ކޮވިޑް-19 އަށް ދެމުން އަންނަ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރުމަށްފަހު ރާއްޖެތެރޭގައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސިގެންދާނެ ކަމަށް ސަރުކާރުގެ ސްޕޯކްސްޕާސަން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ވާޗުއަލްކޮށް ބޭއްވި މީޑިއާ ބްރީފިންއެއްގައި އޭނާ ވިދާޅުވީ، ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފަހު، ރާއްޖޭގެ އެތެރޭގައި ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. ނަމަވެސް ވެކްސިން ޖެހުމަށް ފަހު ދަތުރު ކުރެވެނީ ސީދާ ކިތައް ދުވަސް ފަހުން ކަން އަދި ނިންމާފައި ނުވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް-19އިން ދިފާޢުވުމަށް ރާއްޖޭގައި ޖަހަން ހުއްދަ ދީފައިވަނީ ތިން ވެކްސިނަކަށެވެ. އެއީ އިންޑިއާއިން ހަދިޔާކުރި އަސްޓްރާޒެނެކާ ކޮވިޝީލްޑް ވެކްސިނާއި، ޗައިނާއިން ހަދިޔާކުރި ސިނޮފާމް ވެކްސިނާއި ފައިޒާ ވެކްސިނެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހު އެކެއްގަ އެވެ. އޭރު ވެކްސިންގެ ގޮތުގައި ބޭނުން ކުރީ ކޮވިޝީލްޑް ވެކްސިނެވެ.އެ ޑޯޒް ޖެހިތާ އަށް ހަފުތާއަށް ފަހު ދެވަނަ ޑޯޒް ޖަހަން ފަށާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފަ އެވެ.
މިހާރު ރާއްޖޭގައި ދެމުންދަނީ ޗައިނާއިން ހަދިޔާކުރި ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒެވެ.
One Response
ވެރީ ގުޑް. މާލޭ ބަންދުގައި ތިބޭތާ ވީހާ ދުވަހެއް ވެއްޖެ. މަރުޙަބާ