ސުވާލުތަކެއް... މިއީވެސް އެބުނާ އެންމެ މޮޅު ގޮތް ހެއްޔެވެ؟

Loading

Facebook
Twitter
WhatsApp

ކިތަންމެ ގިނަބަޔަކު އެއްބަސްވިޔަސް ނުވަތަ އެގޮތަކަށް ކަންތައް ކުރިޔަސް އެއީ އެންމެ މޮޅު ގޮތް ކަމުގައި ނުވެދާނެއެވެ. މޮޅު ގޮތް ވާނީ ހަމަ މޮޅު ގޮތްތަކަށެވެ. ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ކަމުދާ ގޮތަކަށް ވީމާ އެއީ މޮޅު ގޮތްކަމުގައި ވުން ލާޒިމެއްވެސް ނުކުރާނެއެވެ.

އަޅުގަނޑު ލިޔަން ބޭނުންވަނީ ދާދި މިދާކަށްދުވަހު ހިނގާދިޔަ ހާދިސާއެއްގެ މައްޗަށެވެ. އެއީ ދިވެހިރާއްޖޭގައި ބޭއްވުނު އިންތިޚާބަކާ ގުޅޭގޮތުންނެވެ. ލިއުމުގައި ބޭނުންކުރެވިފައި ވާނީ އަޅުގަނޑުގެ ޚިޔާލެވެ. އަޅުގަނޑަށް ފެންނަ މޮޅު ގޮތެވެ. އެހެންމީހަކު އަޅުގަނޑުގެ ވިސްނުމާ ޚިޔާލަށް އެއްބަސްވުމާއި ނުވުމަކީ އެމީހަކަށް ލިބިފައިވާ ފުރިހަމަ އިޚްތިޔާރެއް ކަމުގައި ހިތުގެ އަޑިން ގަބޫލު ކުރަމެވެ.

ލިއުމާއިގެން ކުރިޔަށް ދިއުމުގެ ކުރިން އެއިންތިޚާބު ކާމިޔާބު ކުރެއްވި އެންމެހާ ބޭފުޅުންނަށް އިޚްލާޞްތެރި ކަމާއެކު މަރުޙަބާ ދަންނަވަމެވެ. އަދި ހަމަ އެއާއެކު އެއިންބޭފުޅަކު ހިތްޕުޅާނުވާ ވާހަކައެއް ލިއެވިފައި ވާނަމަ އަޅުގަނޑާމެދު ހިތްބަރުކަމެއް ނުބޭއްވުމަށް ދަންނަވަމެވެ. އަޅުގަނޑުގެ މި ލިއުމުގެ މަގްސަދަކީ އެއްވެސް ބޭފުޅަކަށް އަމާޒުކޮށްގެން ލިޔާ ލިއުމެއް ނޫނެވެ. ކަންތައް ކުރެވޭގޮތާ ދޭތެރޭ އުފެދޭ ޚިޔާލު ތަފާތުވުންތައް ހާމަކުރުމުގެ ގޮތުން ލިއެވޭ ލިއުމެކެވެ. ގަބޫލުކުރެވޭ ގޮތުގައި ގައުމެއްގެ ރައްޔިތުން އަމަލުކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުމުގައި އެ ރައްޔިތުންގެ ވިސްނުމާއި ފިކުރު ހުރިގޮތް ދެނެގަންނަން ޖެހޭނެއެވެ. މަޝްވަރާގެ އުސޫލުންނެވެ.

މަޝްވަރާގެ އުސޫލުން ކަންތައްތައްކުރުމަށް ބާރު އެޅުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ފެންނާނެހެން އެފަދަ ޢިބާރާތެއް ލިޔެވިފައި އޮތުމަކުން ނުފުދެއެވެ. އެގޮތަށް ޢަމަލުކުރަންވެސް ޖެހޭނެއެވެ.

ވޭތުވެދިޔަ ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ ރައްޔިތުން ވޯޓު ލާފައިވަނީ ނިސްބަތުން ވަރަށް މަދުބައެއްކަން ފާހަގަ ކުރެވުނެވެ. ސަބަބަކީ ކޮބައި ބާވައެވެ؟ މަގުމަތިން އަޑުއިވޭގޮތުގައި ވެރިކަން ހިންގުމުގެ ނިޒާމަށް ރައްޔިތުން ހިތްހަމަ ނުޖެހެނީއެވެ. އުފެދޭ ސުވާލުތައް ހައްތާ ގިނަވަނީއެވެ. ރައްޔިތުން ހިތްހަމަ ނުޖެހެންވީ ކީއްވެގެން ހެއްޔެވެ؟ ރައްޔިތުން ހިތްހަމަ ނުޖެހުން އުފެދުނީ ހަމަކުއްލިއަކަށް ހެއްޔެވެ؟ ރައްޔިތުންގެ ހިތްހަމަ ނުޖެހުން ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އެއީ ނިޒާމު ބަދަލު ކޮށްގެން ކުރުންކަމުގައި ވީނަމަވެސް، އެކަން ކުރުމުގެ މަސްއޫލިއްޔަތު އެޅިފައި ތިބީ ކޮންބައެއްގެ ބޮލުގައިތޯއެވެ؟

ދެން އުފެދޭ ސުވާލަކީ ރައްޔިތުންނަށް ޚިދުމަތްކުރަން އިންތިޚާބު ކުރެވޭ މީހަކު އެތައް ބަޔަކު ދިރިއުޅެމުންގެންދާ މުޖުތަމައަކުން ހަމައެކަނި އެންމެމީހަކު ވޯޓެއްދީގެން ހޮވުމުން އެއީ އެންމެ މޮޅު ގޮތް ހެއްޔެވެ؟ ޚަބަރު ގެނެސްދޭ ވަސީލަތްތަކުން މިވެނިމީހަކަށް އެންމެވޯޓެއްގެ ސަތޭކައިން ސައްތަ ލިބިގެން އިންތިޚާބު ކާމިޔާބު ކޮށްފިޔޭ ބުނާއިރު އެދެވުނީ ޝަރަފެއް ހެއްޔެވެ؟ ނުވަތަ އެ ކުރެވުނީ މަލާމާތެއް ހެއްޔެވެ؟

އެހެންމީހުން ވޯޓުނުލީ ކީއްވެގެންހެއްޔޭ ބުނެވިދާނެއެވެ. އެކަމަކު ދެނެގަންނަންޖެހޭ ހަގީގަތަކީ ވޯޓުދިނުމާ ނުދިނުމަކީވެސް އިޚްތިޔާރު ލިބިފައިވާ ކަމެއް ކަމެވެ. ދެން އުފެދޭ ސުވާލަކީ އެންމެ ވޯޓަކުން އިންތިޚާބު ކުރެވޭ މީހަކަށް މުޅި މުޖުތަމައުގެ ނަމުގައި ބަސްކިއުން ހުއްދަ ކުރެވޭނެ އުސޫލަކީ ކޮބައި ހެއްޔެވެ؟ މާދަމާ ދިވެހިގައުމުގެ އެންމެ މަތީ މަގާމަށް މީހަކު ޚިޔާރު ކުރާއިރު ސަތޭކަ މީހުން ވޯޓުލައިގެން ފަންސާސް އެއްވޯޓުން ކާމިޔާބު ކުރެވޭ މީހަކަށް ދިވެހި ގައުމުގެ ވަލިއްޔުލް އަމްރު ކަމުގެ މަގާމުވެސް ޙަވާލު ކުރަންވީހެއްޔެވެ؟ މިއީ ކޮންފަދަ ނުރަނގަޅު ނިންމުމަކަށް ވާނެހެއްޔެވެ؟

މިހުރިހާ ސުވާލުތަކުގެ ޖަވާބަކީވެސް ގާނޫނާއި ގަވައިދުތައް މިކަހަލަ ޙާލަތުތަކަށް ފުރުޞަތު ނުލިބޭގޮތަށް ފަރުމާ ކުރެވިފައި ވުމެވެ. ގާނޫނާއި ގަވައިދުތައް ހެދިފައިހުންނަން ވާނީ އެ ގާނޫނުތަކާއި ގަވައިދުތައް ހިންގުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިތިބި ރައްޔިތުންގެ ޚާދިމުން ބޭނުންވާގޮތަށްވުރެން ރައްޔިތުންގެ މަސްލަޙަތު ރައްކާކުރެވޭ ގޮތަށެވެ. އެނޫން ގޮތްގޮތަށް ހެދިފައިހުރި ގާނޫނުތަކާއި ގަވައިދުތައް ވަގުތުން ބަދަލުކުރަން ޖެހޭނެއެވެ. އެކަމަށް އިންތިޚާބުކުރެވިފައިވާ މީހުންނަށް ރައްޔިތުންގެ ވިސްނުމާއި ފިކުރާއި ވިންދުވެސް އެނގެން ޖެހޭނެއެވެ. ނުވިތާކަށް އެރައްޔިތުންގެ ގާތަށްގޮސް އަހައި އޮޅުންފިލުވައިގެންނެވެ.

މިދިޔަ ކައުންސިލް އިންތިޚާބުގައި ރައްޔިތުން ބަސް އިއްވިގޮތަށް ދެވަނަފަހަރު އެކަހަލަ ފުރުޞަތެއް ނުދިނުމަށްޓަކައެވެ. މުޅި ދުނިޔެއަށް ހުޅުވާލައިގެން އާންމުކުރަމުންދިޔަ އިންތިޚާބުގެ ނަތީޖާއާމެދު ވިސްނާ ފިކުރު ކުރުން ހުއްޓެވެ. ކޮންފަދަ ހަޑި ގޮތަކަށް ނިމިގެންދިޔަ ރައްޔިތުންގެ ބައިވެރިވުންނެތް އެކަމަކުވެސް ރައްޔިތުންގެ އިންތިޚާބެއްހެއްޔެވެ؟

ރައްޔިތުންގެ އަޣްލަބިއްޔަތު، ބައިވެރި ނުވާ އިންތިޚާބަކީ ބާތިލު އިންތިޚާބަކަށް ހަދައިގެން ވިޔަސް މިހާރު ގާނޫނާއި ގަވައިދުތައް އޮތް ގޮތަށްވުރެ މޮޅު ގޮތެއް ހޯދަން މިވަނީ ޖެހިފައެވެ. ތެދުވެރި އިޚުލާސްތެރި މެމްބަރުންތަކެއް މަޖިލީހުގައި ތިއްބެވިނަމަ މިއީ އެވަގުތެވެ. އެހެނީ ވެރިކަމެއް ކަމުނުގޮސްގެން ވެރިކަން ބަދަލުކޮށްދީފިއެވެ. ވެރިކަން ލިބުނަސް މަޖިލީސް ނުލިބި ސަރުކާރަށް ދައުލަތް ނުހިންގޭނޭ ބުނެ އެބަސްވެސް ރައްޔަތު މީހާ އަޑުއަހައި ގަނޑުކޮށް އެވަނީ މަޖިލީސްވެސް އެބަޔަކަށް ދީފައެވެ.

ވީމާ މިހާރު މަޖިލީހުން އެވެނި މިވެނިކަމެއް ނިންމުން ދަތިވެގެން ގާނޫނަކުންނަމަވެސް ރަނގަޅު ނުކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. ވީއިރު މިއީ އެދަނޑިވަޅޭ ދެންނެވުން ކުށަކަށް ވާނެތޯއެވެ؟

 

Loading

4 Responses

  1. ކިތަންމެގިނަ ސުވާލެއވެސް ކުރެވިދާނެއެވެ. އިޚްލާޞްތެރިކަމާއެކު ރައްޔިތުންގެ އަޑުއަހާނެ ރައްޔިތުންގެ މަޖިލީހެއްގެ އޮތުމުގެ މުހިންމުކަން ލިޔުމުގައިފާހަގަކުރި އިންތިޚާބުންވެސް އެނގިގެން ހިގައްޖެއެވެ. ކުރީގައި އަޑުގަދަމީހާ އާއި ދެކާފުގެ ފަރަގުން ވެރިކަން ކުރިގޮތަށް ދެން ވެރިކަންކުރުމުގެ ފުރުޞަތު ރައްޔިތުން ނުދޭނެކަންވެސް އެއޮތީ އަންގާފައެވެ. އެބުނުން އެގޮތަށް މާނަކުރުމަކީ ބޭނުންކަމެކެވެ. ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި ކިތަންމެ މަދުބަޔަކު ވޯޓުދިނަސް ފަރުވާލެއްނެތޭ ހީކޮށް ތިބޭކަށް ނުވާނެއެވެ. ކެތްތެރިކަން ކޮޅުންލުމަކީ ވެދާނެކަމެކެވެ.

  2. ތިބުނިވާހަކަ ރަނގަޅެވެ. ނަމަވެސް ތިކަމާ ވިސްނާވަރަށްވުރެ ވަގުތީ ފައިދާ މާބޮޑެވެ. ވީމާ ލިބިފައިވާ ފުރުސަތުގައި އެމީހަކަށް ފައިދާއާއި މަންފާއެއް ކޮށްފާނެ ހުރިހާގޮތެއް ބަލައި އަވަސްކޮށްލަން ޖެހޭނޫންހެއްޔެވެ. އެހެނީ 5 އަހަރުވެސް ވެރިކަމުގައި ނުތިބެވޭގޮތް އެބަ ދިމާވެއެވެ. ވީމާ އަވަހިއްޔާ އަވަސްނޫންތޯއެވެ. މިހާރު މަޖިލިސްވިޔަސް ސިޔާސީ ޕާޓިތަކަށްވަދެ އިންވެސްޓްކޮށް ކަރުންނާރުނެރެ ފލި އުޅެނީ އަވަސް މަންފާއަށް އެދިގެނެވެ.
    ތިބުނާ ގާނޫނާއި ހެޔޮގަވައިދުތައް ހަދައިގެން ރައްޔަތުމީހާއަށް މަންފާހޯދައިދީ ނުވަތަ އަދުލުއިންސާފު ހޯދައިދިނުމަށް އުލެނީ ކާކުތޯއެވެ. އެއީ ބޭކާރުކަމެއްކަމުގައި މިހާރުގެ ބޮޑުންވެސް ދެކެނީ. ވީމާ ތިކަމާއިވިސްނަން ވަގުތެއްނެތެވެ. ވަރަށް ސޮރީއޭ އެވެރިންވެސް ބުނާނީ!

  3. ތިންމީހުން އޮްންލައިންކޮށް ވޯޓުލައިގެންވެސް ބޮޑުމީހާ ބޭނުންވާ ރިސަލްޓެއް ލިބުނީމާ ނިމުނީއެވެ. ރިޒަލްޓް އޭނާ ބޭނުންވާގޮތަށް ނުވެއްޖެނަމަ އަލުން ވޯޓުލުމަށް އަވަހަށް ގޮވާނެއެވެ. އެއީނޫންތޯ ޑިމޮކްރަސީ އަކީ؟ މާ މުސްކުޅި ފިކުރުތިއީ. ވާހަކަ ދައްކަންވާނީ ދީނައްޓަކާ! ރައްޔަތުންނަށްޓަކާ! ގައުމަށްޓަކާ! ނަމަވެސް އަސްލަކީ ޖީބަށްޓަކާ! ތުކި….

  4. ބައެއް ބޭފުޅުންނަށް އެ ގޮނޑި ނުލިބޭއިރު ތިކަހަލަ ލަފާ ޚިޔާލުފުޅު އަންނާނެއެވެ. ނަމަވެސް ގޮނޑި ލިބުނީމާ ވިސްނުން ބަދަލުވެ ފުރިހަމަވާނެއެވެ. ތިބޭފުޅާއަށްވެސް އެފަދަ މަގާމެއް ލިބިލެއްވީމާ އެނގޭނީ އޭގެ ފޮނިކަން. އެފޮނިކަން ފެނި ރަހަލުމުންވެސް ބަދަލުނުވާނީ 1% މީހުންކަން ނޭންގެ މިދިވެހި ދީބުގެ. އެއަށްވުރެވެސް މަދުވާނީދޯ؟

Leave a Reply to އައްޑޫ އަޙުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް