު ހޯދަން ބޭނުންވަފައިވާ ސުވާލެކެވެ. ހަމަގައިމު އަޅުގަނޑަކީ قوم ދެކެ ލޯބިވާ ދިވެހި ދަރިއެކެވެ. ވީމާ قومى މައްސަލަތަކާއި ބެހޭގޮތުން ވިސްނައި ފިކުރު ކުރުމަކީ ޒަމީރު ވަރަށް އެދޭ ކަމެކެވެ. ލިބޭ ވަރަށްބޮޑު އުފަލެކެވެ. قوم ގެ ސިޔާސީ މަސްރަޙު ހަލަބޮލިވެފައިވާ މިންވަރާއި ދޭތެރޭ ވަނީ ޙައިރާންވެފައެވެ. ޑިސްޕްރިން ގުޅައަކުން ޙައްލު ކޮށްލެވޭ ވަރަށް ވުރެ ވަނީ މައްސަލަތައް ގިނަވެފައެވެ. ރަނގަލު ޙަކީމެއްގެ ފަރުވާއަށް ވަނީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. މިޚިޔާލުތައް ނުވަތަ ހިތުގެ ޝުޢޫރު ފައުޅު ކޮށްލެވޭން އެއްވެސް ވަސީލަތެއްް ނެތުމުން ”ސިއްރުން“ ލިޔުމެއް ލިޔެ ޚިޔާލުތައް ކޮންމެވސް ސިފައެއްގައި بيان ކުރުމުގައި އެކުވެރިދިވެހި ދެ أخންނާއި ބައިވެރި ވެވުނީއެވެ. ނަތީޖާ ވަރަށްވެސް ހިއްޗެވެ. އުމުރަށް ޤައިދުގައި ހުރުމަށް ވަނީ قوم ގެ އަދާލަތު ދަރުބާރުން ނިޔާ އިއްވާފައެވެ. މިގޮތުން މުޅި ޙަޔާތް ބަރުބާދު ވެއްޖެއެވެ. ޢާއިލާ ޢަރީބުވެ ނިކަމެތި ވެއްޖެއެވެ. ކުދިންގެ މުސަތްބަލް ވަނީ ބަނަވެފައެވެ. ދިވެއްސަކަށް ވުމީ ފަޚުރެއްބާވައެވެ! ނުވަތަ ދިވެއްސަކަށް ވުމީ ގެއްލުމެއް ބާވައެވެ!
އަޅުގަނޑު މައްސަލަ ހުށަހަޅަމެވެ. އާދެ! ”ސަންދާނު“ އިންޓަނެޓް ބްލެޓިންގެ ނަމުގައި އިންޓަނެޓުގައި ނެރެވުނު ލިޔުމަކީ އަޅުގަނޑުވެސް عملى ގޮތުން އޭގައި ބައިވެރިވާ ލިޔުމެކެވެ. މިކަން ކުރީ ވަރަށް ވަންހަނާގައެވެ. އެއީ އެގޮތަށް ކުރުމަށް މަޖްބޫރުވާތީއެވެ. ނަފްސާނީ ގޮތުން ދިވެހި މުޖްތަމަޢުގައި ތަސައްވަރު ކުރެވިފައިވާ ކަންތައްތަކާއި ހުރެއެވެ. ސަންގު، ހުކުރު، މަންތިރި، ނޫރު އަދި އިއްޔެ ފަދަ ނޫސް މަޖައްލާތަކަށް ލިޔުއްވެވި ލިޔުންތެރިނަށް ވެގެންދިޔަ ގޮތުންނެވެ. ކޮލި ޙަސަން މަނިކާއި ޝަފީޤް ފަދަ ބޭފުޅުންނަށްވެސް ދިމާވި ޙާލަތުންނެވެ. މިހެން މިދިމާވާ ސަބަބު އެއްވެސް ދިވެއްސަކަށް އޮޅިފައެއް ނުވާނެއެވެ. މިނިވަން ކަމާއިއެކު ޚިޔާލު ފާޅުކުރުމާއި މަޝްވަރާކުރުން ފިއްތާލެވިފައި އޮންނަލެއް ބޮޑުކަމުން ވާގޮތެކެވެ.
ކޮންމެއަކަސް ދިވެހި ސަރުކާރުގެ އާދަކާދައިގެ މަތިން ސަންދާނުގެ މައްސަލަވެސް ވަރަށްބޮޑު މައްސަލައަކަށް ވިއެވެ. އެކަމުގައި ބައިވެރިވާ މީހުން އެގުމުން ތަޙްގީގް ފެއްޓެވިއެވެ. އަޅުގަނޑާއި އެކަމުގައި ބައިވެރިވި ދެމީހުން ވަނީ އުމުރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ. އަދި އެިތުރު 1 އަހަރަށް އަރުވާލުމަށް ހުކުމް ކޮށްފައެވެ. ޢުމުރު ޙުކުމް ތަންފީޒުކުރަށް ޖަލުގައި ތިބޭތާ ދެއަހަރު ވަނީއެވެ.
އިއްޒަތްތެރި މަނިކުފާނެވެ. އަޅުގަނޑުގެ ޝަކުވާ އަކީ ތަޙްގީގުގެ މަރުޙަލާއިން ފެށިގެން ގޮސް މިއަދާ ހަމައަށްވެސް އަޅުގަނޑުގެ އަސާސީ ހުރިހާ ހައްޤުތަކުން ވަނީ މަޙުރޫމް ކުރެވިފައެވެ. މިދަންނަވަނީ އެއް އަހަރު ދެއަހަރު ކުރީގެ ވާހަކައެއް ނޫނެވެ. މިއަދާ ހަމައަށްވެސް އަޅުގަނޑުގެ އެތައް حق ވަނީ ގެއްލިފައެވެ. ހުރަސް އެޅިފައެވެ. އަދި ކީއްކުރަންތޯއެވެ. ދިވެހިރާއްޖޭގެ قانون އަސާސީން އަޅުގަނޑަށް ލިބެންޖެހޭ ހައްޤުތަކުވެސް ވަނީ މަޙުރޫމް ކޮށްލެވިފައެވެ. ސަންދާނު މައްސަލައިގެ ޝަރީޢަތު މަޖިލީހުގައި قانونى وكيل އެއްގެ އެހީ ބޭނުންކަމަށް އެދި އަޑަށް ލެވުނުހާ ބާރެއްލާފައި ފަނޑިޔާރު عبدالله عريف ދެންނެވީމެވެ. ފަނޑިޔާރު ވިދާޅުވީ ހަމަޖެހިފައިވާ قواعد ގެ ދަށުން އެކަން ހަމަޖެެއްސެން ނެތް ކަމަށެވެ. ކަނޑައެޅިގެން قانون އަސާސީއާއި ޚިލާފަށް މިފަދަ ނިޔާއެއް އިއްވުމުން އަޅުގަނޑު ވަރަށް ޙައިރާން ވިއެވެ. ފަނޑިޔާރުގެ މިނިޔާގެ އަޑުއިވުނު ވަގުތު، އަލުގަނޑުގެ ޝަރީޢަތް އިސްލާމް ދީނާއި ރާއްޖޭގެ ޤާނޫނާއި އެއްގޮތަށް ނުދާކަމަށް قبول ކުރެވުނެވެ. ޝަރީޢަތް ނިންމާފައިވަނީ މިދެންނެވި ގޮތަށެވެ. ދިވެހިރާއްޖޭގެ ޤާނޫން އަސާސީގެ ޗެޕްޓަރ 2 ގެ 16 ވަނަ މާއްދާގެ 2 ވަނަ ނަމްބަރުގައިވާ ގޮތުން ކޮންމެ މީހަކުވެސް ކުށުން ބަރީއަ ވުމަށްޓަކައި قانونى وكيل ގެ އެހީ ލިބިދޭން ޖެހޭނެއެވެ. މިކަމަކީ ދިވެހިރާއްޖޭގެ ޤާނޫން އަސާސީ އެގޮތަށް ލާޒިމް ކުރާކަމެކެވެ. ކޮންމެ ދިވެއްސެއްގެ އަސާސީ ޙައްޤެކެވެ. ހަމަކަށަވަރުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފަށް ހެދޭ ކޮންމެ ޤަވާޢިދަކީ باطل ޤާނޫނެކެވެ. އަދި باطل ޤަވާޢިދެކެވެ.
ސައްދާނުގައި އަޅުގަނޑު ބައިވެރިވީ އޭރު ރާއްޖޭގެ ގިނަ ކަންތައްތައް ޑިމޮކްރަސީ ޢަދުލްއިންސާފުގެ އުސޫތަކާއި ޚިލާފަށް ވަރަށް ފައުޅުކަން ބޮޑު ގޮތެއްގައި ހިގަމުންދާތީ އެކަންތައްތަކާއި ހިތްހަމަ ނުޖެހޭތީއެވެ. އަދި މިދިވެހި ޤައުމަކީ އަޅުގަނޑުގެވެސް ލޮބުވެތި ވަޒަން ކަމަށްވާތީ މިތަނަށް އަންނަ ކޮންމެ ހަމަޖެހުމަކާއި ހަމަނުޖެހުމަކީ އަޅުގަނޑުވެސް ޙިއްސާ ކުރަން ޖެހޭ ކަމަކަށް ވާތީއެވެ. ސަންދާނުގައި ވަނީ މާޒީގައި ހިގާފައިވާ ގިން ހާދިޘާ ތަކެކެވެ. ޤައުމުގައި ހަމަހަމަކަމާއި އަދުލު އިންސާފު ޤާއިމު ނުވާކަމަށް ގޮވާލާ ލިޔުމެކެވެ.
ނުނިމޭ…..
5 Responses
އަސްލުވެސް އަޅުގަނޑުމެންނަކީ ވަރަށް ހަނދާންބަލި ނުނީ އެގެންބެނުންނުވާ މީހުންގެ ފުލޯކް ވާހަކައަށް ސާބަސްދީ މަޖާގަޑެއްގެތެރޭގައި ވާނުވާ ނޭންގި ފޮރީގައި ކަންކަމާއި މީހުން އުނގެނި ސަޕޯޓްދެވޭ މެޖޯރިޓީއެއް އޮތް ބައެއް. އޭގެ ސަބަބުން އަނެއް ދިވެހިރާއްޖެއަށް ކުރި ދަތުރު އަތަށްގޮވީ! ތިޔަބުނާ ހެވާލާބަޔަށް މަސައްކުރި އެތަށްބައެއް ދޮގާ ރޭވުމާއި މަކަރުން އެކެހެށިކުރެވި އޮޑި ސަލީބާއިސާ ބުރުވާ ހަމަބުއްދީގައި ނުތިބެވޭ މަދުބައެއް އެމްޑީޕީގެ ނަމުގައި ޙިސޯރުކުރީ. އޭގެ ހިިތިނަތީޖާ މިހާރު މިފެންނަމުންދަނީ. ދޮގާއި މަކަރާއި ޙީލަތުން ސިޔާސީ މައިދާނުގައި ފުންނާބު އުސްކޮށް މިދާވެރިވުމާއި ބާރަށްޓަކައި އެކަކު އަނެކާއަށް ކުރަންޖެހޭ އިޙުތިރާމް މިވަނީ ފޮހެލެވިފައި. މަައުމުނު ދުވަސް ވަރަށްވުރެވެސް ގައުމުގެ. އިގުތިސޯދީ ޙާލަތާއި އިސްލާމްދީނާއި ދިވެހިވަންތަކަމަށް މިވަނީ ނުރައްކާވެފާ.
ކިހިނެއްތޯ މިއަދު މާބޮޑައްގޯސް ނޫންތޯ
އަންނިވެސް މޮޅު. ޒިޔައްޓޭއަތުން ބިޑިއެއް ބޯލައިގެން ހިތައްއަރާ ކޮންމެ އެއްޗެއް ސަޅިކޮށް ޕޯޑިއަމްގައި ޖެއްސީމާ އެންމެން މަޖަލުގައި އަތްޖަހާ އުފަލުން ފޮޅިގެން އުޅޭހެން ހީވާ މަންޒަރުފެނެއެވެ. ގައުމުގައި ކުރެވެމުންއައި މައުމޫނުގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައިވެސް މީނާ ނޫން މީހަކު ކަމެއްކުރިކަމަކަށް ނުވެއެވެ. އެބަދަލު ގެނެވުނީ އަސްލުވެސް ޚުތުވާގެ ތެރަށް މީނާ ހީރަސްޖައިގެން ލީ ދެގަނޑުންކަމަށް ގަބޫލުކުރަނީ ކާކުތޯއެވެ. އޭނާގެ ކުދިންކޮޅު އަތްޖަހާނެ އޭނާ ރާގަނޑު މިއީ ދުވާލޭ ނުންޏަސް. އަބަދުވެސް އޮޅުވާލުމާއި މަކަރާއި ޙީލަތުން މީހުންގެ ބޯ ކާލައިގެން ފަނިއިންދުވައިގެން ވެރިކަމުގައި ބެއްދޭތޯ ބަލަނީއެވެ. އަސްލުނުނަންޏާ ދިވެހި ދައުލަތް މިވަނީ ނިކަމެތިވެ އޭގެ ގަދަރާއި ޢިއްޒަތްގެއްލި ބޮލާފޮށާ އެޅިފައެވެ. ހަމަ އަންނިގެ ސަބަބުންނެވެ. މީނަ ބޭނުންވާ މެދުމިނެއްނެތެވެ. ހަރުކަށި ތެޅިފޮޅޭ އަޚުލާގެއްގެ މީހަކަށްވުމުން އެކަކާއެކުވެސް ތާހިރު ދިރިއުޅުމެއް ނޫޅެވެއެވެ. މައުމޫނު ވެރިކަމުގައި ބައްދަށްވެން ބާރުގެ ބޭނުންކޮށްގެން މީހުން ކުޑަގޮޅިއަށްލައިގެން ޢުމުރަށް ވެރިކަމުގައި ހުރެވިދާނެކަމަށް ޖެހި ސަކަރާތުން މިނިކަމެތިކަން ދައުލަތަށް އަންނާނެކަން އޭރު ތިކިޔާ ޑިމޮކްރެސީ މީހުނަށް ނުވިސްނުނީއެވެ. މިހާރަށްވުރެ ފޮރިންޕޮލިސީވެސް. އިކޮނޮމީވެސް އިސްލާމްދީނަށް ލޯބިކުރުންވެސް މައިންބަފައިންނަށް ކަމޭހިތުންވެސް މައުމޫނުގެ 30 އަހަރުގައި މާރަނގަޅޭބުނެވިދާނެއެވެ. ޚިޔާލަކީ ތަފާތުއެއްޗަކަށްވުމުން ތިބާގެ ޚިޔާލުވެސް ލިޔެލާށެވެ. ފުރަތަމަ ދީނާއި ގައުމުދޯ؟
ވެރިކަމުގައި ބަގުޑިބައްދަން އުޅޭ ކޮންމެ އިންސާނެއްވެސް ޑިކުޓޭޓަރަކަށް ބަދަލުވެ އަނިޔާވެރިކަން ހައްދުން ނައްޓައެވެ. ވަރަށް ދެރަ.
އަސްލު މައުމޫނު ބަހައްޓައިގެން ބޭނުން ބަދަލަށް ޑިމާންޑް ކޮށްގެން ހަލަބޮލިކޮށްނުލައި ގޯގޯ ލަތީފުމެން ބެނުންވިހެން ޙިކުމަތް ބޭނުންކުރިނަމަ މިއުޅޭ ވަކަރުގޭ ކުދިންގެ އަތްމައްޗަށް މިގައުމުދިޔައީސް ކަން ގައިމެވެ. ނަމަވެސް މިހާރު މިއޮތީ ނުލަފާވެގެން ވެރިކަން އަތުލައިގަތުމެވެ. ދެން މި ގައުމު ހަމަޔަކަށް އެޅޭނެ ދުވަހެއް ބުނާކަށް ނޭގެއެވެ. ވާގޮތެއް ބަލަމާދޯ؟